ދިވެހި ފިލްމު އެވޯޑްސްގެ ޖޫރީން ކަނޑައަޅައިފި

އަންނަ މަހު ބާއްވާ ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ފިލްމުތައް ޖަޖްކުރާ ޖޫރީ ޕެނަލް ކަނޑައަޅައި އެ މީހުންގެ ވަނަވަރު އިއުލާނުކޮށްފި އެވެ.


އެވޯޑް ހަފުލާ އިންތިޒާމުކުރާ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ހަތް މެންބަރުންގެ ޖޫރީ ޕެނަލެއް އިއުލާނުކޮށްފައި ވާއިރު އޭގެ ތެރޭގައި ފިލްމީ ދާއިރާގެ ފާހަގަކޮށްލެވޭ ނަންތަކެއް އެބަ ހުއްޓެވެ.

ބާއްވާނެ ތާރީހެއް އަދި އިއުލާންނުކުރާ 9 ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ޖޫރީ ޕެނަލްގައި ފިލްމީ ދާއިރާގައި 33 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ޕްރޮޑިއުސަރު/ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި މީގެ އަހަރުތަކެއް ކުރިން ގެނެސްދިން ފިލްމު "ފުއްޓަރު" ގެ ޑައިރެކްޓަރު އާމިނަތު ނަޖީބާއި ފާތިމަތު ލީޒާ އާއި އައިމިނަތި އީނާސް އާއި އަހުމަދު އަހުސަން އާއި އުރީދޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

ޕެނަލްގައި ހިމެނޭ ހުރިހާ މެމްބަރުންނަކީ ވެސް ފިލްމީ ދާއިރާއާ ގުޅުން ހުރި ދާއިރާތަކުން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅުންނެވެ.

މި ފަހަރުގެ އެވޯޑަށް ހުށަހަޅާފައި ވަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. އަދި އެވޯޑް ބާއްވަނީ 2017-2018 ގެ ފިލްމުތައް ބައިވެރިކޮށްގެންނެވެ.

މި ފަހަރު އެވޯޑަށް ހުށަހަޅާފައިވާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.

ކުރު ފިލްމު ކެޓަގަރީ އަށް ހުށަހެޅި ހަމައެކަނި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ކަނޑު އިބިލީސް" އެވެ.