23 ސެޕްޓެމްބަރ 2019 - 08:24
ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން މިދިޔަ އަހަރު ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 10 އިން ވަކިކުރި މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ އެ ޝޯގެ ކުރިއަށް އޮތް ސީޒަނުގެ ޖަޖެއްގެ ގޮތުގައި ފެންނާނެކަން ކަށަވަރުވެއްޖެ އެވެ.
"އިންޑިއަން އައިޑޮލް" ސީޒަން 11 ރަސްމީކޮށް އިއުލާންކުރަން ސޮނީގެ "ސުޕަސްޓާ ސިންގަ" ގައި ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން އެޕިސޯޑްގައި އަނޫ ވަނީ ބައިވެރިވެފަ އެވެ. އޭނާއާ އެކު ޝޯގެ އެންމެ ފަހުގެ ސީޒަންގެ ދެ ޖަޖުން ކަމަށްވާ ނޭހާ ކައްކަރާއި ވިޝާލް ދަދުލާނީ ވެސް ބައިވެރިވި އެވެ.
"ސުޕަސްޓާ ސިންގަ" އަށް "އިންޑިއަން އައިޑޮލް" ސީޒަން 11 ލޯންޗްކުރަން ދިއުމުގެ ކުރިން ވެސް މި ޝޯގެ މެހުމާނެއްގެ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި އަނޫ ބައިވެރިވެފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އޭރު ވެސް ބުނީ އެއީ "އިންޑިއަން އައިޑޮލް" ގެ ކުރިއަށް އޮތް ސީޒަނަށް އަނޫ އަންނަން އުޅޭކަމުގެ ސިގްނަލެއް ކަމަށެވެ.
އޭނާގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރު ޝޯ އިން ވަކިކުރީ ޝޯގެ ފިނާލޭ ވެސް ވަރަށް ގާތްވެފައި ވަނިކޮށް، އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެކިއެކި މިއުޒިޝަނުން ހަފުތާތަކެއް ވަންދެން ގެސްޓް ޖަޖުންގެ ގޮތުގައި ގެނައުމަށް ފަހު، "އިންޑިއަން އައިޑޮލް" ސީޒަން 10 ނިންމައިލީ ޖަޖަކަށް "ސުޕަސްޓަ ސިންގާ" ގައި މިހާރު ޖަޖަކަށް ހުރި ލަވަކިޔުންތެރިޔާ ޖާވިދު އަލީ ހިމަނައިގެންނެވެ.
އަނޫގެ މައްޗަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކޮށްފައިވާ އިރު، ލަވަކިޔުންތެރިން ކަމަށްވާ ސޯނާ މަހާޕަޓްރާ އާއި ޝްވޭތާ ޕަންޑިތާއި އަލީޝާ ޝިނޯއި ފަދަ ފަންނާނުން އޭނާއާ ދެކޮޅަށް ވާހަކަތައް ދައްކާފައިވެ އެވެ.
"އިންޑިއަން އައިޑޮލް" ސީޒަން 11 ގެ އޮޑިޝަންތައް ނިންމާލައި، ސޮނީން މިހާރު އަންނަނީ އޮޑިޝަންގެ އެޕިސޯޑްތައް ގެނެސްދޭން ތައްޔާރުވަމުންނެވެ. ޝޯ ފަށާނީ އަންނަ މަހުގެ 12 ގަ އެވެ.
އަނޫއަކީ "އިންޑިއަން އައިޑޮލް" ގެނެސްދޭން ފެށި ފަހުން އެ ޝޯގެ "ޖޫނިއާ" ވާޝަންތައް ނޫން އެހެން ހުރިހާ ޝޯތަކެއްގައި މިހާތަނަށް ޖަޖްކަން ކުރި ހަމައެކަނި ފަންނާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy