ޝާހްރުކް.
05 އޮކްޓޯބަރ 2019 - 06:58
ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" އަށް ސޮއިކޮށްފައިވާ ކަމަށް ދޭހަވާ އިބާރާތަކުން ޝާހްރުކް ޚާން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފި އެވެ.
އޭނާގެ ޓެޑް ޓޯކްސްގެ ދެވަނަ ސީޒަން "ޓެޑް ޓޯކްސް އިންޑިއާ ނަޔީ ބާތު 2" ލޯންޗްކުރަން ބުރާސްފަތި ދުވަހު ބޭއްވި އިވެންޓްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޝާހްރުކް ވަނީ ތަކުރާރުކޮށް "އިންޝާﷲ" މި އިބާރާތް ބޭނުންކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި މި ވަގުތު އެއްވެސް ފިލްމަކަށް ރަސްމީކޮށް ސޮއިނުކުރި ނަމަވެސް ދެތިން ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ފިލްމަކަށް ސޮއިކުރުމާ ދޭތެރޭ ވިސްނަމުން އަހަރެން މި އަންނަނީ. އެކަމަށް ވަގުތު ވެސް ބޭނުން ވާނެ. އެކަމަކު ސްކްރިޕްޓްތައް ތައްޔާރުވިހާ އަވަހަކަށް އަހަރެން ސޮއިކުރަނީ ކޮން ފިލްމަކަށްކަން އިންޝާﷲ ވަރަށް އަވަހަށް ހިއްސާކުރާނަން،" ފިލްމަކަށް ސޮއިކުރަނީ ކޮން އިރަކުންތޯ ސުވާލުކުރުމުން އޭނާ ބުންޏެވެ.
ޝާހްރުކް ބުނިގޮތުގައި އޭނާ އަށް ސްކްރިޕްޓްތައް ތައްޔާރުކޮށްދޭ މީހުން ވެސް މި ވަގުތު އުޅެނީ މަސައްކަތްތަކުގައި ވަރަށް ބުރަކޮށެވެ.
"އެެހެންވީމާ ވަގުތު ޖެހުނީމަ ޚުދު އަހަރެން އަމިއްލަ އަށް ވެސް، އިންޝާﷲ ފިލްމެއް އިއުލާންކޮށްފާނަން،" މިދިޔަ އަހަރު "ޒީރޯ" ކުޅުނު އެކްޓަރު ބުންޏެވެ. "ހީވަނީ ކުރިއަށް އޮތް މަހެއް ނުވަތަ މަހެއްހާ ދުވަހުގެ ތެރޭގައި އަހަރެން ދެން ކުޅޭނެ ފިލްމަކީ ކޮބައިކަން ހާމަކުރެވޭނެހެން."
ސަލްމާން ޚާނާއި އާލިއާ ބަޓާ އެކު ބަންސާލީ ހަދަން އުޅުނު ފިލްމު ފަހު ވަގުތު ސަލްމާން ދޫކޮށްލުމުން އޭގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން ފިލްމު ދޫކޮށްލި މައިގަނޑު ސަބަބަކީ ޒުވާން ބަތަލާއާ އެކު "އިންޝާﷲ" ގައި ގައިގޯޅި ގިނަ މަންޒަރުތަކެއް ކުޅެން ޖެހުމެވެ.
ނަމަވެސް އެ ފިލްމު ހުއްޓައިލި ސަބަބާ ބެހޭ ގޮތުން މީޑިއާތަކުން މިހާތަނަށް ދެއްކި އެއްވެސް ވާހަކައަކަށް ސަލްމާނާއި ބަންސާލީ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ. މިދިޔަ މަހު ބޭއްވި 20 ވަނަ އައިފާ އެވޯޑްސްގައި ސަލްމާން ވަނީ އޭނާ "އިންޝާﷲ" ދޫކޮށްލި ނަމަވެސް، އެހެން އެކްޓަރަކާ އެކު އެ ފިލްމު ބަންސާލީ ގެނެސްދޭނެ ކަމަށް ބުނެފަ އެވެ.
ފިލްމުގެ ހުއްޓައިލަން ޖެހުމާ އެކު މީޑިއާތަކުން ބުނިގޮތުގައި ފިލްމު ވަނީ ޝާހްރުކަށް ހުށަހަޅައިފަ އެވެ. އަދި ފަހުން ރިތިކް ރޯޝަނަށް ވެސް "އިންޝާﷲ" ހުށަހެޅި ކަމަށް ބުނާ ވާހަކަތަކެއް ތިލަވި އެވެ.
ބައެއް މީޑިއާތަކުން ބުނާގޮތުގައި "އިންޝާﷲ" މި ވަގުތަށް ނަހަދައި ބޭއްވުމަށް ފަހު، ބަންސާލީ މިހާރު އަންނަނީ އާލިއާއާ އެކު "ގަންގްބާއީ" ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. އަދި އެ ފިލްމު މި މަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށްވެ އެވެ.
ޝާހްރުކް "އިންޝާﷲ" އަށް ސޮއިކޮށްފި ނަމަ ވާނީ ބަންސާލީއާ އެކު އޭނާ މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ. ދެ މީހުން އެކީގައި މިހާތަނަށް އެކީގައި މަސައްކަތްކުރި ހަމައެކަނި ފިލްމަކީ 2002 ގެ "ދޭވްދާސް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
05 October 2019
ޝާހުއަކީ އަބަދުވެސް ބޮޑެތި ޕުލޭޓްފޯމްތަކުގސއި އިންޝާﷲ ކިޔާ މީހެއް..
އިދުރީސްނަންބަރު2
05 October 2019
ޝާހު މެން ގައިގޯޅިކޮށް އުޅެންޖެހޭ ޒަމާން މިހާރު ހިނގައްޖެ. މިހާރުގެ ޒުވާންޖީލަށް އެކަން ދޫކޮށްލާ.
ވިގޫތާކިހާ
05 October 2019
ޝާހު މިހާރު އެއްވެސް ފިލްމެއް ކުޅެން ކަމަކު ނުދޭ. މީހާގެ ސްޓައިލް ބޮޑުވެގެންގޮސް ފިލްމުގެ ކޭރެކްޓާއަށް ރަގަޅަށް ނުވަދެ ހުންނަނީ. ފަގީރު މީހެއްގެ ރޯލު ކުޅޭއިރުވެސް ހުންނަނީ މުއްސަންޖެއްގެ ހެދުމުގަ.
ބަބުރަންޖީ ހާޖީ
05 October 2019
ތިޔަބާވަތުގެ ނަމއްކިޔާ ފިލްމެއްގައި ގައިގޯޅި މަންޒަރު ހުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން.