އައިޝްވާރިއާ ރާއީ އަށް ޑަބަލް ރޯލެއް

ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމަކަށް އައިޝްވާރިޔާ ރާއީ ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ. އެކަމަކު އެ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އެ ދެ މީހުން މިހާތަނަށް ރަސްމީކޮށް ހިއްސާއެއް ނުކުރެ އެވެ.


މީޑިއާތަކުން މިހާރު މިއޮތީ އަނެއްކާ ވެސް އެ ފިލްމާ ބެހޭ އިތުރު ވާހަކަތަކެއް ތިލަކޮށްފަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އައިޝްވާރިޔާ ސޮއިކުރި މަނީގެ އާ ފިލްމުގެ ނަމަކީ ތަމަޅަ ބަހުން ހަދާ "ޕޮނިޔިން ސެލްވަން" އެވެ. މިއީ ލިޔުންތެރިޔާ ކަލްކީ ކްރިޝްނަމުރުތީ ހަމަ އެ ނަމުގައި 1950 ގައި ގެނެސްދިން ތާރީހީ ވާހަކައަށް ބިނާކޮށް ހަދާ ފިލްމެކެވެ.

"ޕޮނިޔިން ސެލްވަން" ގައި އައިޝްވާރީއާ ކުޅޭނީ ޑަބަލް ރޯލެކެވެ. އެއީ ދަރިއަކާއި މަންމައެއްގެ ރޯލެވެ. މިހާތަނަށް އޭނާ އަދި ޑަބަލް ރޯލެއް ނުކުޅެ އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ތަރިންގެ ތެރޭގައި ސައުތުގެ އޭ ލިސްޓް ތަރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ވިޖޭ ސެތުޕަތީ، ވިކްރަމް ކަރްތީ، ޖަޔަމް ރަވީ އަދި މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި ކީރްތީ ސުރޭޝް ހިމެނެ އެވެ.

މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި މަނީގެ ފިލްމުން އައިޝްވާރިޔާގެ ބަފާބެ އަމީތާބް ބައްޗަން ވެސް ފެނުމުގެ ފުރުސަތު ބޮޑެވެ.

އައިޝްވާރިޔާ އެކްޓިން އަށް ނުކުތީ ވެސް މަނީގެ ފިލްމަކުންނެވެ. އެއީ 1997 ގެ ތަމަޅަ ފިލްމު "އިރުވަރު" އިންނެވެ. އޭގެ ފަހުން ދެ މީހުން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 2007 ގެ "ގްރޫ" އާއި 2010 ގެ "ރާވަން" ހިމެނެ އެވެ.