ވަރުން ދަވަންގެ "މިސްޓަ ލޭލޭ" އަންނަ އަހަރުގެ ޖެނުއަރީގައި

ޑައިރެކްޓަރު ޝިޝާންކް ކައިތާނާ އެކު ވަރުން ދަވަން މަސައްކަތްކުރާ ތިން ވަނަ ފިލްމު "މިސްޓަ ލޭލޭ" ރަސްމީކޮށް އިއުލާންކޮށް، އަންނަ އަހަރުގެ ޖެނުއަރީ 1 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.


ޕޯސްޓަރު ވެސް ދައްކާލާފައިވާ މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމެކެވެ. އަދި މިއީ އެ ސްޓޫޑިއޯ އަށް ޝިޝާންކް ޑައިރެޓްކޮށްދޭ ހަތަރު ވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "ދަޅަކް" އެވެ.

ޝިޝާންކް ޑައިރެކްޓްކުރި ފުރަތަމަ ދެ ފިލްމު ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ (2014) އާއި ބަދުރިނާތު ކީ ދުލްހަނިޔާ (2017) ގެ ބޮޑު ކާމިޔާބީ އަށް ފަހު، ޝިޝާންކާއި ވަރުން. ކަރަން ޕްރޮޑިއުސްކުރާ އިތުރު ފިލްމެއް ވެސް 2018 ގައި އިއުލާންކުރި އެވެ. އެއީ ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ޕީރިއަޑް ފިލްމު "ރަންބޫމީ" އެވެ. އެކަމަކު އެ ފިލްމަށް ކުރަން ޖެހޭ މަސައްކަތްތައް ބޮޑުވެފައި، ތައްޔާރީތަކަށް ވަގުތު ނެގުމުގެ ގޮތުން ފިލްމު ވަނީ ތަންކޮޅެއް ފަހުން ގެނެސްދޭން މަޑުޖައްސާލައިފަ އެވެ.

އާ އަހަރަކާ އެކު ވަރުން އާ ފިލްމަކަށް ސޮއިކުރި އިރު، އޭނާ މިހާރު އަންނަނީ މި މަހުގެ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" ޕްރޮމޯޓްކުރަމުންނެވެ. އެ ފިލްމަށް ފަހު ވަރުން ދެން ފެންނާނީ ބައްޕަ ޑޭވިޑް ދަވަން މެއި 1 ގައި ގެނެސްދޭ "ކޫލީ ނަމްބަރު 1" އިންނެވެ.

އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އެއްކީސް" ގެ ނަމުގައި ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހިމެނެ އެވެ.

ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "މިސްޓަ ލޭލޭ" އިއުލާންކުރި ނަމަވެސް ފިލްމުގެ ބަތަލާއިންނަކީ ކޮބައިކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މީގެ ބަތަލާއިންނަކީ ޖާންވީ ކަޕޫރާއި ބޫމީ ޕެޑްނޭކަރެވެ.

ދަރުމާގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ގައި ބޮލީވުޑަށް ނުކުތް ވަރުން އެންމެ ފަހުން ކުޅުނު އެ ސްޓޫޑިއޯގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ކަލަންކް" އެވެ.