ގޫ ހާރާ.
25 ނޮވެމްބަރ 2019 - 13:11
ދެކުނު ކޮރެއާގެ ކުރީގެ މަޝްހޫރު އަންހެން ބޭންޑް "ކާރާ" ގެ ލަވަކިޔުންތެރިޔާ/ބަތަލާ ގޫ ހާރާ އާދީއްތަ ދުވަހު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އެ ގައުމުގެ ގަންގްމަން ޕޮލިސް ޑިޕާޓްމަންޓުން ބުނީ 28 އަހަރުގެ ލަވަކިޔުންތެރިޔާ މަރުވެފައި އޮއްވައި ފެނުނީ ސޯލްގައި ހުންނަ އޭނާގެ ގެއިން ކަމަށެވެ. ގޫ މަރުވި ސަބަބެއް އަދި ކަށަވަރުނުވާ އިރު، މިކަން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ފުލުހުން ބުނިގޮތުގައި ގޫ މަރުވެފައި އޮއްވައި ފެނުނީ އާދީއްތަ ދުވަހު އިރާކޮޅު ވަގުތެއްގަ އެވެ.
އިންސްޓަގްރާމުން 1.5 މިލިއަން މީހުން ފޮލޯކުރާ ގޫ މަރުވުމުގެ ކުރިން އެންމެ ފަހުން އާންމުކުރި ޕޯސްޓްގައި އެނދުގައި އޮވެ ނަގާފައިވާ ފޮޓޯއެއް ހިއްސާކުރަމުން ކެޕްޝަނަކަށް ޖަހާފައި އިނީ "ގުޑް ނައިޓް" އެވެ.
ބޭންޑް "ކާރާ" 2007 ގައި އުފެއްދުމުގައި އެންމެ އިސްކޮށް އުޅުނު ގޫ ވަނީ މިދިޔަ މެއި މަހު އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ފޭނުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމަށް އޭނާ މައާފަށް ވެސް އެދުނެވެ.
މިދިޔަ އަހަރު ލޯބިވެރިޔާއާ މައްސަލަ ޖެހި، ގޫ ވަނީ ބްލެކްމެއިލްކޮށްގެން އޭނާގެ ކެރިއަރު ހަލާކުކޮށްލަން ލޯބިވެރިޔާ މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ދައުވާ ވެސް ކޮށްފަ އެވެ.
މިއުޒިކް ދާއިރާގައި 2016އާ ހަމައަށް ވަރަށް ހަރަކާތްތެރި އަދި ބައިނަލްއަގްވާމީ މައިދާނުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި "ކާރާ" ގެ މެމްބަރުންގެ ގޮތުގައި ގޫއާ އެކު ތިބީ ޔޫރީ، ސެންގިއޯން، ސަންގީ، ނިކޯލް، ޖިޔޯންގް އަދި ޔޮންގްޖީ އެވެ.
އެ ބޭންޑުން މިހާތަނަށް ނުވަ އަލްބަމެއް ނެރެފައިވެ އެވެ. އެންމެ ފަހުގެ އަލްބަމަކީ 2015 ގެ "ގާލްސް ސްޓޯރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަސާ ބިންމާ
26 November 2019
އެއީ ކާކު؟
ރަބަރު
25 November 2019
ހުރިހާކަމެއް ނިމުނީ. މަގޭހިތަށް އަރަނީ ދެންވާނެގޮތް. ނިމުމެއްނެތް ބޮޑުވޭނެއްގެ ތެރެއަށް ވެއްޓުނީ.