08 ނޮވެމްބަރ 2019 - 07:56
ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ ބޭނުންވަނީ ބީޗް ވެޑިންއެއް ކަމަށް އޭނާ ބުނެފި އެވެ.
އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އަރުޖުންއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށް، ރާއްޖޭގެ ބައެއް ރިސޯޓްތަކުގެ ސާފު ހުދު ވޮންވެއްޔާއި ސާފު މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްފަ އެވެ.
ބަތަލާ ނޭހާ ދޫޕިއާގެ ޕޮޑްކާސްޓް ޝޯ "ނޯ ފިލްޓާ ނޭހާ" ގެ ހަތަރު ވަނަ ސީޒަނަށް ދިން އިންޓަވިއުއެއްގައި މަލައިކާ ބުނިގޮތުގައި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ބީޗް ވެޑިންއެކެވެ. އަދި އެ ހަފުލާގައި ލާން ބޭނުން ވަނީ ހުދު ކުލައިގެ ގައުންއެއް ކަމަށް ބުންޏެވެ.
ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒާ ޚާނާ ކައިވެނިކޮށް މިހާރު 16 އަހަރުގެ ފިރިހެން ދަރިއަކު ވެސް ހުރި މަލައިކާ، 46، ގެ މި ވާހަކަ މީޑިއާތަކުން ސިފަކުރީ ދެން މާ ލަސްނުކޮށް އަރުޖުންއާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއްގެ ގޮތުގަ އެވެ. އަދި އެ ކައިވެނީގެ މަންޒިލަކީ ރާއްޖެ އަށް ވެދާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން ލަފާކޮށްފައިވެ އެވެ.
ނޭހާގެ ޝޯގައި މަލައިކާ ބުނިގޮތުގައި އޭނާގެ ބީޗް ވެޑިންގެ އެންމެ ހާއްސަ ބަޔަކަށް ވާނީ ބްރައިޑްސްމެއިޑުންނެވެ.
"އެއީ އަހަރެން ވަރަަށް ގަޔާވާ ކޮންސެޕްޓެއް. ބްރައިޑްސްމެއިޑުންނަށް ނަގާނީ އަހަރެންގެ އެކުވެރި އަންހެން ގޭންގް. އެއީ އަހަންނާ އަބަދު ވެސް އެންމެ ގާތްކޮށް އުޅޭ މީހުން،" މަލައިކާ ބުންޏެވެ.
އޭނާގެ އެންމެ ގާތް މިހުންގެ ތެރޭގައި ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރް ހިމެނެ އެވެ. އަދި ބިޕާޝާ ބާސޫ އާއި ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒާން ޚާނާއި ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރަކީ ވެސް މަލައިކާގެ ގޭންގްގެ ބައިވެރިންނެވެ. އަދި މީގެ ތެރޭގައި މަލައިކާގެ ކޮއްކޮ/ކުރީގެ ބަތަލާ އަމްރިތާ އަރޯރާއަކީ ވެސް ނަގާކިޔާ އެކަކެވެ.
އެހެންވެ މަލައިކާގެ ބީޗް ވެޑިން ފެންނާނެ ކަމަށް ކަށަވަރުވާ މީހުންގެ ތެރޭގައި މި މީހުން ހިމެނެނޭނެކަމާ ދޭތެރޭ ޝައްކެއް ނެތެވެ. އެކަމަކު ސުވާލަކީ ކައިވެނިކުރާނީ ކޮން އިރަކުންތޯ އެވެ؟ އަރުޖުން، 34، ބުނާގޮތުގައި ކައިވެންޏަށް އަދި ތައްޔާރެއް ނޫނެވެ. އަދި އަވަސް އަރުވާލައިގެން ކައިވެނިކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ބުނެ އެވެ. ފޯކަސް މި ވަގުތު ހުރީ ކެރިއަރަށެވެ. ފިލްމުތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy