އަޝްވިނީ.
18 އޮކްޓޯބަރ 2019 - 08:03
އިންޑިއާގެ މަޝްހޫރު އައިޓީ ކުންފުނި އިންފޮސިސްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައި، ފިލްމު އިއުލާންކޮށްފި އެވެ.
މަހާވީރު ޖެއިން ޕްރޮޑިއުސްކުރާ އަދި "މުރުތީ" ގެ ނަން ދީފައިވާ ފިލްމު ޑައިރެކްޓްކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާ ކަންގަނާ ރަނާވަތުގެ ސްޕޯޓްސް ޑްރާމާ "ޕަންގާ" ގެ ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ އެވެ.
"ބެރިލީކީ ބަރްފީ" އާއި "ނިލް ބައްޓޭ ސައްނާޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަޝްވިނީ އަކީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ޗިޗޯރޭ" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުންނެވެ.
އިންފޮސިސްގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުން އަޝްވިނީ ބުނީ އޭނާގެ ފިލްމުން އެ ކުންފުނި ވުޖޫދަށް ގެނައުމުގައި އިސް ދައުރެއް އަދާކުރި ދެމަފިރިން ކަމަށްވާ އެންއާރް ނަރަޔަނާ މުރުތީ އާއި ސުދާ މުރުތީގެ ވާހަކަ ގެނެސްދޭނެ ކަމަށެވެ. އަޝްވިނީ ވަނީ ސުދާއާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ.
"އެ ދެ މީހުންނާއި އިންފޮސިސްގެ ވާހަކައަކީ ވަރަށް އިންޕަޔަރިން ވާހަކައެއް. މިއީ ކާމިޔާބު މަސައްކަތެއްގެ ނަމޫނާއެއް،" އަޝްވިނީ ބުންޏެވެ. "އަހަރެން ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތްކުރާނަން ވަރަށް ފުރިހަމަ ފިލްމެއް."
އިންޑިއާގެ ބެންގަލޫރުގައި ހެޑްކުއާޓަރު ހުންނަ އިންފޮސިސްއަކީ މީގެ 38 އަހަރު ކުރިން 1981 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އަދި އެއީ އެއީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އައިޓީ އަދި ކޮންސަލްޓެންސީ ދޭ އެއް ކުންފުންޏެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އިންފޮސިސްގެ މިލްކިއްޔާތު މިހާރު 46.52 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy