24 ސެޕްޓެމްބަރ 2019 - 08:31
ސަޕޯޓިވް ފިރިއެއް ހުރުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެކަހަލަ ފިރިއެއް ލިބުނީތީ ވަރަށް އުފާކުރާ ކަމަށް ބަތަލާ ސޯނަމް ކަޕޫރް ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ދަ ޒޯޔާ ފެކްޓާ" ގެ ބަތަލާ ބުނީ ކައިވެންޏަކަށް ފަހު ގިނަ އަންހެނުންގެ ކެރިއަރަށް ބުރޫއަރައި، ހުވަފެންތައް ހަގީގަތަކަށް ހަދަން ހުރަސްތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް ފިރިމީހާ އާނަންދު އަހޫޖާ އަކީ ކުރާ ކޮންމެ ކަމެއްގައި ވަރަށް ބޮޑު އެއްބާރުލުމެއްދޭ، ހިތްވަރުދޭ ފިރިއެއް ކަމަށް ސޯނަމް ބުންޏެވެ.
"އެއީ ކަންނޭނގޭ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ނަސީބަކީ ވެސް،" އެކްޓަރު އަނިލް ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅު ބުންޏެވެ. "އާނަންދު އަބަދުވެސް އަހަރެން ކުރިއަށްދާން ވަރަށް ހިތްވަރުދޭ، ވަރަށް ލޯބި ފިރިއެއް. އެކަމާ އަހަރެން ވަރަށް އުފާކުރަން. ކައިވެންޏަކަށް ފަހު އަންހެނަކަށް ވެސް ކުރިއަށް ދެވޭނީ ވެސް ފިރިމީހާގެ ސަޕޯޓް ވަރަށް ބޮޑަށް އޮވެގެން."
ސޯނަމް ބުނިގޮތުގައި ކައިވެނިކުރުމަކީ ކެރިއަރު ހުއްޓުމަކަށް އަންނަން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު ކައިވެނިކޮށްގެން އުޅޭ ނަމަ ޕްރޮފެޝަނަލް ކެރިއަރާއި ޒާތީ ދިރިއުޅުން ބެލެންސްކުރަން އެނގެންވާނެ ކަމަށް ބުންޏެވެ.
"އެންމެ މުހިއްމު އެއް ކަމަކީ އެކަކު އަނެކަކަށް ވަގުތު ދިނުން. ކައިވެންޏަށް ދަމަހައްޓަން އެކަން ވަރަށް މުހިއްމު ވާނެ. އަހަރެން އަބަދު ވެސް ބަލަން ފިރިމީހާ އަށް ވީހާ ވެސް ގިނައިން ވަގުތުދެވޭތޯ،" މިދިޔަ އަހަރު ކައިވެނިކުރި ސޯނަމް ބުންޏެވެ. "އަދި ކައިވެނިކޮށްގެން އުޅޭ އިރު ކައިވެންޏަށް އިސްކަން ވެސް ދޭން ވާނެ. އަދި އެއާއެކު އެކީގައި ކެރިއަރު ބިނާކުރަން މަސައްކަތްތައް ވެސް ކުރަންވާނެ."
ސޯނަމާއި އާނަންދު ކައިވެނިކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އާނަންދަކީ އާންމުކޮށް އިނގިރޭސިވިލާތުގައި ދިރިއުޅޭ ޒުވާން ވިޔަފާވެރިއެކެވެ. އަދި ކައިވެނިކުރި ފަހުން ސޯނަމަކީ އިންޑިއާ އާއި އިނގިރޭސިވިލާތާ ދޭތެރޭ ވަރަށް ގިނައިން ދަތުރުކުރާ ބަތަލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy