28 އޮކްޓޯބަރ 2019 - 06:14
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޑިޝާ ޕަޓްނީ ލީޑް ރޯލް ކުޅޭ ފިލްމު "ކޭޓީނާ" ގެ ފަސްޓްލުކް ދައްކައިލުމާ އެކު މި ފިލްމަކީ އެކްތާގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ވެދާނެ ކަމަށް ބުނާ ވާހަކަތަކަށް ބާރުދޭ ވާހަކަތަކެއް އޭނާ ދައްކައިފި އެވެ.
ހުކުރު ދުވަހު ޝޫޓިން ފެށި ފިލްމުން ޑިޝާ ފެންނާނެ ގޮތް ދައްކައިލި އިރު، ޒުވާން ބަތަލާ ހުރީ ދެ އަތުގެ އިނގިލީގައި އެއްކޮށްގެން އަނގޮޓި އަޅައި ކަނާތުގައި ގިނަ އެކްސެޒަރީތަކެއް ވެސް އަޅައިގެންނެވެ. މިއީ ހަގީގަތުގައި އެކްތާ އާންމު ސްޓައިލެވެ.
އޭނާ ނޫނީ ފިލްމު އިންޑަސްޓްރީގައި މިހާ ގިނައިން އާންމުކޮށް އަނގޮޅި އަޅައިގެން އުޅޭ މީހެއް ނުހުންނާނެ އެވެ. އަދި ޑިޝާގެ ފިލްމުގެ ނަން ފެށެނީ ވެސް ކޭ އަކުރުން ކަމަށްވާތީ އެއީ ވެސް ފިލްމާއި އެކްތާއާ އޮތް ގުޅުން އިތުރަށް ދައްކުވައިދޭ ކަމެކެވެ. އޭނާ މިހާތަނަށް ޕްރޮޑިއުސްކުރި ގިނަ ސިލްސިލާތަކުގެ ނަން ފެށެނީ ކޭ އަކުރުންނެވެ. އަދި މިއީ އެސްޓްރޮޖީގެ ގަބޫލުކުރުންތަކުގެ ތެރެއިން އެކްތާ ފެށި ކަމެކެވެ.
އެކަމަކު ވަރަށް ފަހުން އޭނާ ވަނީ އެ އުސޫލު ދޫކޮށްލައިފަ އެވެ.
ނަމަވެސް "ކޭޓީނާ" ނަން ފެށޭ އަކުރާއި ޑިޝާގެ ލުކަށް ބުރަވާ އިރު، މިއީ އެކްތާގެ ވާހަކަ ކިޔައިދޭ ފިލްމަކަށް ވެދާނެ އެވެ. ޑިޝާގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރަމުން އެކްތާ ލިޔުނު ކެޕްޝަނުން ވެސް އެހެން ވުމުގެ ފުރުސަތު އޮތް ކަމަށް ބެލިދާނެ އެވެ. ކެޕްޝަނުގައި އޭނާ ވަނީ އެހާ ގިނަ އަނގޮޓި އަޅަނީ ކާކުތޯ ސުވާލުކޮށް އެވެ.
އެއަށް ކޮމެންޓްކުރި އެކްޓަރު އަދި ހޯސްޓް ކަރަން ވާހީ ކުރި ކޮމެންޓެއްގައި ވަނީ މި ފިލްމަކީ ތި ބުނާ މީހެއްގެ ބައޮޕިކަކަށް ވެދާނެތޯ އަހައިފަ އެވެ. އަދި އެ ކޮމެންޓަށް އެކްތާ އެންމެ ފަހުން ގެނެސްދިން ފިލްމު "ޑްރީމް ގާލް" ގެ ބަތަލާ ނުޝްރަތު ބަރޫޗާ ހިނިގަނޑެއް ޖަހާފައިވެ އެވެ.
"ކޭޓީނާ" އަކީ "ޑްރީމް ގާލް" ގެ ޑައިރެކްޓަރު ރާޖް ޝާންޑިލިޔާގެ ސްކްރީންޕްލޭއަކަށް އާޝިމާ ޗިބާރް ޑައިރެކްޓްކުރާ ފިލްމެކެވެ.
އެކްތާއަކީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެން ޕްރޮޑިއުސަރެވެ. އޭނާގެ ކުންފުނި ބަލާޖީއަކީ ސިިލްސިލާތަކާއި ފީޗާ ފިލްމުތަކާއި ވެބް ސީރީޒްތަކުން ބެލުންތެރިން މުނިފޫހިފިލުވައި ދިނުމުގައި އެންމެ ކުރިގައި އުޅޭ ޕްރޮޑަކްޝަން ހައުސް އެވެ. އެހެންވެ ކުރީގެ އެކްޓަރު ޖީތެންދުރާގެ އަންހެން ދަރިފުޅުގެ ވާހަކަ ފިލްމަކުން ކިޔައި ދިނުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. "ކޭޓީނާ" އަކީ އެ ފިލްމުތޯ އެނގޭނީ ރިލީޒްކުރި އިރަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy