23 ޑިސެމްބަރ 2019 - 08:37
ބަތަލާ ރާނީ މުކަރްޖީގެ "މަރުދާނީ" އަކީ ފްރެންޗައިޒެއް ކަމަށާއި އެ ފިލްމުގެ ތިން ވަނަ ބަޔަކަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ޑައިރެކްޓަރު ގޯޕީ ޕުތުރާން ބުނެފި އެވެ.
މި މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި ފިލްމަށް ކްރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ އިރު، ބޮކްސް އޮފީހުގައި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. "މަރުދާނީ" ގައި ރާނީ ކުޅެނީ ޝިވާނީ ޝިވާޖީ ރޯއި ކިޔާ ޖެހިލުން ކުޑަ އަދި އަންހެނުންނާ ދެކޮޅަށް އެކި ބާވަތުގެ ޖަރީމާތައް ހިންގާ މީހުން ހަމަބިމަށް ތިރިކުރަން މަސައްކަތް ކުރާ ހިތްވަރު ގަދަ ފުލުހެއްގެ ރޯލެވެ.
"މަރުދާނީ 2" އަށް ލިބެމުން އަންނަ ތަރުހީބަށް އިޝާރާތްކޮށް ޕުތުރާން ބުނީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2014 ގައި "މަރުދާނީ" ގެނެސްދިން އިރު ވެސް ވިސްނާފައި އޮތީ ފިލްމު އިތުރު ބައިތަކަކާ އެކު ހުށަހަޅާނެ ކަމަށެވެ.
"ހާއްސަކޮށް އަންހެނުންނާ ގުޅުން ހުރި އެކި ކަހަލަ މައްސަލަތަކަށް މި ފިލްމުތަކުގައި އަހަރެމެން އަލިއަޅުވަން ބޭނުން ވަނީ. މި ފަހަރު ވެސް ފިލްމުގައި ކިޔައިދީފައި އޮތް ވާހަކަ ބެލުންތެރިންނަށް ވަރަށް ޝައުގުވެރި އަދި ހޭލުންތެރިކަން އުފެއްދި ކަމަކަށް ވެފައި ވަނީ،" ޕުތުރާން ބުންޏެވެ.
އޭނާ ބުނިގޮތުގައި "މަރުދާނީ" ގެ ތިން ވަނަ ބައި ވެސް ހަދާނެ ގިނަ ހިޔާލުތަކެއް މިހާރު ވެސް އެބަހުއްޓެވެ. އަދި އޭގެ ތެރެއިން އެއް އިޝޫ ފައިނަލް ކުރުމަށް ފަހު، އަދިތިޔާގެ މަޝްވަރާގެ މަތިން އޭގެ ސްކްރިޕްޓްގެ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
"އަންހެނުންނާ ގުޅުން ހުރި ވަރަށް ގިނަ އިޝޫތައް އެބަހުރި. އެހެންވީމާ މަރުދާނީގެ ފިލްމުތަކުގައި އެފަދަ މައްސަލަތައް ގެނެސްދޭން ބޭނުންވަނީ." ޕުތުރާން ބުންޏެވެ.
"މަރުދާނީ 2" އަކީ ޕުތުރާންގެ އަލަތު ޑައިރެކްޝަނެވެ. އެކަމަކު އޭނާ އަކީ ދެ ފިލްމުގެ ވެސް ސްކްރީންރައިޓަރެވެ. "މަރުދާނީ 2" ޑައިރެކްޓްކުރީ ޕްރަދީޕް ސަރުކާރެވެ.
ރާނީ ބުނެފައިވާ ގޮތުގައި "މަރުދާނީ" ކަހަލަ ފިލްމުތަކެއް ކުޅުމަކީ އިންޑިއާގެ މިހާރުގެ ހާލަތަށް ބަލާ އިރު އަންހެނުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ބަތަލާއެއްގެ ގޮތުގައި އޭނާ އަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.
ފިލްމުގައި ރާނީގެ އިތުރުން ވިލަންއެއްގެ ރޯލް ކުޅުނު ޒުވާން އެކްޓަރު ވިޝާލް ޖެތުވާ، 25، ގެ އެކްޓިން އަށް ވަރަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެ އެވެ.
ރާނީގެ ކުރިއަށް އޮތް ފިލްމަކީ "ބަންޓީ އޯރް ބަބްލީ 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅޭ
23 December 2019
މިމީހުން ކިތައްމެ ވަރަކަށް ފްރެންޗައިޒް ހެދިޔަސް މައްސަލައަކައް ނުވޭ.. ދިވެހިން ހެދީމަ ކަޑަ