ސުޝްމިތާ.
12 ޑިސެމްބަރ 2019 - 07:38
ކުރީގެ މިސް ޔުނިވާސް އަދި ބަތަލާ ސުޝްމިތާ ސެން ބޮލީވުޑަށް އެނބުރި އަންނަން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އުމުރުން 44 އަހަރުގެ ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލެމް" އެވެ.
އިންސްޓަގްރާމްގައި ސުޝްމިތާ ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާ އަލުން ސިލްވަ ސްކްރީނަށް އައުމަށް ފޭނުން އިންތިޒާރުކުރަމުންދާތާ މިހާރު 10 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އެހެންވެ އެ މީހުންނަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ހިއްސާއެއްނުކުރެ އެވެ. އެކަމަކު ހަމަ ޔަގީނުން ވެސް ސުޝްމިތާ އެނބުރި އަންނަ ފިލްމަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ފިލްމަކަށް ވާނެ އެވެ.
ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދާދި ފަހުން ސުޝްމިތާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އެކްޓިންއާ ދުރަށް ދާން ނިންމި މައިގަނޑު ސަބަބަކީ 2010 ގައި ދެވަނަ އަށް އެޑޮޕްޓްކުރި އަންހެން ދަރިފުޅު އަލީޝާ ސެން އަށް ވަގުތު ހުސްކުރަން ކަމަށެވެ. އޭނާގެ އުމުރުން މިހާރު 10 އަހަރެވެ.
ސުޝްމިތާގެ ފިލްމީ ކެރިއަރަކީ އެހާ ކުލަގަދަ އަދި މާ ކާމިޔާބު ކެރިއަރެއް ނޫނެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރު ފިލްމަކީ 2004 ގައި ޝާހްރުކް ޚާނާ އެކު ކުޅުނު "މޭ ހޫ ނާ" އެވެ. މީގެ އިތުރުން "ބީވީ ނަމްބަރު 1" އާއި "ސިރުފް ތުމް" އަދި "މޭނޭ ޕިޔާރު ކިއު ކިޔާ؟" އަކީ ސުޝްމިތާގެ ކެރިއަރުން ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކެވެ.
އޭނާ އެކްޓިން އަށް ނުކުތީ 1996 ގެ "ދަސްތަކް" އިންނެވެ.
ސުޝްމިތާ އެނބުރި އަންނަ ވާހަކަ ހިއްސާކުރި އިރު އޭނާގެ ހަޔާތް މިހާރު ވަރަށް އުފާވެރި އެވެ. ވަރަށް ސީރިއަސް ލޯބިވެރިޔަކު މިހާރު އެބަ ހުއްޓެވެ. އެއީ އަންނަ އަހަރު އެ މީހަކާ ކައިވެނިކުރަން ތައްޔާރުވަމުން އަންނަ ކަމަށް ތުންތުންމަތިން އަޑުތައް ފެތުރޭ ރަހްމާން ޝޯލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy