ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ ފިލްމެއް އަބީޝެކަށް

ޝާހްރުކް ޚާން ޕްރޮޑިއުސްކުރާ ފިލްމަކަށް އަބީޝެކް ބައްޗަން ސޮއިކޮށްފި އެވެ.


އަޖޭ ދޭވްގަން ޕްރޮޑިއުސްކުރާ "ދަ ބިގް ބުލް" ގެ މަސައްކަތް ވެސް މިހާރު ކުރަމުން އަބީޝެކް ސޮއިކުރީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ބައުންޑް ސްކްރިޕްޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ "ބޮބް ބިސްވާސް" އަށެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ދިޔާ އައްނަޕޫރްނާ ގޯޝް އެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށައި، އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭން ނިންމި ނަމަވެސް، ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ.

ޝާހްރުކް ކުރި ޓްވީޓެއްގައި ބުނީ ބައުންޑް ސްކްރިޕްޓާ ގުޅިގެން ފިލްމެއް ހެދުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ އަބީޝެކްގެ ފާހަގަކޮށްލެވޭ ފިލްމަކަށްވާނެ ކަމަށެވެ. އަބީޝެކް ވެސް "ބޮބް ބިސްވާސް" އިން ފުރުސަތު ލިބުމުން އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

އަބީޝެކްގެ ބައްޕަ އަމީތާބް ބައްޗަން ވެސް މި އަހަރު ޝާހްރުކް ޕްރޮޑިއުސްކުރި ފިލްމަކުން ފެނިފައިވެ އެވެ. އެއީ މާޗް މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދި "ބަދުލާ" އެވެ.

ޝާހްރުކް ޕްރޮޑިއުސްކުރާ ފިލްމަކަށް އަބީޝެކް ސޮއިކުރި އިރު މި ދެ ތަރިން އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އެއީ "ހެޕީ ނިއު އިޔާ" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އެވެ.

އަބީޝެކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫ އަންނަ އަހަރު ގެނެސްދޭ ފިލްމަކާއި އެމެޒޯން ޕްރައިމް ވީޑިއޯގެ "ބްރީތު" ސީޒަން ދޭއް ހިމެނެ އެވެ.

ކުޅޭނެ މާ ރަނގަޅު ފިލްމުތަކެއް ނުލިބޭ އަދި ބަތަލާ އައިޝްވާރިތާ ރާއީގެ ފިރިމީހާ އަބީޝެކް، 43، އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "މަންމަރުޒިޔާ" އިންނެވެ.