މި އަހަރު އެންމެ ކަމުދިޔަ ދިވެހި ފިލްމަކީ ކޮބާ؟

އަހަރު ނިމުމަކާ ގާތްވަމުން އަންނަ އިރު، މި އަހަރަކީ ވެސް ދިވެހި ސިނަމާ އަށް ފާގަތި އަހަރެކެވެ. ރީތި އަދި ކާމިޔާބު ފިލްމުތަކެއް މި އަހަރު ފެނިގެން ގޮސްފައިވެ އެވެ. މި އަހަރު ޖުމްލަ ނުވަ ފިލްމެއް ރިލީޒްކޮށްފައިވެ އެވެ. ފަހަރުގައި އެ އަދަދަކީ ބެލުންތެރިން އެންމެ ބޭނުންވާ އަދަދު ކަމަށް ނުވެދާނެ އެވެ.


ނަމަވެސް ނުވަ ފިލްމު ސިނަމާތަކަށް އައުމަކީ ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބަށް ބަލާ އިރު، ހަމަ ރަނގަޅު އަދަދެކެވެ. ކުރިން އޮތް ގޮތުން ނަމަ މި އަހަރަކީ 11 ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން އޮތް އަހަރެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ދެ ފިލްމެއް ވަނީ ނާޅުވައި އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެ ދެ ފިލްމަކީ ކުރިން އޮކްޓޯބަރު 2 އަށް ތާވަލުކުރި އަލީ ސީޒަންގެ ފެމިލީ ޑްރާމާ "އަނދިރިކަން" އާއި ނޮވެމްބަރު 15 އަށް ތާވަލުކުރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އެވެ.

މި އަހަރު ރިލީޒްކުރި ފިލްމުތަކަށް ބަލާ އިރު އެކު ޖޯންރާގެ ފިލްމުތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ސައިކޮލޮޖިކަލް ތުރިލާ އާއި ކްރައިމް ޑްރާމާ އާއި ބިރުވެރި އަދި ކޮމެޑީ އަދި ލޯބީގެ އަސަރު ގަދަ ފިލްމުތައަ ހިމެނެ އެވެ. މި އަހަރު ރިލީޒްވި ފިލްމުތައް މަތިން ހަނދާން އާކޮށްލަމާ ހިނގާށެވެ. އޭރުން އެންމެ ކަމުދިޔަ ފިލްމަކީ ކޮބައިތޯ ނިންމަން ފަަސޭހަވާނެ އެވެ.

1. ނިވައިރޯޅި

އަހަރު ފެށީ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާ އެކީގަ އެވެ. މިއީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޖެނުއަރީ 3 ގައި އެޅުވި މި ފިލްމު ޖޯންރާއަކަށް ފައްތާ ނަމަ މިއީ ސައިކޮލޮޖިކަލް ޑްރާމާއެކޭ ބުނެވިދާނެ އެވެ.

އަންހެނަކަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކާ ހެދި ކުރިމަތިވާ ކަންތައްތަކެއް ކިޔައިދިން "ނިވައިރޯޅި" ގެ މުހިއްމު ތަރިންނަކީ ނިއުމާ އާއި ޔޫއްޕެގެ އިތުރުން އަހުމަދު އާސިމް، މަރިޔަމް ޝަކީލާ، އައިމިނަތު ރަޝީދާ (އައިންތު) އެވެ.

2. ގޮށްރާޅު

ފެބްރުއަރީ މަހުގެ 4 ގައި އެޅުވި ފިލްމަކީ މީގެ ތިން އަހަރު ކުރިން ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމު "4426" އިން ޑައިރެކްޝަނަށް ނުކުތް އަހުމަދު ޝިނާންގެ އަލަތު ސޯލޯ ޑައިރެކްޝަނެވެ. މޫމިން ފުއާދުގެ ސްކްރީންޕްލޭއަކަށް ހެދި މި ފިލްމަކީ ކްރައިމް ޑްރާމާއެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ގޮށްރާޅު" ފާހަގަކުރެވިގެން ދިޔައީ ފިލްމި ދާއިރާ ގިނަ އާ މޫނުތަކެއް ވެސް ނެރެދިން ފިލްމަކަށެވެ. އެކަމަކު ފިލްމުގެ މައިގަނޑު ތަރިއަކީ ޖުމައްޔިލް ނިމާލެވެ.

3. ފޯޓީ ޕްލަސް

މާޗް 5 ގައި ޕްރިމިއާކުރި މި ފިލްމަކީ 2016 ގައި ޔޫއްޕެ ގެނެސްދިން "ނޯޓީ 40" ގެ ބޮޑު ކާމިޔާބީއާ ގުޅިގެން ގެނެސްދިން އެ ފިލްމުގެ ދެވަނަ ބައެވެ. ބޮޑު ކާސްޓެއް ފެނިގެން ދިޔަ ފިލްމަކީ ޔޫއްޕެ، ލިޔެ ޑައިރެކްޓްކޮށް އަދި މުހިއްމު ރޯލެއް ވެސް ކުޅުނު ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސީޒަން، މުހައްމަދު މަނިކު، އަހުމަދު ސައީދު، ޝީލާ ނަޖީބް އަދި މުހައްމަދު ފައިސަލާ އެކު އާ މޫނުތަކެއް ވެސް "+40" އިން ފެނިގެން ދިޔަ އެވެ.

4. މާމުއި

ޖުލައި 1 ގައި އޮލިމްޕަސް ސިނަމާ އަށް "މާމުއި" އަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދިން ދެޗަނަ ފިލްމެވެ. އަދި މި އަހަރު އެންމެ ހިނގި އެއް ފިލްމަކީ ވެސް މިއީ އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ މި ކޮމެޑީގެ ކާސްޓުންގެ ތެރޭހައި ޖުމަލް، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއައިބް (ނުޒޫ)، މަރިޔަމް އައްޒަ އޭނާގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ގެ އިިތުރުން ޝީލާ އާއި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.

"މާމުއި" އަކީ އެ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ.

5. ނަފުރަތުވުމުން

އެޕްރީލް މަހުގެ 9 ގައި ޕްރިމިއާ ކުރި މި ފިލްމަކީ އަނެއްކާ ވެސް ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. އޭނާ ވެސް ރޯލަކުން ފެނިގެން ދިޔަ "ނަފުރަތުވުމުން" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މީގެ މައިގަނޑު ރޯލްތައް ކުޅުނީ އަލީ އާޒިމް (ދޮން އައްޔަ) އާއި އައްޒަގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ. "ނަފުރަތުވުމުން" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.

6. ދައުވަތު

ޖޫން 12 ގައި އެޅުވި "ދައުވަތު" އަކީ މި އަހަރު އެންމެ ގަދައަށް އެ ފިލްމެއްގެ ވާހަކަ ދެކެވުނު އެއް ފިލްމެވެ. މިއީ ލޯބީގެ ބިރުވެރި ފިލްމެކެވެ. އަނެއްކާ ވެސް ހަމަ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް އޭނާ ޑައިރެކްޓްކުރި ފިލްމެކެވެ.

ދެމަފިރިއަކު ދުރުކުރަން ސިހުރު ހެދުމުން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދިން ފިލްމުގެ މައިގަނޑު ތަރިންނަކީ ނަމަ "ނަފުރަތުވުމުން" ގެ ވެސް ތަރިންނެވެ.

7. ލީނާ

ޖުލައި 23 ގައި އެޅުވި ފިލްމަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގައި ހިނގާފައިވާ އަނިޔާވެރި މަރެއްގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އަދި "ލީނާ" ވެގެން ގޮސްފައި ވަނީ އެ ފިލްމު އެޅުވުމުގެ ކުރިން މި އަހަރުގެ އެންމެ ކޮންޓްރަވާޝަލް ފިލްމަށެވެ.

ބައެއް މީހުން ވަނީ އެ ފިލްމަކީ ވިޔަފާވެރިންގެ ޖަމިއްޔާގެ ފާހާނާ ތެރޭގައި މަރައިލި އަޒްލީނާ ނަފީސްގެ މަރުގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ބުނެ، އެ ފިލްމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކޮށްފަ އެވެ. އެކަމަކު ފިލްމު އެޅުވުމުން އެ އަޑު އެއްކޮށް ކެނޑިގެން ދިޔަ އެވެ.

އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅުނު "ލީނާ" އަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހެދި ފިލްމެކެވެ. މީގެ ކާސްޓުންނަކީ އައްޒަ، ދޮން އައްޔަ، ނުޒޫ އަދި ޒީނަތު އައްބާހެވެ.

8- ކާކު؟

ސެޕްޓެމްބަރު މަހުގެ 24 ގައި އެޅުވި މި ފިލްމަކީ މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް ގެނެސްދިން ބިރުވެރި ފިލްމެކެވެ. މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި "ކާކު؟" އަކީ މި އަހަރު އެންމެ މަދު ޝޯތައް ދެއްކި ފިލްމެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް މާ މަޝްހޫރު މޫނެއް ނެތެވެ.

ރަށެއްގައި އުޅޭ ބަޔަކަށް ގޭތެރެއިން ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ކިޔައިދިން ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އިބްރާހީމް ސޮބާހް (ކުޑަ ސޮބާ)، އިރުފާނާ އިބްރާހީމް (އިރޫ)، މުހައްމަދު ޝާފިއު އަދި އައިޝަތު ޔާސިރާގެ އިތުރުން ހާމިދު އަލީ އެވެ.

9. ބަވަތި

ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނުކުތް ސްޓޫޑިއޯ އައި ފިލްމްސްގެ "ބަވަތި" އަކީ މި އަހަރުގެ އެންމެ ބޮޑު ސަޕްރައިޒެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކުރި މި ސައިކޮލޮޖިކަލް ޑްރާމާ އަކީ މި އަހަރު އެ ފިލްމެއް ބަލާފައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ރިވިއުއެއް ދިން ފިލްމެވެ.

އެގޮތުން ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނާއި ތަރިންގެ އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުރި އެވެ. "ބަވަތި" ގައި ކިޔައިދެނީ ރަށަކުން ކައިވެނިކޮށްގެން މާލެ އަށް ދިރިއުޅުން ބަދަލުކުރާ އަންހެނަކަށް ދިމާވާ ހާދިސާތަކެކެވެ.

ސެޕްޓެމްބަރު މަހުގެ 2 ގައި ޕްރިމިއާކުރި ފިލްމުގެ މުހިއްމު ތަރިންނަކީ ނުޒޫ އާއި އަލަށް ތައާރަފުވި އިފްނާޒް ފިރާގެވެ.

އަންނަ އަހަރަކީ ވެސް ޝައުގުވެރި ފިލްމުތަކެއް ސިނަމާ އަށް އަންނާނެ އަހަރެކެވެ. ރިލީޒްވާނީ ކިތައް ފިލްމުކަން އަދި ނޭނގުނަސް ގިނަ ޕްރޮޖެކްޓްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި "ކޮސް ގިނަ މިސްޓޭކް" އާއި "އަނދިރިކަން"، "ލޯބިވެވިއްޖެ"، "ނީނާ"، "ސޮރީ"، "ބަޅިނދު"، "ނޮވެމްބާ"، "ގޯނާ"، "ކަޅަކި"، "ބައިސާ" އަދި "ސިހުރު" ހިމެނެ އެވެ.