13 ނޮވެމްބަރ 2019 - 07:05
އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ކާމިޔާ ޕަންޖާބީ ދެވަނަ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
ކުރީގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވާ 40 އަހަރުގެ ބަތަލާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނިއު ދިއްލީ އަށް ނިސްބަތްވާ ޝަލަބް ދަންގްއާ އެވެ. އޭނާ އަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހެކެވެ. ޝަލަބަކީ ވެސް ކުރީގެ ކައިވެންޏަކަށް ދަރިއަކު ހުރި މީހެކެވެ.
ކާމިޔާ އާއި ޝަލަބްގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު އަހަރެއްހާ ދުވަސްވެފައިވާ އިރު، ސޯޝަލް މީޑިއާގައި ދެ މީހުންގެ ގުޅުން ވަަރަށް ހާމަކަން ބޮޑެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ކާމިޔާ ބުނީ އޭނާ އާއި ޝަލަބްގެ ގުޅުން ވަރަށް ވެސް އުފާވެރި ކަމަށެވެ. އަދި މި ގުޅުމާ އެކު ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމެއް އައިސްފައިވާ ކަމަށް ބުންޏެވެ.
"އަހަރެމެން މިހާރު މި އަންނަނީ ކައިވެންޏަށް ތައްޔާރުވަމުން. އެކަމަކު ތާރީހު ހިއްސާކުރެވޭކަށް ނެތް. ހަމަ ޔަގީނުން ވެސް ވަރަށް އަވަހަށް ކައިވެނިކުރާނަން،" ކާމިޔާ ބުންޏެވެ. "އަހަރެން މިހާރު ރައްޓެހިން ގާތު ވެސް ބުނެފިން ތައްޔާރަށް ތިބޭށޭ، ކައިވެނީގެ ދައުވަތު ކޮންމެ ވަގުތަކު ވެސް ލިބިދާނޭ."
ކާމިޔާ ކުރިން ކައިވެނިކުރީ މުމްބާއީގެ ވިޔަފާވެރިއެއް ކަމަށްވާ ބަންޓީ ނެގީއާ އެވެ. އެ ދެ މީހުން 2003 ގައި ކުރި ކަިއވެނި 10 އަހަރު ފަހުން ރޫޅުނީ 2013 ގަ އެވެ. އެ ކައިވެންޏަށް ލިބިފައިވާ އަންހެން ދަރިފުޅު އާރާގެ އުމުރުން މިހާރު 10 އަހަރެވެ.
ކަލާޒް އިން ދައްކަމުން އަންނަ ސިލްސިލާ "ޝަކްތީ: އަސްތިތުވާ ކޭ އެހްސާސް ކީ" ގައި މިހާރު މާމަ ދަރިއަކު ވެސް ހުރި މީހެއްގެ ރޯލް ކުޅެމުން އަންނަ ކާމިޔާ ވަނީ ކައިވެނި ރޫޅުނު ފަހުން ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ހޭ މުހައްބަތޭން" ގެ ބަތަލު ކަރަން ޕަޓޭލްއާ ވެސް ލޯބީގެ ގުޅުމެއް ބާއްވައިފަ އެވެ.
ކަރަން 2015 ގައި ވަނީ ބަތަލާ އަންކިތާ ބަރްގަވާއާ ކައިވެނިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy