އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އަށް "ގަލީ ބޯއި"

އިންޑިއާ އިން އަންނަ އަހަރުގެ އޮސްކާ އެވޯޑަށް، މި އަހަރު ރިލީޒްކުރި "ގަލީ ބޯއި" ފޮނުވާ ގޮތަށް ހަމަޖައްސައިފި އެވެ.


އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގެ ފޮރިން ލެންގްއޭޖް ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވާ ފިލްމަކަށް "ގަލީ ބޯއި" ހޮވުނީ އެކަމަށް ހުށަހެޅި 28 ފިލްމުގެ ތެރެއިންނެވެ.

އެ ފުރުސަތު އެ ފިލްމަށް ލިބުނުކަން ޕްރޮޑިއުސަރު ފަރުހާން އަޚްތަރު ޓްވިޓާގައި ހިއްސާކުރުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔައި ޓްވީޓްކޮށްފައި އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި "ގަލީ ބޯއި" އަކީ ފަރުހާންގެ ދައްތަ އަޚްތަރު ޑައިރެކްޓްކުރި ފިލްމެކެވެ.

އޭގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓާއި އަލަށް ތައާރަފުވި ސިދާންތު ޗަތިރަވެދީގެ އިތުރުން ކަލްކީ ކޮއެޗްލިން އެވެ. "ގަލީ ބޯއި" އަކީ އިންޑިއާގެ މަގުމަތިން އުފަންވި ހުނަރުވެރި ދެ ރެޕާއިން ކަމަށްވާ ނައޭޒީ އާއި ޑަވައިންގެ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

ބެލުންތެރިންނާއި ކްރިޓިކުންގެ ތައުރީފު އޮހުނު "ގަލީ ބޯއި" އަކީ ބޮކްސް އޮފީހުގައި ވެސް ވަރަށް ހިނގި ފިލްމެކެވެ. ޖުމްލަ 84 ކްރޯޑް ރުޕީސް (12 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަށް 238.16 ކްރޯޑް ރުޕީސް (36.55 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

"ގަލީ ބޯއި" އަކީ އެ ފިލްމު ރިލީޒްކުރުމުގެ ކުރިން އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް ކުޅުނު ފިލްމު "8 މައިލް" ގެ ކޮޕީއެއް ކަމަށް އަޑު ފެތުރު ނަމަވެސް، ފިލްމު ރިލީޒްވުމުން އެ ފިލްމާއި "ގަލީ ބޯއި" އާ ބެހޭ ގޮތުން ދެކެވުނު އެ ވާހަކަ ހުއްޓުމަކަށް އަ އެވެ.

"ގަލީ ބޯއި" ގެ ޓްރެއިލާ.

އެ ފިލްމު ފެބްރުއަރީ 14 ގައި ރިލީޒްކުރުމުގެ ކުރިން މި ފެބްރުއަރީ މަހުގެ 9 ގައި ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓީވަލް (ބީއައިއެފްއެފް) ގައި ޕްރިމިއާ ވެސް ކުރި އެވެ. މީގެ އިތުރުން "ގަލީ ބޯއި" މިދިޔަ މަހު އޮސްޓްރޭލިއާގައި ބޭއްވި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްބީ) ގައި ބެސްޓް ފިލްމުގެ އެވޯޑް ލިބުނު ފިލްމެކެވެ.

އަދި ދެކުނު ކޮރެއާގައި ޖުލައި މަހު ބޭއްވި 23 ވަނަ ބުޗޯން އިންޓަނެޝަނަލް ފެންޓާސްޓިކް ފިލްމު ފެސްޓިވަލް (ބީއައިއެފްއޭއެން) ގައި "ގަލީ ބޯއި" އަށް ނެޓްވޯކް ފޮ ދަ ޕްރޮމޯޝަން އޮފް އޭޝިއަން ސިނެމާ (އެންއީޓީޕީއޭސީ) އެވޯޑް ވެސް ލިބިފައިވެ އެވެ.