08 އޮކްޓޯބަރ 2019 - 20:36
މިދިޔަ ބޮޑުއީދުގައި ފުވައްމުލަކުގައި ޕަފޯމްކުރި އިންޑިއާގެ ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަންގެ އާ ވީޑިއޯ ލަވަ "ލިއްލާހް" ރާއްޖޭގެ މަންޒަރުތަކާ އެކު ދައްކާލައިފި އެވެ.
ރާއްޖޭގެ ރިސޯޓެއްގައި މޮޑެލް ސުޝްރީ މިޝްރާއާ އެކު އެކު އަދިތިޔާ ފެންނަ ލަވަ އޭނާގެ އަޑުން ކިޔާފައިވާ އިރު، މިއުޒިކް ހަދާފައި ވަނީ އީޝާން ތުރިޕަތީ އާއި މިލްޓޯން ޑެނިއެލް އެވެ.
ލަވައާ ބެހޭ ގޮތުން އަދިތިޔާ ބުނީ މިއީ އިންޑިއާ އިން ބޭރުގައި އޭނާ ޝޫޓްކުރި ފުރަތަމަ ލަވަ ކަމަށެވެ.
"ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތް. އަހަންނަށް މި ލަވަ ހާއްސަވާ މައިގަނޑު އެއް ސަބަބަކީ މިި ވީޑިއޯ ލަވައަކީ ސީދާ އަހަރެން އަމިއްލަ އަށް ޕްރޮޑިއުސް ވެސް ކުރި އެއްޗަކަށްވުން،" އޭނާ ބުންޏެވެ.
އަދިތިޔާ އަކީ ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އެތައް ލަވައެއް ކިޔައިދީފައިވާ އަދި މިހާރު ވެސް ލަވަކިޔާ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރަޔަންގެ ހަމައެކަނި ދަރިފުޅެވެ. ބައްޕަ އަކީ ގިނަ ފުރުސަތުތައް ލިބޭ ލަވަކިޔުންތެރިއަކަށް ވިޔަސް އަދިތިޔާ އަށް ފިލްމުތަކަށް ލަވައެއް ކިޔާލަން ލިބެނީ ހާލަކުން ފަހަރަކު އެވެ.
އޭނާ މިހާތަނަށް ފިލްމަށް ކިޔައިދިން ލަވަތަކުގެ ތެރެއިން އެންމެ މަގުބޫލުވި ލަވަ އަކީ 2013 ވަނަ އަހަރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯނާ އެކު ގެނެސްދިން ފިލްމު "ރާމް-ލީލާ" ގެ "ތަތަޅު ތަތަޅު" ލަވަ އެވެ.
ލަވަކިޔުންތެރިއަކަށް ވުރެ ބޮޑަށް އަދިތިިޔާ އާންމުންގެ ތެރޭގައި މަގުބޫލީ ޓީވީ ހޯސްޓެއްގެ ގޮތުގަ އެވެ. މިހާތަނަށް ވަރަށް ގިނަ ލަވަ ޝޯތައް ހޯސްޓްކޮށްފައިވާ އޭނާގެ ކުރިއަށް ޝޯ އަކީ ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 11 އެވެ. އަންނަ ހޮނިހިރު ދުވަހު ފަށާ އެ ޝޯ އޭނާ ހޯސްޓްކުރާނެ ކަމަށް ބެލެވެ އެވެ.
އަދިތިޔާ، 32، ރާއްޖޭގައި ވީޑިއޯ ލަވައެއް ޝޫޓްކޮށް ބެލުންތެރިންނަށް ދޫކޮށްލި މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ލަވަތައް ރާއްޖޭގައި ޝޫޓްކޮށްފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރު ބޭންޑް "ސަނަމް" ގެ ދެ ލަވައެއް އައްޑޫގައި ޝޫޓްކޮށްފައިވެ އެވެ.
އަދި ބޮލީވުޑްގެ ތިން ފިލްމެއްގެ ލަަވަތަކެއް ވެސް ރާއްޖޭގައި ޝޫޓްކޮށްފައިވެ އެވެ. އެއީ ރިތިކް ރޯޝަނާއި މެކްސިކޯގެ ބަތަލާ ބާބަރޯ މޯރީ 2010 ގައި ކުޅުނު ފިލްމު "ކައިޓް" ގެ ލަވައަކާއި 2006 ގައި ރިލީޒްކުރި ޑީނޯ މޯރިއާ އާއި އަމްރިތާ އަރޯރާގެ ފިލްމު "ފައިޓް ކުލަބް" ލަވައަކާއި 2005 ގައި ސަލްމާން ޚާނާއި ކެޓްރީނާ ކެއިފް ކުޅުނު ފިލްމު "މޭނޭ ޕިޔާރު ކިޔު ކިޔާ" ގެ ލަވައެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރފަލަޑޭ
08 October 2019
ތިރިސޯޓަކީ އަދާރަން ވާދޫ!