17 ނޮވެމްބަރ 2019 - 15:46
އެކްޓަރު ޖެމީ ފޮކްސްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ ވާހަކަތައް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކޭޓް ބެކިންޒޭލް ދޮގުކޮށްފި އެވެ.
އަންނަ އަހަރު ބާއްވާ 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގެ އެމްބެސެޑަަރުންނަށް އެކްޓަރު ޕިއާޒް ބްރޮސްނަންގެ ދެ ދަރިން ކަމަށްވާ ޑައިލަން އާއި ޕެރިސް ހަމަޖެއްސިކަން އިއުލާންކުރަން ލޮސް އެންޖެލިސްގެ ކެޗް އެލްއޭގައި ހުކުރު ދުވަހު ބޭއްވި ހަފުލާގެ ތެރެއިން ކޭޓާ އެކު ޖެމީ ފެނުމުން ބައެއް މީޑިއާތަކުން ވަނީ އެ ދެ މީހުން ސީރިއަސްކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަން ޖެމީ އާއި އެޑެވެލް އަކިނޯޔޭ އަބައިޖޭއާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކޭޓް ބުނީ ފިރިހެނަކާ އެކު އޭނާ ފެނުމަކީ އެ މީހަކާ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅެންޖެހޭ ސަބަބަކަށް ވާން ނުޖެހޭ ކަމަށެވެ.
އުމުރުން މިހާރު 46 އަހަރުގެ ކޭޓަކީ އަލަތު ކައިވެނި ރޫޅިފައިވާ ބަތަލާއެކެވެ. އޭނާ އާއި ޑައިރެކްޓަރު ލެން ވައިޒްމަން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2016 ގަ އެވެ.
އެކްޓަރު ޖެމީ، 51، އަކީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ ކުރީގެ އަންހެނުން އަދި ބަތަލާ ކެޓީ ހޯމްސްއާ ހައެއްކަ އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، މި އަހަރު ވަކިވެފައިވާ އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy