24 އޮކްޓޯބަރ 2019 - 06:13
މީގެ ދުވަސްކޮޅެއް ކުރިން އާލިއާ ބަޓާއި ރަންބީރު ކަޕޫރް ކައިވެނިކުރި ކަމަށް ބުނާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވި އެވެ. ހަގީގަތް ސާފުވި އިރު، އެ ފޮޓޯ އަކީ ޓީވީ އިޝްތިހާރެއްގެ ޝޫޓިން ތެރެއިން އެހެން އެކްޓަރާ އެކު އާލިއާ ނަގާފައި އިން ފޮޓޯއަކަށް ރަންބީރު ލައިގެން އެޑިޓްކޮށްފައި އިން ފޮޓޯއެކެވެ.
މިކަމުން ވެސް އެނގުނީ މި ދެ ތަރިންގެ ކައިވެންޏަށް ވަަރަށް ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ ކަމެވެ. މި ހަފުތާގައި އަނެއްކާ ވެސް ހަމަ މިފަދަ ކަމެކެވެ. މި ފަހަރު އާލިއާ އާއި ރަންބީރުގެ ކައިވެނީގެ ދައުވަތު ކާޑެވެ.
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވި މި ކާޑަކީ ފޭކެއްކަން އޭގައި ހެދިފައި ހުރި ގޯސްތަކުން ވެސް އެނގެ އެވެ.
ދެ ޝޭޑެއްގެ ނުލާއި ރަން ކުލަ އަދި ކަޅު ކުލަ ހިމަނައިގެން ތައްޔާރުކޮށްފައިވާ ކާޑުގައި އާލިއާގެ ނަމުގެ ސްޕެލިން އިނީ ނުބައިކޮށެވެ. އޭގައި އިނީ އާލިޔާ އެވެ. އަނެއް ކުށަކީ އާލިއާގެ ބައްޕައަކީ މުކޭޝް ބަޓް ކަމަށް ބުނެފައިވުމެވެ. ޒުވާން ބަތަލާގެ ބައްޕަ އަކީ މަހޭޝް ބަޓެވެ. މުކޭޝް އަކީ އާލިއާގެ ބޮޑުބޭބެ އެވެ.
ކާޑުގައި ދެން އިން އަނެއް ކުށަކީ ތާރީހު އިނގިރޭސީން ލިޔެމުގައި ހެދިފައި އިން މިސްޓޭކެވެ. އެ މިސްޓޭކަކީ މިއެވެ؛ 22th އެވެ. ބާވީސް ތާރީހުން ލިޔާ ނަމަ އިންނަން ޖެހޭނީ 22nd އެވެ.
ކޮންމެއަކަސް ކުށްތަކާ އެކު އާންމުކުރި އާލިއާ އާއި ރަންބީރުގެ ކައިވެނި ހަފުލާގެ ދައުވަތު ކާޑު ބުނާ ގޮތުން އެ ދެ ތަރިންގެ ކައިވެނި ހަފުލާ އޮންނާނީ ޖެނުއަރީ 22، 2020 ގައި ޖޯދުޕޫރްގެ އުމައިދު ބަވަން ޕެލަސްގަ އެވެ. އެއީ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ ވެސް މިދިޔަ އަހަރު ބޭއްވި ތަނެވެ.
އާލިއާގެ ކައިވެނީގެ ކާޑާ ބެހޭ ގޮތުން އޭނާ ދިން ޖަވާބު ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ސެލެބްރިޓީ ފޮޓޯގްރާފަރެއް ކަމަށްވާ ވައިރަލްބަޔާނީ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އާލިއާއާ އެއާޕޯޓުން ދިމާވެގެން ކާޑާ ބެހޭ ގޮތުން ޕަޕަރާޒީން ސުވާލުކުރާ އަޑު އިވެ އެވެ. ލަދުން ގޮސް ރަތްވެފައި ހުރެ އަދި އެހާމެ ބޮޑަށް ހިނިތުންވެފައި ހުރެ އާލިއާ ދިން ޖަވާބަކި މިއެވެ، އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އެހެން ބުނެފައި އޭނާ ޓާމިނަލް ތެރެއަށް ވަދެގެން ދަނީ އެވެ.
އާލިއާ ވަނީ އަންގާރަ ދުވަހު ލަންޑަނަށް ފުރައިފަ އެވެ. އެއީ ބައްޕަ މަހޭޝްގެ ފިލްމު "ސަޅަކް 2" ގެ ޝޫޓިންއަށެވެ.
ރިޕޯޓްތައް ބުނާގޮތުން އާލިއާ އާއި ރަންބީރު އަންނަ އަހަރު ކައިވެނިކުރުމުގެ ފުރުސަތު ބޮޑެވެ. އަދި ކައިވެނިކުރާނީ ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމު "ބުރައްމަސްތުރާ" ރިލީޒްކުރުމުން ކަމަށްވެ އެވެ. މި ފިލްމު ކުރިން މި އަހަރު ގެނެސްދޭން ނިންމާފައި ވަނިކޮށް ފަހުން ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy