މުނިފޫހިފިލުވުން / މިއުޒިކް

ރެޕްކޮށްފައި، ޔެސީ މިހާރު ޑައިރެކްޝަނަށް

ފިލްމު "5.1" ގެ ބަތަލު އިފްނާޒު (މ) އާ އެކު ޔެސީ އާއި ޝަޒްލާ ސެލްފީއެއް ނަގަނީ.

13 ނޮވެމްބަރ 2019 - 07:07

ރެޕާއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މިއުޒިޝަން މުހައްމު ޔާސިފް (ޔެސީ) ކޮމެޑީ ފިލްމަކާ އެކު ޑައިރެކްޝަނަށް ނުކުންނަން ތައްޔާރުވެއްޖެ އެވެ.

އޭނާގެ އަލަތު ފިލްމު "5.1" ގެ ޝޫޓިން މިހާރު ކުރިއަށްދާތާ މަހެއްހާ ދުވަސްވެއްޖެ އެވެ. އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފި ފިލްމަކީ 90ގެ އަހަރުތަކުގެ ވާހަކައެއް ކިޔައިދޭނެ، ކޮންމެ މީހެއްގެ ހަޔާތާ ވެސް ވަރަށް ގުޅޭ ފިލްމަކަށް ވާނެ ކަމަށް ޔެސީ ބުންޏެވެ.

ފިލްމުގެ ޝޫޓިންގެ 45 ޕަސަންޓް މިހާރު ނިމިފައިވާ އިރު، މަންޒަރުތައް ނަގަނީ މާލެ އާއި މާލެއާ ކައިރި ރަށްރަށުގެ އެވެ. "5.1" ގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ބަވަތި" އިން ތައާރަފުވި އެކްޓަރު މުހައްމަދު އިފްނާޒާއި އައިމިނަތު ރިޝްފާ އާއި އަހުމަދު ސުނީ އާއި ހަމްދާން ފާރޫގާއި އިރުފާނާ އިބްރާހީމް (އިރޫ) އެވެ.

މީގެ އިތުރުން ދިވެހި ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ދެ މަންމައިން ކަމަށްވާ އައިމިނަތު ރަޝީދާ (އައިންތު) އާއި މަރިޔަމް ހަލީމާ އެކު، ޓިކްޓޮކުން ވިދައިލި ފަންނާނުންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ދިވެހި ޓިކްޓޮކްގެ އެންމެ މަގުބޫލު މޫނުކަމަށްވާ ޝަޒީލާ ފާހަގަކޮށްލެވެ އެވެ.

ޔެސީ ބުނި ގޮތުގައި ބައިސްކޯފާ ގުޅިގެން ހަދާ މި ފިލްމުގެ ކާސްޓްގައި 30 ފަންނާނަކު ހިމެނެ އެވެ.

"އަހަރެން ވަރަށް ބޮޑަށް ފޯކަސްކޮށްގެން ލިޔުނު ސްކްރިޕްޓެއް މިއީ. އޭގެ މާނަ އަކީ ފިލްމުގެ އެއްވެސް މަންޒަރަކުން ބޭކާރު ކާސްޓެއް ނުފެންނާނެ. އަދި ހަމައެއާ އެކު ފިލްމުގެ ކޮންމެ ސީނެއްގައި ވެސް އެ ސީނަކުން ފެންނަން ޖެހޭ އެކްސްޓްރާތައް މީގައި ވަރަށް ފުރިހަމަ އަށް ބޭނުންކޮށްފައި ހުންނާނެ،" އާންމުކޮށް ދިވެހި ފިލްމުތަކުން ފެންނަ ކޫސަނި ގޯސްތަކުން އިބްރަތް ހާސިލުކޮށްގެން ހަދާ ފިލްމާ ބެހޭ ގޮތުން ޔެސީ ބުންޏެވެ.

އޭނާ ބުނީ "5.1" އަކީ ބެލުންތެރިން ވަރަށް ގަޔާވާނެ، ޝައުގުވެރި ވާނެ ފިލްމަކަށް ވާނެ ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ އެންޓަޓައިނިން އެއްޗަކަށްވުން. މި ފިލްމު ދިގުދަންމަން ބޭކާރު މަންޒަރުތަކާއި ބޭކާރު ކާސްޓުން ބޭނުންކޮށްފައެއް ނުހުންނާނެ،" ވަރަށް ކުރިއްސުރެ ވެސް ފިލްމީ މަސައްކަތްތަކަށް ލޯބިކުރާ ޔެސީ ބުންޏެވެ. "ކޮންމެ ފިލްމަކީ މެސެޖެއް، އިބުރަތެއް ލިބެން ޖެހޭ ފިލްމަކަށްވާކަށް ނުޖެހޭ. އަހަރެން ބުނަން ބޭނުންވާ އެއްޗަކީ މި ފިލްމަކީ ބެލުންތެރިން ވަރަށް އެންޓަޓައިންކޮށްދޭނެ، ބެލުންތެރިންނާ ވަރަށް ރިލޭޓްވާ ކަހަލަ ހާދިސާތަކެއް ފެންނާނެ ފިލްމަކަށް ވާނޭ."

އޭނާ ބުނިގޮތުގައި "5.1" އަކީ އެކީގައި އުޅޭ ޓީމެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ހަދާ ފިލްމެކެވެ. އެގޮތުން މި މަސައްކަތުގައި ޔެސީއާ އެންމެ ގާތުން މަސައްކަތްކުރަނީ އައިޝަތު ޝަޒްލާ އާއި އިސްމާއީލް ހަލީމްގެ އިތުރުން އިބްރާހީމް އީހާބެވެ.

"ވަކިން ހާއްސަކޮށް ފިލްމުގެ ސްޓޯރީގައި ޝަޒްލާގެ ހިއްސާ ވަރަށް ބޮޑު،" އަމިއްލަ ރާގުގެ ދެ ލަވަ ހިމެނޭ ފިލްމާ ބެހޭ ގޮތުން ޔެސީ ބުންޏެވެ.

މި ފިލްމު ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

"މި މަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާލައި ޕޯސްޓް ޕްރޮޑަކްޝަނަށް ދެވޭނެ ކަމަށް މި ބަލަނީ،" ޔެސީ ބުންޏެވެ. "މަސައްކަތް ހަމަ ފެށުނީއްސުރެ ވަރަށް ބާރަށް ކުރިއަށް އެބަދޭ."

0 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 17%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454