ސީޒަންގެ "އަނދިރިކަން" މާޗް 4 ގައި

މިދިޔަ އަހަރު އަޅުވަން ނިންމާފައި ފަހުން މި އަހަރަށް ފަސްކުރި އަލީ ސީީޒަންގެ ފެމިލީ ޑްރާމާ "އަނދިރިކަން" އަންނަ މާޗް މަހުގެ 4 ގައި ސިނަމާ އަށް ގެންނަން ނިންމައިފި އެވެ.


ފިލްމު ރިލީޒްކުރާ އާ ތާރީހު އިއުލާންކުރި އިރު، އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ސީޒަން ބަތަލުގެ ރޯލް ކުޅެ، ޑައިރެކްޓް ވެސް ކޮށްފައިވާ ފިލްމުގެ މަސައްކަތްތައް އޮތީ ނިންމާލައިފަ އެވެ.

ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ކެމެރާމަން އަދި މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕަސަން އަބްދުﷲ ޝިވާޒް (މާސްކޭ) ގެ މާސްކޭ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ "އަނދިރިކަން" ގެ ބަތަލާއިންނަކީ ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ އެވެ.

ބޮޑުބައި މ. މަޑުއްވަރީގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޒީނަތު އައްބާސް، މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ އަދި އަހުމަދު ސައީދު ހިމެނެ އެވެ.

"އަނދިރިކަން" އަޅުވާ ތާރީހު އިއުލާންކުރި އިރު، ސީޒަން މިހާރު އަންނަނީ މި އަހަރު ރޯދައިގެ ފަހުން ގެނެސްދޭން "ލޯބިވެވިއްޖެ" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މިދިޔަ ހަފުތާގައި ގދ. ތިނަދޫގައި ޝޫޓިންގެ ފަންސާސް ޕަސަންޓް ނިންމައިލި އެ ފިލްމަކީ ވެސް ސީޒަން ޑައިރެކްޓްކޮށް، މުހިއްމު ރޯލެއް ކުޅޭ ފިލްމެކެވެ.

އޭގެ ކާސްޓުންގެ ތެރޭގައި މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު)، އިރުފާނާ އިބްރާހީމް، އަލީ އާޒިމް (ދޮންއައްޔަ)، ނިޝާ އަދި އަލީ ޝަމީލް ހިމެނެ އެވެ.