ކާތިކް.
05 ޑިސެމްބަރ 2019 - 07:37
އެކްޓަރަކަށްވުމުގެ ހުވަފެންތައް ދެކެން ފެށީ ޝާހްރުކް ޚާން ކުޅުނު "ބާޒީގަރް" ބަލާފައި ކަމަށް ބޮލީވުޑްގެ އެންމެ ވިދުން ގަދަ ޒުވާން އެކްޓަރުންގެ ތެރޭގައި މިހާރު ހިމެނޭ ކާތިކް އާރިޔަން ބުނެފި އެވެ.
ފޭސްބުކް ގްރޫޕް "ހިއުމަންސް އޮފް ބޮމްބޭ" ގައި ހިއްސާކުރި އޭނާގެ ކެރިއަރުގެ ވާހަކަތައް 29 އަހަރުގެ ބަތަލު އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވާ އިރު އޭގައި ބުނީ 1993 ގެ "ބާޒީގަރް" ބެލިއިރު އޭނާ އުޅުނީ ގްރޭޑް 9 ގައި ކަމަށެވެ.
"އެ ފިލްމު ބެލި ހިސާބުން އެނގިއްޖެ އަހަރެން ވާން ބޭނުން ވަނީ އެކްޓަރަކަށްކަން. އަހަންނަށް ވަރަށް ކަމުދިޔަ ފިލްމަކަށް ބާޒީގަރް ވެގެން ދިޔައީ،" ކާތިކް ބުންޏެވެ. "އެކަމަކު މައިންބަފައިން އެކަމާ ދޭތެރޭ ދެކޭނެ ގޮތެއް ނޭނގޭތީ ވަރަށް ކަންބޮޑުވި."
އޭނާ ބުނި ގޮތުގައި ނަސީބު ދިމާކުރި ގޮތުން ގްރޭޑް 12 ނިންމާލާފައި ކޮލެޖަށް ދާންވީ ހިސާބުން ފުރުސަތު ލިބުނީ ނަވީ މުމްބާއީގެ ކޮލެޖަކުންނެވެ. އެހެންވެ އޭގެ ސަބަބުން އޮޑިޝަންތަކަށް ދާން މަގުފަހިވި ކަމަށް ބުންޏެވެ.
ކާތިކްގެ މައިންބަފައިންނަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެކެވެ. އަދި މައިންބަފައިން ބޭނުންވީ އޭނާ އިންޖިނިއަރިން ދާއިރާ އިން ކުރިއަށްދާން ކަމަށް ބުންޏެވެ.
"ވަކި ހިސާބަކުން ކިޔެވުން ހުއްޓާލައި އެކްޓްކުރަން ބޭނުންވީ،" 2011 ވަނަ އަހަރު ޑައިރެކްޓަރު ލަވް ރަންޖަންގެ "ޕިޔާރް ކާ ޕަންޗްނާމާ" އިން އެކްޓިން އަށް ނުކުތް ކާތިކް ބުންޏެވެ. "އެކަމަކު އުންމީދު ކުރި ވަރަކަށް ފުރުސަތެއް ވެސް ލިބޭ ގޮތެއް ނުވި. އެހެންވެ އަނެއްކާ އަލުން މަންމަ ބުނަން ފަށައިފި ޑިގްރީ ނިންމާށޭ. އެ ހިސާބުން އަނެއްކާ ވެސް ކިޔަވަން ފެށީ. އޭރު ކިޔަވަމުން ލިބޭ ފުރުސަތުގެ ބޭނުން ވެސް ހިފަމުން ދިޔައީ."
"ޕިޔާރު ކާ ޕަންޗްނާމާ" އަށް ފަހު ކާތިކް ވަނީ 2015 ގައި އެ ފިލްމުގެ ދެވަނަ ބަޔަކާ އެކު 2017 އާ ހަމަަ އަށް ހަ ފިލްމު ކުޅެފަ އެވެ. އެކަމަކު އެއިން އެއްވެސް ފިލްމަކީ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެއް ނޫނެވެ. އޭނާގެ ކެރިއަރު އާ މިސްރާބަކަށް ގެންދިޔަ ފިލްމަކީ މިދިޔަ އަހަރު ލަވް ގެނެސްދިން "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" އެވެ. އެއީ ކާތިކްގެ ފުރަތަމަ 100 ކްރޯޑް ފިލްމު ވެސް މެ އެވެ.
"އަހަރެން ބުނާނީ އެއީއޭ އަހަރެން މީހަކަށް ހަދައިދިން ފިލްމަކީ،" ކާތިކް ބުންޏެވެ.
މިހާރު އޭނާ އަކީ ފިލްމުތަކުން ހުށަހެޅުންތައް އޮހެމުން އަންނަ ތަރިއެކެވެ. ހަމައެކަނި ފިލްމުތަކުންނެއް ނޫނެވެ. އެތައް ބްރޭންޑެއް އިޝްތިހާރުކޮށްދޭން ވެސް ކާތިކަށް އަންނަނީ ފުރުސަތު ލިބެމުންނެވެ.
މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ލުކާ ޗުއްޕީ" އަށް ފަހު ދެން އެންމެ އަވަހަށް އޭނާ ސްކްރީނުން ފެންނާނީ ހުކުރު ދުވަހު ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" އިންނެވެ. ކާތިކްގެ އަތުގައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ބޫލް ބުލައްޔާ 2" ގެ އިތުރުން "އާޖް ކަލް 2" ހިމެނެ އެވެ.
ކާތިކް ބުނިގޮތުގައި އޭނާ އަށް މިހާރު އާދެވިފައި ހުރި ހިސާބަށް ދެވުނީ ލައްކަ މަސައްކަތުންނާއި އެތައް ބައެއްގެ އެހީގައި ކަމަށްވާތީ އެއިން އެއްވެސް ކަމެއް ދުވަހަކު ހަނދާންނަތައްއެއް ނުލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަމްހީދު
05 December 2019
ތި ބާޒީގަރު ބަލާފަ މަވެސް އެކްޓަރަކަށް ވާން ވަރަށް ބޭނުންވި.. އެކަމަކު މިތާގަ ކޮން އެކްޓެއް ކުރެވޭނީ.. އެހެންވެ އަޅާނުލީ.