ދިވެހި ފިލްމު އެވޯޑްސް މި މަހުގެ 15 ގައި

ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސް މި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް ހަފުތާ ތެރޭގައި ނޮމިނޭޝަންތައް ވެސް އިއުލާންކުރާނެ ކަމަށް އާޓްސް މިނިސްޓްރީން ބުނެފި އެވެ.


މިނިސްޓްރީ އާއި ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑެޕިއުޓީ މިނިސްޓަރު އަދި ކުރީގެ ފިލްމީ ތަރި ވަލީދާ ވަލީދު ވިދާޅުވީ މި މަހުގެ 15 ގައި އެވޯޑް ހަފުލާ ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެވޯޑަށް ހުށަހެޅި ފިލްމުތައް ޖަޖްކޮށް ވެސް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން އަމާޒަކީ މި މަހުގެ 10 ގައި ނޮމިނޭޝަންތައް އިއުލާންކުރުން ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ އެވޯޑަށް ވާދަކުރަނީ 12 ފީޗާ ފިލްމާއި ކުރު ފިލްމެކެވެ. މި އަހަރު އެވޯޑް ބާއްވަނީ މިދިޔަ އަހަރާއި 2017 ގައި ބޭއްވި ފިލްމުތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެވޯޑްސްގައި ވާދަކުރާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.

ކުރު ފިލްމު ކެޓަގަރީ އަށް ހުށަހެޅި ހަމައެކަނި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ކަނޑު އިބިލީސް" އެވެ.

މި އަހަރުގެ އެވޯޑްސްގެ ޖޫރީ ޕެނެލްގައި ހިމެނެނީ ހައްމަދު ނިޔާޒް (ޓެޑްރީ) އާއި އާމިނަތު ނަޖީބާއި ފާތިމަތު ލީޒާ އާއި އައިމިނަތި އީނާސް އާއި އަހުމަދު އަހުސަން އާއި ނޫރާ އިބްރާހިމް ޒާހިރުގެ އިތުރުން ޝާރިފް އަލީ އެވެ.

އެންމެ ފަހުން ދިވެހި ފިލްމު އެވޯޑްސް ބޭއްވީ 2016 ގަ އެވެ. އެ ފަހަރު މޮޅު ފިލްމުގެ މަގާމު ހޯދީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" އެވެ.