މާރިއާ ކެރީ.
26 ޑިސެމްބަރ 2019 - 07:06
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މާރީއާ ކެރީގެ ދަރިންގެ ނެނީއެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މާރިއާ ބުރުގިސް އޭނާގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ލޮސް އެންޖެލިސް ސުޕީރިއާ ކޯޓަށް ބުރުގިސް ހުށަހެޅި މައްސަލައިގައި ބުނީ އޭނާ މިދިޔަ އަހަރުގެ އޭޕްރީލް މަހު ވަޒީފާ އިން ވަކިކުރީ އާމްދަނީގެ މައްސަލަ އާއި މަސައްކަތް ކުރަން ޖެހުނު މާހައުލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޝަކުވާ ކުރުމުން ކަމަށެވެ.
މާރިއާ 49، ގެ އެއްމާބަނޑު ދެ ދަރިން ކަމަށްވާ އުމުރުން އަށް އަހަރުގެ މޮންރޯއީ ކެނޯން އާއި މޮރޮކޯން ސްކޮޓް ކެނޯން ބަލަހައްޓަން ގަޑިއަކަށް ދިނީ އެންމެ 25 ޑޮލަރު ކަމަށާއި ޓުއާތަކަށް މާރިއާ ދާ އިރު، ދަރިން ކަންތައްތައް ބަލަހައްޓަން އޭނާއާ އެކު ކުރި ދަތުރުތަކަށް ފައިސާ ވެސް ދީފައި ނުވާ ކަމަށް ބުންޏެވެ.
އަދި، ދަރިންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރި މާޝިއޯ މޮޓޯގެ ފަރާތުން އެތައް ފަހަރަކު އެކި ކަހަލަ އިންޒާރުތައް ލިބި، މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމެއް ނެތްކަމުގެ ޝަކުވާ މާރިއާގެ ކައިރީގައި އެތައް ފަހަރަކު ކުރުމުން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ބުންޏެވެ.
އެހެންވެ، މި ކަންކަމަކީ އޭނާ އަށް ނަފުސާނީ ގޮތުންނާއި މާލީ ގޮތުން ވެސް ލިބުނު ވަރަށް ބޮޑު ގެއްލުންތަކަކަށް ވެފައި އެކަށީގެންވާ އާމްދަނީއެއް ނުދީ މަސައްކަތް ކުރުވާފައި އަދި އެ ފައިސާ ވެސް ނުދީ ވަޒީފާ އިން ވަކި ކޮށްފައި ވާތީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ބުރުގިސް ކޯޓުގައި އެދުނީ އެވެ.
ނަމަވެސް މާލީ ގެއްލުމުގެ ބަދަލަށް ވަކި އަދަދެއް ނަގައިދޭން ހުށަހެޅި މައްސަލައިގައި ހިމަނައިފައެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން މާރިއާގެ ވަކީލާއާ މީޑިއާ އިން ސުވާލު ކުރުމުން ވިދާޅުވީ ދައުވާއާ ގުޅޭ އެއްވެސް ކަމެއް ރަސްމީކޮށް އެނގިފައި ނެތުމުން އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
މިހާރު ވެސް މާރިއާގެ މައްޗަށް ކުރާ ދެ ދައުވާއެއް އެބައޮތެވެ. އެއީ އޭނާގެ ކުރީގެ އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފަކާއި ކުރިން ހައުސްކީޕަރެއްގެ ގޮތުގައި އުޅުނު މީހަކު ކުރާ ދައުވާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިސް
26 December 2019
މާރިޔާ؟
އިޓްސް
26 December 2019
މަރާޔަ ކެރީ. ނޮޓް މާރިއާ
ހަމަ އެންމެ 25 ޑޮލަރު
26 December 2019
އަހަރުން މިއުޅެނީ 2 ދުވަހުންވެސް 25 ޑޮލަރު ނުލިބިގެން. އަނެއްކޮޅުން އަލީ ވަހީދު ބުނަނީ ލިބޭވަރު ރަނގަޅޭ