21 ނޮވެމްބަރ 2019 - 07:16
އިންޑިއާގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މިއުޒިކް އާޓިސްޓުންގެ މަސައްކަތްތަކުން ނުހައްގު ފައިދާތަކެއް ނަގަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި އެ ކުންފުނިން 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) މިހާތަނަށް ހޯދާފައިވާ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މުމްބާއީ ފުލުހުންގެ އިކޮނިމިކް އޮފެންސް ވިންގަށް ވައިއާރްއެފާ ދެކޮޅަށް އިންޑިއަން ޕަފޯމިން ރައިޓްސް ސޮސައިޓީ (އައިޕީއާރްއެސް) އިން ހުށަހަޅާފައިވާ މައްސަލާގައި ބުނީ އެތަނަށް ލިބެން ޖެހޭ ރޯޔަލް ނުލިބޭ ގޮތަށް، މިއުޒިޝަނުންނާއި ޅެން ހަދާ މީހުންނާއި މިއުޒިކް ޕްރޮޑިއުސަރުން ލައްވައި، އުސޫލުތަކުގެ ބޭރުން ޕްރެޝަރުކޮށްގެން އެއްބަސްވުންތަކުގައި ސޮއިކޮށް، އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަަމަށެވެ.
Public Notice by @IPRSmusic in trade magazines advising all authors and music composers that IPRS does not deal with intermediaries/middle men who represent that they can secure IPRS membership for authors/music composers. pic.twitter.com/kV4QoQ3Vkq
— Indian Performing Right Society Limited (@IPRSmusic) November 18, 2019
އަދި މިހާތަނަށް ބެލިބެލުމުން އެފަދަ މައްސަލަތަކުގައި ވައިއާރްއެފުން މިހާތަނަށް 100 ކްރޯޑްގެ ފައިދާއެއް ހޯދާފައިވާ ކަމަށް ބުންޏެވެ. އެގޮތުން ދެ ޓީވީ ޗެނަލަކުންނާއި ރޭޑިއޯ ސްޓޭޝަންތަކާއި މުވާސަލަތީ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް، ވައިއާރްއެފުން މިއުޒިކުން ފައިދާތައް ނަގަމުންދާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދޭން އެދި ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި އައިޕީއާރްއެސް އިން ވަނީ މިކަން އާންމުންގެ ސަމާލު ކަމަށް ގެންނަން ނޯޓިހެއް ވެސް އާންމުކޮށްފަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ވައިއާރްއެފުން އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ.
ކުރީގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްރާގެ ފިލްމު ކުންފުންޏަށް ނާޖާއީޒު ފައިދާތަކެއް ހޯދާކަމުގެ ތުހުމަތުކޮށްފައި މި ވަނީ އެ ސްޓޫޑިއޯ އަށް 50 އަހަރު ފުރުން އަންނަ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ބޮޑެތި ޕްލޭންތަކެއް ކުރަމުން ދަނިކޮށެވެ. ބެލުންތެރިން އެންމެ އިތުބާރުކުރާ އަދި މިހާތަނަށް ކާމިޔާބު އެތަކެއް ފިލްމެއް ގެނެސްދީފައިވާ ވައިއާރްއެފް ވުޖޫދަށް އައީ 1970 ގަ އެވެ.
ޔާޝް 2012 ގައި މަރުވުމާ ގުޅިގެން އެ ސްޓޫޑިއޯ މިހާރު ހިންގަނީ ދޮށީ ދަރިފުޅު އަދި ޑައިރެކްޓަރު އަދިތިޔާ ޗޯޕްރާ އެވެ. އޭނާ އަކީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy