ދިވެހި ފިލްމު އެވޯޑްސް: ދެ ފިލްމަކަށް 6 ނޮމިނޭޝަން

އަންނަ ހުކުރު ދުވަހުގެ ރޭ ބޭއްވާ ނުވަ ފިލްމު ދިވެހި ފިލްމު އެވޯޑްސްގެ އެންމެ ވަރުގަދަ ކެޓަރީގަރީތަކުގެ ނޮމިނޭޝަންތަކުގެ ކުރި މިދިޔަ އަހަރު ރިލީޒްކުރި ޑާން ރެއިން އެންޓަޓައިންމަންޓްގެ "ވަކިން ލޯބިން" އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ދެވަންސޫރަ" އަށް ލިބިއްޖެ އެވެ.


އެއިން ކޮންމެ ފިލްމަކަށް ހަ ނޮމިނޭޝަން ލިބިފައިވެ އެވެ.

ފެމިލީ ޑްރާމާ "ވަކިން ލޯބިން" ގެ ނޮމިނޭޝަންތަކުގެ ތެރޭގައި ހިމެނެނީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ)، އެންމެ މޮޅު އެކްޓަރު ޖުމައްޔިލް ނިމާލް (ޖުމަލް)، އެންމެ މޮޅު ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އަދި އެންމެ މޮޅު ސަޕޯޓިން ބަތަލާ ހަދީޖާ އިބްރާހީމް (ކުޑަ ހައްޖަ) އަދި ހަމަ އެ ކެޓަގަރީން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.

އެ ފިލްމު ނޮމިނޭޓް ނުވަނީ ހަމައެކަނި ސަޕޯޓިން އެކްޓަރުގެ ކެޓަގަރީންނެވެ.

ސަސްޕެންސް ތުރިލާ "ދެވަންސޫރަ" ގެ ނޮމިނޭޝަންތަކަކީ އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑައިރެކްޓަރު (ޔޫއްޕެ)، އެންމެ މޮޅު އެކްޓަރު (ޔޫއްޕެ)، އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ކެޓަގަރީން އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) ގެ އިތުރުން އެންމެ މޮޅު ސަޕޯޓިން ބަތަލާ ފާތުމަތު އާޒިފާ (އަޒޫ) އެވެ.

އެ ފިލްމު ނޮމިނޭޓް ނުވަނީ ހަމައެކަނި އެންމެ މޮޅު ބަތަލާގެ ކެޓަގަރީންނެވެ.

މި ފަހަރުގެ ފިލްމު އެވޯޑްސްގައި 12 ފީޗާ ފިލްމު ވާދަކުރާ އިރު، "ދެވަންސޫރަ" އާއި "ވަކިން ލޯބިން" ގެ އިތުރުން އިއުލާންކުރި ހަ ކެޓަގަރީން ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ އަބްދުލް ފައްތާހްގެ "ހައްދު" އަށެވެ. އެ ފިލްމަށް ފަސް ނޮމިނޭޝަން ލިބުނެވެ.

އެންމެ މޮޅު ފިލްމު:

ވަކިން ލޯބިން، ހައްދު، އިލް ނޮއިސް، ދެވަންސޫރަ، ވިޝްކާ

އެންމެ މޮޅު ޑައިރެކްޓަރު:

ޗިއްޕެ (ވަކިން ލޯބިން)، އިސްމާއީލް ނިހާދު (އިލް ނޮއިސް)، ފައްތާހު (ހައްދު)، ރަވީ (ވިޝްކާ)، ޔޫއްޕެ (ދެވަންސޫރަ)

އެންމެ މޮޅު އެކްޓަރު:

މުހައްމަދު މުންތަސިރު (މުންކޮ)، ޖުމަލް (ވަކިން ލޯބިން)، ޔޫއްޕެ (ދެވަންސޫރަ)، ރަވީ (ވިޝްކާ)، އިސްމާއީލް ޒާހިރު (މަލިކާ)

އެންމެ މޮޅު ބަތަލާ:

އައްޒަ (ހައްދު)، އައްޒަ (މީ ލޯތްބަކީ)، އައިޝަތު ރިޝްމީ (ވިޝްކާ)، މަޖޫ (ވަކިން ލޯބިން)، ނުޒޫ (މަލިކާ)

އެންމެ މޮޅު ސަޕޯޓިން ބަތަލު:

އަަހުމަދު ސައީދު (ވިޝްކާ)، އަލީ އާޒިމް (ހައްދު)، އަލީ އާޒިމް (ދެވަންސޫރަ)، އިބްރާހީމް ޖިހާދު (ބޮސް)، އިބްރާހީމް ޖިހާދު (ދެވަންސޫރަ)

އެންމެ މޮޅު ސަޕޯޓިން ބަތަލާ:

ފައުޒިއްޔާ ހަސަން (ހައްދު)، ފާތުމަތު އާޒިފާ (ބޮސް)، އާޒިފާ (ދެވަންސޫރަ)، ހައްޖަ (ވަކިން ލޯބިން)، ނުޒޫ (ވަކިން ލޯބިން)

ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފިލްމު އެވޯޑްސްގެ މައިގަނޑު ކެޓަގަރީތަކުގެ ނޮމިނޭޝަންތައް އިއުލާންކުރުމަށް ފަހު، ބާކީ ހުރި ކެޓަގަރީގަތަކަށް ހޮވޭ ފިލްމުތައް ޔަގީންވާނީ އެވޯޑް ހަފުލާގެ ތެރެއިންނެވެ. މި އަހަރުގެ އެވޯޑް ބާއްވަނީ 2017-2018 ގައި ރިލީޒްކުރި ފިލްމުތައް ބައިވެރިކޮށްގެންނެވެ.

އެވޯޑްސްގައި ވާދަކުރާ ފީޗާ ފިލްމުތަކަކީ ދެވަންސޫރަ (2018)، ވަކިން ލޯބިން (2018)، ރޭވުމުން (2018)، ތިޔަ ލޯތްބާ ދުރަށް (2018)، މަލިކާ (2017)، ނޯޓީ 40 (2017)، ބޮސް (2017)، މީ ލޯތްބަކީ (2017)، ހައްދު (2017)، ވިޝްކާ (2017)، ނޭދެން ވަކިވާކަށް (2017) އަދި އިލް ނޮއިސް (2017) އެވެ.