ހުމާ އާއި މުދައްސަރު.
31 އޮކްޓޯބަރ 2019 - 06:32
ބޮލީވުޑްގެ ބަތަލާ ހުމާ ގްރޭޝީ އާއި ޑައިރެކްޓަރު މުދައްސަރު އަޒީޒު ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި އެ ދެ މީހުންގެ ގުޅުން މިހާރު ވަރަށް ސީރިއަސް ހިސާބަކަށް ގޮސްފައިވާ އިރު، ހުމާގެ އާއިލާއިން ވެސް މުދައްސަރާ ވަރަށް ރުހެ އެވެ. އަންނަ ޑިސެމްބަރު މަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޑައިރެކްޓަރު މުދައްސަރަކީ މިސް ޔުނިވާސްގެ ތާޖް ވެސް ހާސިލުކޮށްފައިވާ ބޮލީވުޑްގެ ކުރީގެ ބަތަލާ ސުޝްމިތާ ސެންއާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި މީހެކެވެ.
އެ ދެ މީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު މުދައްސަރު 2010 ގައި ގެނެސްދިން ފިލްމު "ދުލްހަޔާ މިލް ގަޔާ" ގެ ބަތަލާގެ ރޯލު ވެސް ސުޝްމިތާ ކުޅެފައިވެ އެވެ.
މުދައްސަރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހުމާ މީޑިއާތަކުގައި އެއްބަސްނުވި ނަމަވެސް އެ ދެ މީހުންގެ ގުޅުމަކީ އިންސްޓަގްރާމްގައި މިހާރު ސިއްރު ގުޅުމެއް ނޫނެވެ. މުދައްސަރުގެ ފޮޓޯތަކަކާ އެކު އެކި ޝުއޫރުތައް ހުމާ ފާޅުކޮށްފައިވެ އެވެ.
ކައިވެންޏާ ބެހޭ ގޮތުން މުމްބާއީ މިރާ އިން ސުވާލުކުރުމުން 33 އަހަރުގެ ބަތަލާ ވަނީ އެ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ އެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކަދައްކައި ތިބެދާނެ ކަމަށެވެ.
"އެކަމަކު އަހަރެން މި ވަގުތު މިހުރީ ވަރަށް އުފަލުން. އާއިލާ އާއި ގާތް މީހުންގެ ސަޕޯޓް އަބަދު ވެސް އޮވޭ،" ވަރަށް މަދުން ފިލްމުތަކުން ފެންނަ ހުމާ ބުންޏެވެ.
އޭނާ ފިލްމު ކުޅުން ހުއްޓައިލުމާ ބެހޭ ގޮތުން ސުވާލުކުރުމުން ބުނީ އަވަހަކަށް އެކަހަލަ އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އަދި ވަރަށް އަވަހަށް ރޮމޭންޓިކް ކޮމެޑީއެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ދާދި ފަހުން ހުމާ ވަނީ ހޮލީވުޑްގެ ޑައިރެކްޓަރު ޒެކް ސްނައިޑާ ނެޓްފްލިކްސް އަށް ހަދާ ފިލްމު "އާމީ އޮފް ޑެޑް" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ. އޭނާ އެންމެ ބޮޑު ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ކާލާ" އިންނެވެ.
ނެޓްފްލިކްސް އިން ޖޫން މަހު ސްޓްރީމްކުރި ވެބް ސީރީޒް "ލީލާ" ގެ ބަތަލާއަކީ ވެސް ހުމާ އެވެ.
"ރޭސް 3" ފަދަ ފިލްމުތަކުގައި މަސައްކަތްކުރި އެކްޓަރު ސާގިބް ސަލީމްގެ ދައްތަ ހުމާ އާއި މުދައްސަރުގެ ކައިވެނީގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، ހުމާ އާއި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާނާ ދެމެދު މީގެ ދެ އަހަރެއްހާ ދުވަސްކުރިން ލޯބީގެ ގުޅުމެއް ހިނގާފައިވާ ކަމަށް ވެސް އަޑުއަރާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy