26 އޮކްޓޯބަރ 2019 - 08:18
ލޯބިވެރިޔާ މަލައިކާ އަރޯރާއާ އެކު ނަގާފައިިވާ ފޮޓޯއެއް، ޒުވާން އެކްޓަރު އަރުޖުން ކަޕޫރް ފުރަަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފި އެވެ.
އިޓަލީ އަށް ކުރި ދަތުރެއްގެ ތެރެއިން ނަގާފައިވާ ފޮޓޯ އިންސްޓަގްރާމްގައި އަރުޖުން ޕޯސްޓްކުރީ ހިތަކާ އެކީގަ އެވެ. އެ ފޮޓޯގައި ފެންނަނީ މަލައިކާގެ ފުރަގަހުން ބައްދާލައިގެން އޭނާގެ ބޮލަށް ދޮނެއް ދީގެން އަރުޖުން ހުންނަ އިރު، މަލައިކާ ސެލްފީ ނަގާ ތަނެވެ.
އަރުޖުން އާއި މަލައިކާ ލޯބީގެ ވާހަކަ ދެކެވޭތާ މިހާރު އެތައް ދުވަހެއް ނަމަވެސް، މިހާތަނަށް އަރުޖުން އޭނާގެ އެއްވެސް ސޯޝަލް ޕްލެޓްފޯމެއްގައި މަލައިކާއާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާއެއް ނުކުރެ އެވެ. އެހެންވެ މި ފޮޓޯ އަކީ އެ ދެ މީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަސްކަން ސާބިތުކޮށްދިން އެއްޗެކެވެ.
މަލައިކާ އެންމެ ފުރަތަމަ އަރުޖުންއާ އެކު ނަގާފައިވާ ގައިގޯޅި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރީ މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އަރުޖުންގެ 34 ވަނަ އުފަން ދުވަހާ ދިމާކޮށް އިންސްޓަގްރާމްގައި އާންމުކުރި އެ ފޮޓޯ އަކީ ދެ ތަރިން ރާއްޖެ އަށް ޗުއްޓީއަކަށް ކުރި ދަތުރެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެކެވެ.
މި މަހުގެ 23 ވަނަ ދުވަހު 46 ވަނަ އުފަން ދުވަސް ފާހަގަކުރި މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި މިދިޔަ އަހަރު ރަސްމީކޮށް ރޫޅައިލި އިރު، ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ އަންނަ މަހުގެ 9 ވަނަ ދުވަހު 17 އަހަރު ފުރޭ އަރުހާން ޚާނެވެ.
މަލައިކާ ބުނެފައިވާ ގޮތުގައި އޭނާ އާއި އަރުޖުންގެ ގުޅުމަށް ދަރިފުޅާއި އާއިލާ އިން ވެސް ވަރަށް ގަބޫލެވެ. އަރުޖުންގެ އާއިލާ ވެސް މި ގުޅުމާ ވަރަށް ރުހެ އެވެ. ނަމަވެސް އެ ދެ މީހުން ކައިވެނިކުރާނެ އިރެއް ނޭނގެ އެވެ.
އަރުޖުން ބުނާގޮތުގައި ކައިވެނިކުރަން އަދި މާ އަވަހެވެ. އަދި މި ވަގުތު ފޯކަސް ހުރީ ކެރިއަރަށް ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy