10 ޑިސެމްބަރ 2019 - 07:05
އާއިލާ އަކީ ބޮލީވުޑާ ވަރަށް ގަޔާވާ ބައެއް ކަމަށާއި އަސްލު އޭނާ އުފަންވާންވީ ވެސް އިންޑިއާ އަށް ކަމަށް ހޮލީވުޑްގެ މަޝްހޫރު ބަތަލާ ކެތެރީން ޒީޓާ-ޖޯންސް ބުނެފި އެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިހާރު ކުރިއަށްދާ 17 ވަނަ ހިންދުސްތާން ޓައިމްސް ސަމިޓްގައި އެކްޓަރު އަނިލް ކަޕޫރް މޮޑެރޭޓްކޮށް ދިން ސެޝަނެއްގައި ހޮނިހިރު ދުވަހު އޭނާ ވަނީ 2007 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "އޯމް ޝާންތީ އޯމް" ގެ ޓައިޓްލް ލަވަ އަށް އަނިލްއާ އެކު ސްޓޭޖްމަތީގައި ނަށައިފަ އެވެ.
"ދަ މާސްކް އޮފް ޒޯރޯ" އާއި "ޝިކާގޯ" އަދި "ދަ ޓާމިނަލް" ފަދަ ކާމިޔާބު ފިލްމުތައް ކުޅުނު 50 އަހަރުގެ ބަތަލާ އަދި ދެ ކުދިންގެ މަންމަ ބުނީ އޭނާގެ ދަރިންނަކީ ވެސް އަބަދު ވެސް ބޮލީވުޑްގެ ފިލްމުތަކާއި ލަވަތަކަށް ލޯބިކުރާ ބައެއް ކަމަށެވެ.
"އަހަރެން އަސްލު އުފަންވާންވީ ވެސް އިންޑިއާގައި. އޭރުން ބޮލީވުޑްގެ ފިލްމުތަކުގައި އެކްޓްކޮށް، ނަށައި ލަވަކިޔައި ހެދޭނެ،" ކެތެރީން ބުންޏެވެ.
އޭނާ ބުނީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދާ ފިލްމަކީ ފަރާ ޚާން ޑައިރެކްޓްކުރި "އޯމް ޝާންތޯ އޯމް" ކަމަށެވެ. އެ ފިލްމަކީ 2017 ގައި ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ކުޅުނު ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންގެ އަލަތު ފިލްމު ވެސް މެ އެވެ.
"އޯމް ޝާންތީ އޯމް" ގެ ޓައިޓްލް ލަވަ ކެތެރީން އާއި އަނިލް ނެށި މަންޒަރު ފެންނަ ވީޑިއޯއެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ފަރާ ވަނީ "އޯމް ޝާންތީ އޯމް" ގެ ދެވަނަ ބައިގެ ކާސްޓުން ލިބިއްޖެ ކަމަށް ބުނެ ދެ ތަރިންގެ ނެށުން "އެޕިކް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.
ދިއްލީ އިވެންޓްގައި ކެތެރީން ވަނީ ކައިވެންޏާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާގެ ފިރިމީހާ އަދި ކުރީގެ އެކްޓަރު މައިކަލް، ކެތުރީން އަށް ވުރެ 25 އަހަރު ދޮށްޓެވެ. އެކަމަކު 2000 ވަނަ އަހަރު ކުރި ކައިވެންޏާ ބެހޭ ގޮތުން ކެތުރީން ބުނީ އުމުރަކީ ލޯތްބަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި އޭނާ އާއި ފިރިމީހާއާ ދެމެދު އުމުރުގެ ބޮޑު ފަރަގެއް ހުއްޓަސް ދެ މީހުންގެ ދިރިއުޅުމުގެ މައިދާނުގައި އޭގެ ތަފާތެއް ނެތް ކަމަށް ބުންޏެވެ.
ކެތުރިން އާއި މައިކަލް އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ އަންހެން ދަރިފުޅު ކެރީޒް ޒީޓާ ޑަގްލަސް، 16، އާއި ފިރިހެން ދަރިފުޅު ޑައިލަން މައިކަލް ޑަގްލަސް، 19، އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy