ނިތޭޝް ތިވާރީގެ ފިލްމަކަށް ސޮއެއް ނުކުރަން: ރިތިކް ރޯޝަން

އިންޑިއާގައި މަޝްހޫރު ވާހަކައެއް ކަމަށްވާ ރަމާޔަން އަށް ބިނާކޮށް ޑައިރެކްޓަރު ނިތޭޝް ތިވާރީ ހަދާ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ބުނާ ވާހަކަ ރިތިކް ރޯޝަން ދޮގުކޮށްފި އެވެ.


އަންނަ މަހުގެ 2 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ވޯ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި ނޫސްވެރިން އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ރިތިކް ބުނީ ނިތޭޝްގެ ފިލްމާ ގުޅުވައިގެން އޭނާއާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ތި ބުނާ ޕްރޮކެޓަކާ އަހަންނަކާ އެއްވެސް ގުޅުމެއް ނެތް. އަދި ތިއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް އަހަންނަކަށް ލިބިފައެއް ނެތް،" ރިތިކް ބުންޏެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ނިތޭޝްގެ "ރަމާޔަން" އިން ރިތިކަށް ދީފައި ވަނީ ރާމްގެ ކެރެކްޓާ އެވެ. އަދި އެ ފިލްމުގެ ރޯލަކުން ދާދި ފަހުން ރިލީޒްކުރި ޕްރަބާސް ވެސް ފެންނާނެ ކަމަށްވެ އެވެ.

ރިތިކް ބުނީ ނިތޭޝްގެ ފިލްމު އޭނާ އަށް ހުށަހަޅާފައި ނެތަސް، ރާމްގެ ކެރެކްޓާއަކީ ކުޅެލަން ވަރަށް ޝައުގުވެރިވާ ކަހަލަ ރޯލެއް ކަމަށެވެ.

ޖުމްލަ 600 ކްރޯޑް ރުޕީސް (85 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ތިން ބަޔަކަށް ހަދާ ފިލްމުގެ ބަތަލާ ސީތާގެ ރޯލަށް މިހާރު ޝްރަދާ ކަޕޫރް އެއްބަސްވެފައިވާ ކަމަށްވެ އެވެ. އޭނާއަކީ މިހާރު ވެސް ސިނަމާތަކުގައި ދައްކަމުން ނިތޭޝްގެ އެންމެ ފަހުގެ ފިލްމު "ޗިޗޯރޭ" ގެ ބަތަލާ އެވެ.

ނޫސްތަކުން ބުނިގޮތުގައި ފިލްމަށް ޝްރަދާ އެއްބަސްވީ ޑައިރެކްޓަރު ލަވް ރަންޖަން، އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރާ އެކު ހަދާ ފިލްމު ވެސް ހުށަހަޅާފައި ވަނިކޮށް، އެ ފިލްމު ދޫކޮށްލުމަށް ފަހު އެވެ.

ޝްރަދާގެ ނަން ނިތޭޝްގެ އާ ފިލްމާ ގުޅުވުމުގެ ކުރިން ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ ބަތަލާގެ ރޯލް ދީޕިކާ ޕަދްކޯނަށް ވެސް ހުށަހެޅި އެވެ. ދީޕިކާއަކީ ލަވްގެ ފިލްމަށް ވެސް ވާހަކަ ދެކެވުނު ބަތަލާއެކެވެ.

"ރަމާޔަން" އަކީ އަލޫ އަރުވިންދާއި މަދޫ މަންޓޭނާގެ އިތުރުން ނަމިތު މަލްއުރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަދި މީގެ ޑައިރެކްޝަނުގައި ނިތޭޝްއާ އެކު 2017 ގައި ރިލީޒްކުރި ސްރީދޭވީގެ "މޮމް" ގެ ޑައިރެކްޓަރު ރަވީ އުދޭވަރު ވެސް ހިއްސާވާނެ އެވެ.

ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭން ނިންމާފައިވާ މި ބޮޑު ފިލްމު ސްކްރީނަށް ގެންނާނީ 3ޑީ ފޯމެޓްގަ އެވެ.