03 ނޮވެމްބަރ 2019 - 10:18
ސްޓާ ޕްލަސްގެ ޓީވީ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގައި ބަޖާޖްގެ ރޯލް ކުޅެމުން ދިޔަ ކަރަން ސިންގް ގްރޯވާ އެ ރޯލް ދޫކޮށްލުމުން، ބަޖާޖްގެ ކެރެކްޓާ އިން ދެން ފެންނާނީ ވިވާން ބަޓޭނާ ކަމަށް ބެލެވެން ފަށައިފި އެވެ.
އެކަން އަދި ސިލްސިލާގެ ޓީމުން ކަށަވަރުކޮށް ނުދިން ނަމަވެސް ވިވާން ވަނީ އިންސްޓަގްރާމްގައި ބަޖާޖްގެ ސޯލްޓް އެންޑް ޕެޕާ ލުކްގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އޭގައި އޭނާގެ އަންހެނުންނާއި ދަރިފުޅާއި ކަރަން އާއި އޭނާގެ އަންހެނުން ބިޕާސާ ބާސޫ ވެސް ހިމެނެ އެވެ. އެ ފޮޓޯގެ ކެޕްޝަނުގައި ވިވާން ބަޖާޖްގެ ވާހަކަ ވެސް ހިމަނާފައިވާތީ، އެއީ އެ ރޯލުން އޭނާ ފެންނަން އުޅޭކަމުގެ ސިގްނަލެއް ކަމަށް މީޑިއާތަކުން ބުންޏެވެ.
ކުރިން މުޅިން ވެސް ސިލްސިލާތަކުން ފެނުނު 41 އަހަރުގެ ވިވާން އަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ އެކްޓަރެކެވެ. އޭނާ ލީޑް ރޯލް ކުޅުނު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކުރި "ހޭޓް ސްޓޯރީ 4" ހިމެނެ އެވެ.
އާންމުކޮށް ފިލްމުތަކުގެ ސަޕޯޓިން ރޯލްތަކުން ފެންނަ ވިވާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ސޫރިޔާވަންޝީ" ހިމެނެ އެވެ.
"ކަސޯޓީ" އިން ކަރަން ވަކިވެފައި ވަނީ އޭނާގެ ކެރެކްޓާ ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭތީ އެވެ.
ކުރިން މި ސިލްސިލާގައި ކޮމަލިކާގެ ރޯލް ކުޅުނު ހީނާ ޚާން ބޮލީވުޑަށް ވަގުތު ދިނުމުގެ ގޮތުން "ކަސޯޓީ" ދޫކޮށްލުމުން އެ ރޯލް މިހާރު ކުޅެނީ އާމްނާ ޝަރީފް (ކަޝިޝް) އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy