23 ސެޕްޓެމްބަރ 2019 - 15:01
އާންމު މިންގަނޑަށް ނުފެތޭ ބޭއަދަބީ މަންޒަރުތައް ގިނަކަމުން އެ ފިލްމަކީ ދައްކަން ހެޔޮވާރުގެ ފިލްމެއް ނޫން ކަމަށް ނިންމައި، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒްގެ އެންމެ ފަހުގެ ފިލްމު "ހަސްލަޒް" މެލޭޝިއާގައި ދެއްކުން މަނާކޮށްފި އެވެ.
އެސްޓީއެކްސްގެ މި ފިލްމު އެ ގަމުގައި މަނާކުރިކަން މެލޭޝިއާގައި ފިލްމު ޑިސްޓްރިބިއުޝަނާ ހަވާލުވި ސްކްއާ ބޮކްސް ޕިކްޗާޒް އިން ވަނީ އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. އެތަނުން ބުނީ ފިލްމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ނަމަވެސް "ހަސްލާޒް" މެލޭޝިއާގައި ދެއްކޭ ގޮތް ނުވުމުން މާފަށް އެދޭ ކަމަށެވެ.
މެލޭޝިއާގެ ފިލްމު ސެންސަޝިޕް ބޯޑުން އެ ފިލްމު ސިފަކޮށްފައި ވަނީ ސިނަމާތަކުގައި ދައްކަން ހެޔޮ ނުވާނެ ފިލްމެއްގެ ގޮތުގަ އެވެ. ނިވާކަން ކުޑަ މަންޒަރުތަކާއި މަސްތުވާތަކެތި ބޭނުންކުރުން ފަދަ މަންޒަރުތައް ފިލްމުގައި ވަރަށް ގިނަ ކަމަށް ބުންޏެވެ.
ބޯޑްގެ ޗެއާމަން މުހައްމަދު ޒަމްބޭރީ އަބްދުލް އަޒީޒް އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ފިލްމު ސެންސަރުކޮށްގެން ދައްކާ ނަމަ އޭގައި ކަނޑާލަން ޖެހޭ ކިތަންމެ މަންޒަރެއް ހުރުމުން ބަލާނެ އެއްޗެއް ފިލްމުގައި ނޯންނާނެ އެވެ.
"އެހެންވެ ފިލްމު މަނާކުރީ،" އޭނާ ވިދާޅުވި އެވެ.
މެލޭޝިއާގެ މި ނިންމުމާ ގުޅިގެން އެސްޓީއެކްސް އިން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
މީގެ ކުރިން ވެސް މެލޭޝިއާ އަކީ ބައެއް ފިލްމުތައް މަނާކޮށްފައިވާ ގައުމެކެވެ. އޭގެ ތެރޭގައި 2013 ގެ "ދަ ވުލްފް އޮފް ވޮލްސްޓްރީޓް" އާއި 2015 ގެ "ފިފްޓީ ޝޭޑްސް އޮފް ގްރޭ" އަދި 2009 ގެ "ބްރޫނޯ" ހިމެނެ އެވެ. ދާދި ފަހުން އިނގިރޭސި މިއުޒިކް ލެޖެންޑް އެލްޓަން ޖޯންގެ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްމޭން" ވެސް މެލޭޝިއާގައި ދެއްކީ އެތައް މަންޒަރެއް ކަނޑައިލުމަށް ފަހު އެވެ.
މި މަހުގެ 13 ގައި ރިލީޒްކުރި "ހަސްލާޒް" އަކީ 2015 ވަނަ އަހަރު ނިއު ޔޯކް ޓައިމްސްގައި "ދަ ހަސްލާޒް އެޓް ސްކޯސް" ގެ ނަމުގައި ޖެހި އާޓިކަލެއްގެ މައްޗަށް ބިނާކޮށް ލޮރީން ސްކަފާރިއާ ޑައިރެކްޓްކުރި ކްރައިމް ޑްރާމާއެކެވެ.
މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ޕްރިމިއާކުރި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ލޮޕޭޒް، ކޮންސްޓެންސް ވޫ، ޖޫލިއާ ސްޓައިލްސް، ކެކީ ޕަލްމާ، ލިލީ ރެއިންހާޓް، ލިޒޯ އަދި ރެޕާ ކާޑީ ބީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
100% މުސްލިމުންނޯލަ
24 September 2019
މެލޭޝިއާގަ މަނާކުރި އިރު މި ޤައުމުގެ ނޫހުގަ ކީއްވެގެން ވީޑިއޯ ޖެހެންވީ،؟ މިވެސް މުސްލިމުންކިޔާ ހަދާ ނޫހެއްނު
ޔޫތް
23 September 2019
ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށްވާ ދިވެހިރާއްޖޭގައި މިއިންޒަމާނަކު ފިލްމެއްގެ މައްސަލަ ތިވަރުނުވޭ
ކކކކ
23 September 2019
މިކަހަލަ ކަންތަކުން މިސާލު ނަގާކަށް ދިވެހިންނަކަށް ނޭގޭނެ.