29 ޑިސެމްބަރ 2019 - 07:23
ބުދަ ދުވަހާ ގުޅޭ
"ފަހުން ދެރަވާނެ،" ޝާހިދާ ވިސްނައިލައިފައި ބުންޏެވެ. "އަހަރެން ރަނގަޅަށް ނުވެސް ދަންނަމެއްނު. އަނެއްކޮޅުން ތީ މީހެއްގެ ފިރިޔެއް. އަހަރެން ދެއަންބަކަށް ނީންނާނަން. އަހަންނާ އިންނަން އަނބިމީހާ ވަރިކޮށްލައިފިއްޔާ އަހަރެން ބަލާނީ އެހެން މީހަކާ އިންނަން އަހަރެން ވެސް ވަރިކޮށްލާނެކަމަށް. ދެން ކިހިނެއްހަދާނީ؟"
"އަހަރެން މީހަކާ އިނދެގެން އުޅޭކަން ކިހިނެއް އެނގުނީ؟" އަހަރެން ސުވާލުކުރީމެވެ.
"މާލެ ކުޑަކަމުން،" ހިނިއައިސްފައި ޝާހިދާ ބުންޏެވެ. "މާލޭގަ މީހުން ގިނަކަމުން. ކިހިނެއް ފިލައިގެން އުޅޭނީ؟"
އަހަރެން ގާތަށް ހިނިއައެވެ. ނުބައި ފައްތަރަކަށް އަހަރެން ވައްޓައިލީމައެވެ. ނާޒިޔާގެ ހުންނަ ކޫސަނި މިޒާޖުގެ ވާހަކައާއި، ފަހުން ކުރިމަތިވި މައްސަލަތައް ޝާހިދާއަށް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ނާޒިޔާއަކީ އަހަރެންގެ އަނބިމީހާއެވެ. ފިރިޔެއްގެ ހައިސިއްޔަތުން އަހަރެން ޖެހޭނީ އަނބިމީހާ ހިމާޔަތްކުރާށެވެ. ފަލީހަތްކުރާކަށް ނޫނެވެ. ޝާހިދާ ބުނީ ތެދެކެވެ. ޝާހިދާއަކީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. މުޅީން ވެސް އެނގިފައިވަނީ ޝާހިދާޔާ ބެހޭގޮތުން ޝާހިދާ ދެއްކި ވާހަކައެވެ. އެއީ ތެދެއްކަމެއް ޔަގީނެއް ނޫނެވެ. އެހެނަސް ޝާހިދާގެ ދަރިޔަކު އެބަހުއްޓެވެ. އެ ދަރިފުޅުގެ ބައްޕައެކޭ ނެތް މީހެކޭ އެއްފަދައެވެ. ޝާހިދާޔާ ކައިވެނިކުރާއިރަށް އަހަރެންނަށް ދަރިޔަކު ލިބުނީއެވެ. ހިތަށް ލިބިފައިވާ ފަޅުކަން ވަގުތުން ފިލާނެއެވެ. އެ ދަރިފުޅު ހޯދާކަށް ބައްޕައެއް ނާންނާނެއެވެ. އަހަންނަށް ބައްޕަ ކިޔުއްވަން މާ ބޮޑު މަސައްކަތެއް އަހަރެން ކުރާކަށް ނުޖެހޭނެއެވެ.
ނާޒިޔާގެ ކޫސަނިކަން އަހަންނަށް ތުރާލަކަށްވިއެވެ. ބޮލުގަރިހުމަކަށް ވިއެވެ. އަހަރެން ބުނާ އެއްވެސް ގޮތެއް ނާޒިޔާ ނެހެދިއެވެ. އަހަރެން ނަސޭހަތްދިނީމެވެ. އެއީ ދިރިއުޅުމެއް ނޫންކަމާއި، އަހަރެން ފޫހިވެދާނެ ވާހަކަ ވެސް ބުނީމެވެ. ކިތަންމެ ފަހަރަކު ބުނީމެވެ. ބޭރުގައި އުޅެއުޅެފައި ވަރުބަލިވެގެން ގެއަށް އައިސް، ގަޑި ދެގަޑިއިރު ވަންދެން ނާޒިޔާއަށް ނަސޭހަތްދިނުމަކީ ވަރަށް ބުރަކަމެކެވެ. ފޫނެތް ފަޔަށް ފެން ފުރާކަށް އަހަންނަކަށް ވަގުތެއް ނެތެވެ. އެކަމަށް ބޭކާރުކުރާނެ ހަކަތައެއް ވެސް ނެތެވެ.
ނާޒިޔާއާ އަހަރެން ދުރުވި ވަރަކަށް ޝާހިދާޔާ ކައިރިވަމުން އައެވެ. ބައްޕަގެ ލޯބިން މަހުރޫމުވެފައިވާ ހަނާ ހުރީ އަހަރެންގެ ލޯތްބަށް ފެންބޮވައިގެންފައެވެ. އެކަމަކު ހަނާގެ އިތުބާރު ހޯދަން ވަގުތު ނެގިއެވެ. ޝާހިދާ ގާތުން ހަނާއަށް ވެސް ހުރީ އިތުބާރުނުކުރަން ދަސްވެފައެވެ. ބައްޕައެއްގެ ރޯލަށް އަހަރެން ވަރަށް ނުފަރިތައެވެ. އަހަރެންގެ އިނގިލީގައި ހިފައިގެން ފޮޅުވަތް މަތީގައި ފޮޅުވަތް އަޅައިދިނީ ޝާހިދާއެވެ. ޝާހިދާގެ ދެއަތުން ހަނާގެ ހިތް ނަގައިގެން ގެނެސް އަހަރެންގެ އުނގުގައި ބޭއްވީއެވެ. މަގު ކުރުވީ އެހެންވެއެވެ.
ހަނާ ފުރަތަމައިނުން ވެސް އަހަންނަށް ކިޔަންފެށީ ބައްޕައެވެ. މީހުންގެ ތެރެޔަކު ނޫނެވެ. އަހަރުމެން ތިން މީހުން ތިބޭ ތަންތާނގައެވެ. ކުޑަކޮށް އައިބެވެ. އެހެނަސް އެއިން އަހަންނަށް އެނގުނު އެއްޗަކީ ހަނާގެ ދުލަށް އެ ލަފުޒު ކިހާ ފަރިތަކަމެވެ. ޝާހިދާގެ ފަރާތުން އަހަންނަށް އެނގިފައިވާ ގޮތުގައި، ހަނާ ދުވަހަކު ވެސް ހަނާގެ ބައްޕައެއް ނުދެކެއެވެ. އަޅައިނުގަނެ އަހަންނަށް ބައްޕަ ކިޔުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެއީއެވެ. އެންމެ ފުރަތަމަ ވެސް ހަނާއަށް ބައްޕައެއްގެ ސޫރަ ފެނުނީ އަހަރެންގެ މޫނުންނެވެ. އަހަރެން ވަރަށް އުފާވިއެވެ. ހަނާގެ ދުލުން އެ ލަފުޒު އަހަރެންގެ ކަންފަތަށް މިޔުޒިކެއް ފަދައެވެ. އަހަރެންގެ ހިތަށް ފިނިކަންލިބި، "ދަރިފުޅު" ލޮލަށްފެނުމުން އަހަރެންގެ މުޅި ހަޔާތަށް އޭގެ އަސަރުކުރިއެވެ.
ނާޒިޔާގެ ގިލަންވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ޝަކުވާ ދިޔައީ ގިނަވަމުންނެވެ. ރުޅި ދިޔައީ ގަދަވަމުންނެވެ. އެއާ ޚިލާފަށް އަހަރެންގެ ހިތް އުފަލުން ފޮޅެނީއެވެ. ފުރިގެން ބަންޑުންވަނީއެވެ. ނާޒިޔާ ގާތުގައި ހުންނައިރު އަހަންނަށް އިހުސާސްވަނީ އަހަރެންގެ ބޭކާރުކަމެވެ. އަހަރެންގެ ލޯބީގެ އަގުވަޒަންކުރަނީ ޝާހިދާއެވެ. އަހަރެންގެ މުހިންމުކަން އިހުސާސްކުރެވެނީ ހަނާ ގާތުގައި އަހަރެން ހުންނައިރުއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ދާއިމީކޮށް އަހަރެން ގާތުގައި އެ މީހުން ތިބޭށެވެ.
"ނާޒިޔާ އެއްވެސް ވަރަކަށް ބޭނުންތަ އަހަރުމެންގެ ކައިވެނި ސަލާމަތްވާން؟" މަޖުބޫރުވެގެން އަހަރެން އެ ސުވާލު އެހީމެވެ. "ބޭނުމިއްޔާ މިހާރު މިއޮތީ އެ ވަގުތު ޖެހިފަ. އަހަންނަށް ވަރިހަމަ މުޅި ފެމެލީ އަހަންނާ ދެކޮޅަށް ތެދުވިޔަސް، އަހަރެން އެބަޖެހޭ އަހަންނަށް ނޭވާލެވޭވަރު ކުރަން. ނާޒިޔާ ބޭނުންތަ އަހަންނަށް ސަޕޯޓެއް ދޭން؟"
ނާޒިޔާ ދެން ވެސް އުޅުނީ ކުރިން އުޅުނު ގޮތަށް އުޅޭށެވެ. ދައްކައިފައިހުރި ވާހަކަތައް އަލުން ދައްކާށެވެ.
"އަހަރެން ދެން ތި ޗާންސެއް ނުދޭނަން،" އަހަރެން ބުނީމެވެ. "އަހަންނެއްނު ދަރިފުޅު މަރާލީ! އެކަމާ އަހަރެން އެއްވެސް ދެރައެއް ވެސް ނުވެއެއްނު! އަހަރެން ދެކެ ނާޒިޔާ ފޫހިވެއެއްނު! ނާޒިޔާއަށް ވިސްނައިދޭން މަސައްކަތްކޮށްކޮށް އަހަރެން ވެސް މިހާރު ފޫހިވެއްޖެ! ހަމަ ރަނގަޅަށް މި ބުނީ. ދެން ކީއްކުރަން އަހަރުމެން މިހެން އުޅެނީ؟ ހިނގާ ނިކަން ޕީސްފުލްކޮށް މީތި ނިންމާލަމާ!"
އަހަރެން އެހެން ބުނާއިރަށް ނާޒިޔާ ރޯންފެށިއެވެ. އޭގެ މާނައެއް އަހަންނަކަށް ނުވިސްނުނެވެ. ނާޒިޔާ ބޭނުންވާ ގޮަތަކީ ކޮބައިހެއްޔެވެ؟ އަހަންނަށް ޖެއްސުންކުރުން ހެއްޔެވެ؟ ޑުރާމާކުޅުން ހެއްޔެވެ؟ އަހަރެން އުފަލުގައި އުޅުނަނުދިނުން ހެއްޔެވެ؟ ފޫހިވާ މީހަކާ އެކުގައި ނާޒިޔާ އުޅެން ބޭނުންވާ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.
އަހަރެން ކައިވެނި ރޫޅައިލީމެވެ. ބައްޕަ ވަރަށް ރުޅިއައެވެ. މަންމަ ހުރީ އަހަރެން ފަޅީގައެވެ. އެކަމަކު ޝާހިދާޔާ އަހަރެން އިންނަ ވާހަކަބުނުމުން މަންމަ ވެސް ފަޅި ބަދަލުކޮށްލިއެވެ. ޝާހިދާގެ ހަގީގަތް މަންމައަށް ބެލުނު ގޮތަކަށް ބަލައިހޯދައިފައި، ކުރިޔަށް ވުރެ މަންމަ ރުޅިގަދަވިއެވެ. އަހަރެން ގެއިން ނެރެލާނެކަމާއި، ހުރިހާ އެހީއެއް ކަނޑައިލާނެކަމަށް ބައްޕަ އިންޒާރުދިނެވެ. އަހަރެން އެ ވާހަކަ ޝާހިދާ ގާތުގައި ބުނީމެވެ.
"އަހަރެން ބުނީމެއްނު ފަހުން ދެރަވާނޭ،" ޝާހިދާ ހަނދާންކޮށްދިނެވެ. "ތި ކަހަލަ މީހަކު އިންނަން އަހަރެން މީ ކާކު؟ ޕޭރަންޓުން ބުނާ ގޮތް ހަދާ! އެ މީހުން ދެރަކޮށްގެން މޮޅެއް ނުލިބޭނެ. އަހަރެން މިހިރީ އެކަން އެކްސްޕީރިޔަންސް ކޮށްފަ. މާދަމާ ވެސް ހާލުގަޖެހިއްޖެއްޔާ އެ މީހުން ކައިރިއަށް ދާންޖެހޭނީ."
"އެ މީހުން ބުނި ގޮތޭ ކުރިން ހެދީ،" އަހަރެން ޖެހިލުމަކާ ނުލައި ބުނީމެވެ. "މި ފަހަރު އަހަރެން ބުނާ ގޮތް އެ މީހުން ޖެހޭނެ ހަދަން. އަހަންނަށް ވެސް އެއް ޗާންސްދޭން ޖެހޭނެއްނު!"
ގޭތެރޭގައި ބަހުސް ވަރަށް ހޫނުވިއެވެ. ބައްޕަމެން އެއްގަލަށް ނާރައިފިއްޔާ އަހަރެން ހުރީ ގެއިން ނުކުންނަން ނިންމައިގެންނެވެ. ނަސީބަކުން އެ ހިސާބަކަށް ނުދިޔައެވެ. ބައްޕަ ގަބޫލުވިއެވެ. މަންމަ ވެސް ފާޑަކަށް ގަބޫލުވިއެވެ. ޝާހިދާ ކަމުގޮސްގެނެއް ނޫނެވެ. އަހަރެން ދެކެ މަންމަ ލޯބިވާތީއެވެ. ވަރަށް ފާޅުކޮށް މަންމަ އެ ކަން ހާމަކުރިއެވެ. އެކަމަކު މަންމަގެ އެދުމެއް އޮތެވެ. ބޮޑު ހަފުލާއެއް ނުބޭއްވުމެވެ. އަހަންނަށް އެ ކަން ގަބޫލުކުރެވުނެވެ. އާއިލާގެ ނަޒަރުގައި އަހަރެން ކުރަންއުޅެނީ ލަދުވެތިކަމެކެވެ. ޕާޓީއަށް އަންނަ އެންމެން ސިއްރުން ނަމަވެސް އެ ވާހަކަ ދައްކާނެއެވެ. އަހަރެން ހިތަށްއެރިއެވެ. މައިންބަފައިންނަށް އިތުރު ހާސްކަމަކާއި ނުތަނަވަސްކަމެއް ދިނުމުގެ ބޭނުމެއް ނެތެވެ. އެހެން ނޫނަސް ޕާޓީ ބާއްވާކަށް އަހަންނާއި ޝާހިދާ ވެސް ބޭނުމެއް ނޫނެވެ.
ކައިވެންޏަކީ ކޮބައިކަމާއި، އުފާވެރި ޒަވާޖީހަޔާތަކީ ކޮބައިކަން އަހަންނަށް އެނގުނީ ޝާހިދާޔާ ކައިވެނިކުރީމައެވެ. އަހަރުމެން ދެ މީހުންގެ ވިސްނުން އެއްގޮތެވެ. މިޒާޖުގައި ވެސް މާ ބޮޑު ތަފާތެއް ނެތެވެ. އާނއެކެވެ. ނާޒިޔާ މާ ރީއްޗެވެ. ޝާހިދާގެ އަނދިރި ފަސްމަންޒަރެއް އެބައޮތެވެ. އެއީ މައްސަލައެއް ހެއްޔެވެ؟ އަހަރެންގެ މާޒީގެ ސަފުހާތައް ހާވައިފިއްޔާ އެއިން ވެސް އަނދިރި ފޮޅުވަތްތަކެއް ފެންނާނެއެވެ. މީހަކަށް އެ ކަން ނޭނގުނަސް އަހަންނަށް އެނގެއެވެ.
ދެ ކައިވެނިކުރުމަކީ ދެ މީހުން އަޅާކިޔޭކަމެކެވެ. ކޮންމެ ކަމެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ސިކުނޑި ނަންބަރުޖަހައި ހިސާބުހަދައިލައެވެ. ދެ މީހުންނަށް މާކުސް ބަހައިލައެވެ. އެ ކަމުގައި އަހަރެންގެ އިހުތިޔާރެއް ނޯވެއެވެ. ގިނަ ކަންތަކުގައި ޝާހިދާގެ ނަންބަރުތައް މައްޗެވެ. އަހަންނަކީ އާއިލާގެ ކުންފުންޏާ ހަވާލުވެގެން ހުންނަ މީހާކަން ޝާހިދާއަށް ވިސްނެއެވެ. ހަތަރުދަމު ގެއަށް އައިސް ޝާހިދާޔާ ސަމާސާކުރަން އަހަންނަށް ނީނދެވޭނެކަމާއި، ގިނަ ވަގުތު އަހަރެން ބޭރުގައި އުޅެންޖެހޭނެކަން ވެސް ޝާހިދާއަށް ވިސްނެއެވެ. ޒިންމާދާރު އަންބެއްގެ ކިބައިގައި އެ ސިފަތައް ހުންނަންޖެހެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހަޔާތުގެ މިސްރާބު އެނގޭ މީހަކަށް އަނބިމީހާ ވާންޖެހެއެވެ. ހަމައެކަނި ތިމާގެ އަމިއްލަ އުފާތަކަށް ވިސްނާ މީހަކާ އިނދެގެނެއް ނޫޅެވޭނެއެވެ. ކިތަންމެ ރީތިވެފައި ކިތަންމެ މުއްސަންޖަސް ވެހެވެ. ކިތަންމެ ޒަމާނީވެފައި ކިތަންމެ މަޝްހޫރަސް ވެހެވެ.
ހަނާއަކީ އަހަރެންގެ ދަރިޔެކެވެ. އެއް ލެޔެއް ނޫންކަން އެކަންޏެވެ. އަހަރެންގެ މަންމައަށް މާމަކިޔައިގެން، ބައްޕަޔަށް ކާފަކިޔައިގެން އުޅޭއިރު ހަނާއަކީ ދުރު ކުއްޖެއްހެނެއް އެކަކަށް ވެސް ހިޔެއްނުވެއެވެ. އަހަރެންގެ ދަރިޔަކަށް ޝާހިދާ މާބަނޑުވިއިރު ޝާހިދާއާ ދޭތެރޭގައި އަހަރެންގެ މައިންބަފައިން ކުރި ކުށްހީތައް ފިލައިފިއެވެ. ނިތްކުރިން ފެށިގެން ފައިގެ ބޮޑުވާއިނގިއްޔާ ހަމައަށް ޝާހިދާ ގަބޫލުކޮށްފިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މުއްސަނދި އާއިލާއަކުން އައި ނާޒިޔާއަށް ވުރެ ޝާހިދާ މާ ޒިންމާދާރެވެ. އަންބެއްހެން އުޅެން ޝާހިދާއަށް މާ ރަނގަޅަށް އެނގެއެވެ.
އަހަންނަށް ލިބުނީ ފިރިހެންކުއްޖެކެވެ. އެއީ މަންމައާއި ބައްޕަ ވެސް ބޭނުންވި ކަހަލަ ކުއްޖެކެވެ. ދަރިފުޅާ ހެދި އަހަރެންގެ މައިންބަފައިން ހުންނަނީ މޮޔަވާ ވަރު ވެފައެވެ. އެކަމަކު ހަނާ ބާކީއެއް ނުކުރެއެވެ. ކޮންމެ އުފަލެއްގައި ހަނާ ވެސް ބައިވެރިކުރެއެވެ. ނާޒިޔާއާ މަގުމަތިން ދިމާވެއެވެ. އޭނަ ހުންނަނީ ރުޅިއައިސްފައެއް ނޫނެވެ. ކުޑަކޮށް ދެރަވެފައެވެ. އެ މަންޒަރު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ރިހުމެއް އުފައްދައެވެ. ނާޒިޔާގެ ފޮނި ހަނދާންތައް އަހަރެންގެ ހިތުގެ ކަނެއްގައި ރައްކާކުރެވިފައި އެބަހުއްޓެވެ. އުކާލާކަށް ނުކެރުނެވެ. ނާޒިޔާ ދެކިލާހިތް ވެއެވެ. ވައްކަޅިން އޭނައަށް ބެލެއެވެ. ޝާހިދާއަކީ އަހަރެންގެ އަނބިމީހާއެވެ. ނާޒިޔާއަކީ އަހަރެންގެ ކާކު ހެއްޔެވެ؟ އޭނަ ދެކޭހިތްވަނީ ކީއްވެގެން ހެއްޔެވެ؟ ނާޒިޔާ ދެކެ އަދިވެސް އަހަރެން ލޯބިވަނީ ހެއްޔެވެ؟ އެއީ ލޯބި ނަމަ އެ ލޯތްބަށް އަހަރެން ދޭންވީ ކޮން ނަމެއް ހެއްޔެވެ؟ ސުވާލުގެ ބަނަފިނިން އަހަރެންގެ ހަޔާތަށް ފުސްކަމެއް ވެރިވެއްޖެެވެ. މިއީ ރީތި ސިފަޔާއި ހަރުދަނާ މިޒާޖުގެ ހަނގުރާމައެކެވެ. ހިތާއި ސިކުނޑި އެއްގަލަށް އަރާނެ ނަމައޭ އަހަރެން ހިތަށްއަރައެވެ.
ނިމުނީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާލް
31 December 2019
މީހެއް ދެކެ އަސްލުވެސް ލޯބި ވެވުނީމަ އެހެން މީހެއް ލައިފަށް އަޔަަސް ހިތުގަ ވާނެ
ޝާހިދާ
30 December 2019
މަށަށް މީނަ އުޅޭގޮތުން ނާޒިޔާއާ އަޅައިގަނެގެން އުޅޭހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ މިހާރު. ލާހިކެއް ނޫން އެކަން ކުރާކަށް. މިހާރު މަންމައާއި ބައްޕަވެސް ހުރީ އަހަރެންގެ ކޮޅަށް. ތިކަން ހުއްޓާލާ. އަދި ބުނަން އެހެން އަންހެނަކަށް ބަލައިގެން ވެސް ދެން ނުވާނެ. ނިކަން ކުޅި ދައްކާލާނަ.
މަބުނީ
29 December 2019
ތިޔައީ އަންހެނުންނަށްވެސް ވާވަރުހަމަ. ފުރަތަމަ ލޯބިވެރިޔާގެ ތަސްވީރު މުސްކުޅިވާއިރުވެސް ހިތުގެ އެއްކަނެއްގައި ފޮރުވާފައޮވޭ. މުޅި އުމުރު ހޭދަކުރީ ފުރަތަމަ ލޯބިވެރިޔާގެ އެފޮނި ހަނދާންތަކާ އެކީ.
ޢައިމިނަ
29 December 2019
ޙަބޭސް ސާބަސް ބިންމާ
ނާޝް
29 December 2019
މިހާރު އުޅޭ ގިނަ ފިރިހެނުންނަށް 100 އަންހެނުންވެސް މަދުވާނެ. ލޯބިވަނީ ކާކު ދެކެކަމެއް ނުވެސް އިނގޭނެ. ވާހަކަ ވަރަށް ސާދާވެފަ ރީތި.
ބޮކިމާ
29 December 2019
މަ ހުވާ ތިޔަ ކަހަލަ މީހަކާ ޖެހިގެން މަ ހަފުސްވެ ދިޔަފަހުން ހަމަނޭވާ ލެވުނީ. މިހާރު މިއުޅެނީ ވަރަށް ހަމަޖެހޭ އުފާވެރި ދިރއުޅުމެއްގައި. އަލްޙަމްދުލިﷲ. ދޮންދަރީން މަށަށް ކިޔަނީ ޑެޑީ. އެއީ ތަފާތުކޮށޤލަން ހަމައެކަނި. މަދެކެ އެކުދީން ވަރަށް ލޯބިވާ ކަމުގެ އިހުސާސް ކުރެވޭ.
ހަސަން އަލީ
29 December 2019
ހަމައެއްނުޖެހޭ މިވާހަކައެއް. ސާހިދާ ބުނީ ރަނގަޅަށް. ޝާހިދާއަށް ކަމެއްގޯސްވެއްޖެއާ އެހެންމީހަކު ދެކެ ލޯބިވެ އަދި އެމަންޖެވެސް ދޫކޮށްލާނެ.
ބަސީރާ
29 December 2019
ތީ ސިކުނޑިއާއި ހިތުގެ ހަނގުރާމައެއް ނޫން. ތީ އެއް އަނބިން ނުފުދޭތީ ވާގޮތެއް. ކޮންމެ ފރިހެނަކުވެސް ކުރާ ހަނގުރާމައެއްތީ. ލިބިފަހުރީ ކިތަންމެ ރީތީ ކިތަންމެ މުެްސަނދި ކިތަންމެ ލޯބިވާ އަންބަކަސް އެހެން އަންހެނުންނަށް (ސިއްރާއި ފާޅުގައި) ބެލުމާއި އެހެން އަންހެނުންނަށް ބޭނުންވުން އެއީ ފިރިހެނުންގެ ސިފައެއް.
ޒައީ
29 December 2019
އެހެންވެދޯ ދެވަނަ އަނބީގެ ވާހަކަ ދައްކާއިރަށް ބަތްތަށީގެ އެއްފަޅި ނުކާނަމޭ ބުނަނީ...
ބަސީރާ
29 December 2019
ހިތްވަރެއް ހުރިއްޔާ ކޮންމެ މީހަކަށް ބަތްތައްޓެއްދީބަލަ. ކޮނމެހެން އެއްފަޅިކާންޖެހޭތަ؟
ކީކޭ
29 December 2019
ކަ މެއްވެގެން ދޯ 4 ހުއްދަވަނީ.. ބޭނުންވިޔަސް ނުވިޔަސް އެނޫން ގޮތެއް ނެތް...
ސޯޅަ
29 December 2019
ހުއަދް ކަންތައްތަކުގެ ވާހަކަ ނުދައްކާ ވާޖިބު ކަންތައްތަކުގެ ވާހަކަ ފުރަތަމަ ދައްކަން މާ ތާހިރު ދޯ! ހުއްދައިގެ މާނައަކީ އަންހެނުންގެ ސިކުނޑިތައް ކާލައިގެން ކަލޭމެން އަޅުން ގެންގުޅޭހެން ގެންގުޅޭށެކޭ ނޫނުް
މަމީގިއުޅުލާށި
29 December 2019
އެގާރަވެސް ހުއްދަ
ހަމިއްޓޭ
29 December 2019
ނާޒިޔާ އެ ހަމަ އަހަރެންގެ އަނބިމީހާ ކަހަލަ މީހެއް. މީވާ ދިރިއުޅުމެއް ހުވާ!
ޝާހިދާ
29 December 2019
ޝާހިދާ އެއް ހޯދަން އުޅޭ
2019
29 December 2019
ޔޭ މަ ✌