24 އޮކްޓޯބަރ 2019 - 06:15
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމަކަށް ދީޕިކާ ޕަދްކޯން ސޮއިކޮށްފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ދަރުމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 2013 ގެ "ޔެ ޖަވާނީ ހޭ ދީވާނީ" ގެ ބަތަލާ ސޮއިކުރީ ޝަކުން ބަޓްރާ ޑައިރެކްޓްކުރާ ފިލްމަކަށެވެ.
"އޭކް މޭ އޯރް އޭކް ތޫ" ގެނެސްދިން ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ. ޝަކުންގެ އާ ފިލްމަކީ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށްވެ އެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އަދި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ކަރަން ވެސް ނުދައްކަ އެވެ.
ޕިންކްވިލާ އިން ބުނީ ޝަކުންގެ ފިލްމުގެ މަސައްކަތް ފަށާނީ ދީޕިކާގެ "ޗަޕާކް" އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރުމުން ކަމަށެވެ. މެގްނާ ގުލްޒާރު ޑައިރެކްޓްކޮށްފައިވާ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 10 ގަ އެވެ.
ދީޕިކާ މިހާތަނަށް ކުޅުނު ހަމައެކަނި ދަރުމާގެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި އަޔާން މުކަރްޖީގެ "ޔެ ޖަވާނީ ހެ ދިވާނީ" އެވެ. އެ ފިލްމުގެ ބަތަލަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރެވެ.
ރިޕޯޓްތައް ބުނާގޮތުން ދީޕިކާ ވަނީ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި ޖިއޯ މާމީ މޫވީ މޭލާގައި ދީޕިކާ ވަނީ ފިލްމަކަށް ސޮއިކުރި ވާހަކަ ބުނެފަ އެވެ. އެކަމަކު އޭގެ ތަފުސީލަކަށް ނުގޮސް އޭނާ ބުނީ އެއީ ތަންކޮޅެއް ޑާކް ފިލްމެއް ކަމަށެވެ.
އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ޕަދުމާވަތު" އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy