ސަލްމާން ޚާން "އިންޝާﷲ" ދޫކޮށްލީ ގައިގޯޅި މަންޒަރުތަކާ ހެދި

މިދިޔަ މަހު ޝޫޓިން ފަށަން ތައްޔާރުވެފައި ވަނިކޮށް ސަލްމާން ޚާން ނުކުޅެ ދޫކޮށްލި، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" އޭނާ ދޫކޮށްލި ކަމަށް ބުނާ އެހެން ސަބަބެއް މީޑިއާތަކުން މިހާރު ދައްކަން ފަށައިފި އެވެ.


ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާލިއާ ބަޓާ އެކު ސަލްމާން ކުޅެން އޮތް ފިލްމު ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި ފިލްމުގެ ފީގެ މައްސަލާގައި އެއްބަސްވުމަކަށް ނާދެވުމާއި ބަންސާލީ ބޭނުންވި މުއްދަތަށް ތާރީހުތައް ދެވެން ނެތުމާއި އޭނާ ފިލްމަށް ގެންނަން ބޭނުންވި ބައެއް ބަތަލާއިންނަށް ބަންސާލީ ގަބޫލުނުވުން ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ސްކްރިޕްޓާ ދޭތެރޭ ވެސް ސަލްމާންގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށްވެ އެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކާ ބެހޭ ގޮތުން ސަލްމާނާއި ބަންސާލީ ވެސް އެއްވެސް ވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި ސަލްމާން "އިންޝާﷲ" ދޫކޮށްލީ ޒުވާން ބަތަލާ އާލިއާއާ އެކު ވަރަށް ގިނަ ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭތީ އެވެ. އޭގެ ތެރޭގައި ތުންފަތަށް ބޮސްދިނުން ކަހަލަ މަންޒަރުތައް ފިލްމުގައި ގިނަ އަދަދަކަށް ހިމެނޭ ކަމަށްވެ އެވެ. އެހެންވެ އެފަދަ މަބްޒަރުތަކެއް ކުޅެން ބޭނުންނުވާތީ ބަންސާލީއާ ހިޔާލު ތަފާތުވެގެން ސަލްމާން ފިލްމު ދޫކޮށްލީ އެވެ.

ސަލްމާނަކީ މިހާތަނަށް އޭނާ ކުޅުނު އެއްވެސް ފިލްމެއްގައި ގައިގޯޅި މަންޒަރުތައް ކުޅުނު އެކްޓަރެއް ނޫނެވެ. އަދި އެ އުސޫލު އަބަދު ވެސް ދަމަހައްޓާނެ ކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. ސަލްމާން ބުނާގޮތުގައި އާއިލާ މީހުން އެއްކޮށް ތިބެގެން ބަލައިނުލެވޭ ކަހަލަ ފިލްމަކަށް އޭނާ ދުވަހަކު ވެސް އެއްބަހެއް ނުވާނެ އެވެ. އެހެންވެ "އިންޝާﷲ" ގައި ވެސް ގައިގޯޅި މަންޒަރުތަކެއް ކުޅެން އޭނާ ބޭނުންނުވީ ކަމަށްވެ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމަކީ އެމެރިކާގައި ދިރިއުޅޭ ނުފޫޒު ގަދަ ދުވަސްވީ ވިޔަފާރިވެރިޔަކާއި އިންޑިއާގެ ޒުވާން ބަތަލާއަކާ ދެމެދު ހިނގާ އަސަރު ގަދަ ލޯބީގެ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

ސަލްމާން "އިންޝާﷲ" ދޫކޮށްލުމުން އެ ފިލްމު ނަހަދައި ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ ބަދަލުގައި އެހެން އެކްޓަރާ އެކު އެ ފިލްމު ބަންސާލީ ހަދައިފާނެ އެވެ. އެގޮތުން ރިތިކް ރޯޝަން ނުވަތަ ޝާހްރުކް ޙާނާ އެކު "އިންޝާﷲ" ހަދައިފާނެ ކަމަށް ވެސް ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް ބަންސާލީގެ ފޭނުން މިހާރު އަންނަނީ އޭނާގެ ދެން ހަދާ ފިލްމެއް ރަސްމީކޮށް އިއުލާންކުރާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. އިންޑިއާގެ އެންމެ މޮޅު އަދި ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީ އެންމެ ފަހުން ގެނެސްދިނީ މިދިޔަ އަހަރުގެ "ޕަދުމާވަތު" އެވެ.