ދިވްޔާ.
09 ނޮވެމްބަރ 2019 - 08:31
އިންޑިއާގެ އެންމެ ބޮޑު ފިލްމު/މިއުޒިކް ކުންފުނީގެ ތެރޭގައި ހިމެނޭ ޓީ ސީރީޒް މިހާރު ހިންގުމާ ހަވާލުވެ ހުރި ޕްރޮޑިއުސަރު ބުޝަން ކުމާރުގެ އަންހެނުން އަދި ބަތަލާ/ޑައިރެކްޓަރު ދިވްޔާ ޚޯސްލާ ކުމާރު ޓެނިސް ޓީމެއް ގަނެފި އެވެ.
އިންޑިއާގެ ޓެނިސް ޕްރިމިއާ ލީގް (ޓީޕީއެލް) ގައި ވެސް ވާދަކުރާ ޓީމެއް ކަމަށްވާ ދިއްލީ ބިނީޒް ބްރިގޭޑް ދިވްޔާ ގަތީ އޭނާގެ ވިޔަފާރީގެ ބައިވެރިޔާ ސްނެހް ޕަޓޭލްއާ ގުޅިގެންނެވެ.
ނިއު ދިއްލީ އަށް ނިސްބަތްވާ ދިޔްވާ ބުނީ ޓެނިސް ޕްރިމިއާ ލީގުގައި ހިއްސާވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓީމާ އެކު ޓެނިހުން ގިނަ ކާމިޔާބީތަކެއް ހޯދައި، އެ ކުޅިވަރު ތަރައްގީކުރަން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
"ޓީޕީއެލް އަކީ ނުކުޅުދުންތެރިކަން ހުންނަ ކުޅުންތެރިންނަށް ވެސް ފުރުސަތުތައް ފަހިކޮށްދޭ ލީގެއް ކަމަށްވާތީ ހަގީގަތުގައި އެކަހަލަ ލީގަކާ ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް،" ދިވްޔާ ބުންޏެވެ. "ޓީމްގެ ހުރިހާ ކަމެއްގައި އަހަރެން ވަރަށް ގާތުން ބައިވެރިވެ، ޓީމް ކުރިއަރުވަން ކުރެވުނުހާ މަސައްކަތެއް ކުރާނަން. އަހަރެންގެ ދަރިފުޅު ވެސް ހުރީ މިކަމާ ވަރަށް އުފަލުން."
Happy Diwali 🥰 lots of love & Happiness to you all ❤️ #myfamily #Diwali #blessed #bhushankumar #divyakhoslakumar #ruhaankumar pic.twitter.com/6JFnDhLQcs
— Divya Khosla Kumar (@iamDivyaKhosla) October 27, 2019
ސްނެހް ބުނިގޮތުގައި ދިއްލީ ބިނީޒް ބްރިގޭޑް ވަރުގަދަކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ކުޅުންތެރިން ޓީމަށް ގެންނަން މަސައްކަތްކުރާނެ އެވެ.
ދިވްޔާ، 37، ޓެނިސް ޓީމެއް ގަތް އިރު، އޭނާ މިހާރު އަންނަނީ ފިރިމީހާ ޕްރޮޑިއުސްކުރާ، ޖޯން އަބްރަހަމްގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ބަތަލާގެ ރޯލް ކުޅެން ވެސް ތައްޔާރުވަމުންނެވެ.
ކައިވެނިކުރުމުގެ ކުރިން "އަބް ހަމާރޭ ވަތަން ސާތިޔޯ" ފަދަ ފިލްމުތައް ކުޅުނު ދިވްޔާ ވަނީ ބުޝަންއާ 2005 ގައި ކައިވެނިކޮށް ފިލްމު ކުޅުން ހުއްޓާލައިފަ އެވެ. އަދި ފަހުން އޭނާ ނުކުތީ ޑައިރެކްޝަނަށެވެ. އެގޮތުން މިހާތަނަށް ދެ ފިލްމެއް ގެނެސްދީފައިވެ އެވެ. އެއީ 2016 ގެ "ސަނަމް ރޭ" އާއި 2014 ގެ "ޔާރިޔާން" އެވެ.
"ސަތިޔަމޭޖް ޖަޔަތޭ 2" އާ އެކު ދިވްޔާ އަލުން ބޮޑު ސްކްރީނަށް އަންނަ އިރު އޭނާ އާއި ބުޝަންގެ ދަރިފުޅު ރުހާން ކުމާރަށް މިހާރު 8 އަހަރެވެ.
ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އެކި ކަހަލަ ކުޅިވަރުތަކަށް އިންވެސްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، އަކްޝޭ ކުމާރު، ޝިލްޕާ ޝެޓީ، ޕްރިތީ ޒިންތާ، އަބީޝެކް ބައްޗަން، ސުނިލް ޝެޓީ ފަދަ ތަރިން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy