"ލޯބިވެވިއްޖެ" ގެ ތިނަދޫގެ ޝޫޓިން ނިންމާލައިފި

އަލީ ސީޒަން ޑައިރެކްޓްކުރަމުން އަންނަ އާ ފިލްމު "ލޯބިވެވިއްޖެ" ގެ މަންޒަރުތައް ނަގަން ގދ. ތިނަދޫގައި ކުރި މަސައްކަތްތައް އަންގާރަ ދުވަހު ނިންމާލައި، ކާސްޓާއި ކްރޫ ބުދަ ދުވަހު މާލެ އަތުވެއްޖެ އެވެ.


މިދިޔަ މަހުގެ 23 ވަނަ ދުވަހު ޝޫޓިން އަށް ކާސްޓާއި ކްރޫ އެ ރަށަށް ގޮސް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފިލްމު ޝޫޓްކުރުމުގެ މަސައްކަތްތަށް ވަރަށް ފޯރީފައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން ތިނަދޫގެ ޝޫޓިންގެ އުސްއަލިތައް "ލޯބިވެވިއްޖެ" ގެ ފޭސްބުކްގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް އައީ ހިއްސާކުރަމުންނެވެ.

ތިނަދޫގެ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ ވެސް އެކު ޝޫޓިން ނިންމައިލި އިރު، އެ ރަށުގެ ބައެއް މީހުން ވެސް ފިލްމުގެ އެކިއެކި ރޯލްތަކުން ފެންނާނެ އެވެ.

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، ނިޝާ، އަލީ އާޒިމް (ދޮންއައްޔަ)، އިރުފާނާ އިބްރާހީމް އަދި އަލީ ޝަމީލް ހިމެނެ އެވެ.

ސީޒަން ބުނިގޮތުގައި "ލޯބިވެވިއްޖެ" ގެ 50 ޕަސަންޓް މަންޒަރުތައް ތިނަދޫގައި ނަގާފައިވާ އިރު، ފިލްމުގައި ދެން ހިމެނޭ އެންމެ ގިނަ މަންޒަރުތައް ޝޫޓްކުރާނީ ސްރީ ލަންކާގަ އެވެ. ކާސްޓާއި ކްރޫ އެ ގައުމަށް ފުރަން ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ތެރޭގަ އެވެ. އެކަމަކު އޭގެ ކުރިން މާލޭގައި ނަގަން ޖެހޭ ދެތިން މަންޒަރެއް ޝޫޓްކުރާނެ އެވެ.

"ލޯބިވެވިއްޖެ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ ރޯދައިގެ ފަހުންނެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

މި ފިލްމުގެ ކުރިން ސީޒަން ޑައިރެކްޓްކޮށް، ބަތަލުގެ ރޯލް ކުޅެފައިވާ އެހެން ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެއީ "އަނދިރިކަން" އެވެ.