ޖާންވީ.
30 ޑިސެމްބަރ 2019 - 06:14
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް، ޝިޝާންކް ކައިތާން ޑައިރެކްޓް ކުރާ ހަތަރު ވަނަ ފިލްމު "މިސް ލޭލޭ" ގައި ވަރުން ދަވަންއާ އެކު ފެންނާނެ ބަތަލާއިންނަކީ ބޫމީ ޕެޑްނޭކަރާއި ޖާންވީ ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ، ރަސްމީކޮށް އަދި އިއުލާން ނުކުރާ މި ފިލްމުން ޖާންވީ އަށް ދިން ރޯލް ކުރިން ކުޅެން އޮތީ ކިއާރާ އަދުވާނީ ކަމަށެވެ. ނަމަވެސް އޭނާ އެހެން ފިލްމުތަކެއްގައި ވަރަށް ބުރަކޮށް އުޅެން ޖެހިފައި ވާތީ ވަގުތު ދެވެން ނެތުމުން، ފިލްމު ދޫކޮށްލަން ނިންމުމުން ޖާންވީ އަށް "މިސްޓަ ލޭލޭ" އިން ފުރުސަތު ދިނީ އެވެ.
މި ފިލްމު ދޫކޮށްލަން ކިއާރާ އަށް ޖެހުނު އިރު، އޭނާ އަކީ މިހާރު ކަރަން އަށް ކަމުދާ އެއް ބަތަލާ އެވެ. މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ކިއާރާގެ "ގުޑް ނިއުޒް" އަކީ ވެސް ކަރަންގެ ފިލްމެކެވެ. މި އަހަރު ކުރީކޮޅު ކަރަން ގެނެސްދިން "ކަލަންކް" ގެ ރޯލެއް ވެސް ކުޅުނު ޒުވާން ބަތަލާގެ އަތުގައި މިހާރު ވެސް ކަރަން ޕްރޮޑިއުސް ކުރާ ދެ ފިލްމެއް އެބައޮތެވެ. އެއީ "ޝޭރު ޝާހް" އާއި ނެޓްފްލިކްސް އަށް ދަރުމާ އިން ހަދައިދޭ "ގިލްޓީ" އެވެ.
"މިސްޓަ ލޭލޭ" އިން ޖާންވީ އަށް ފުރުސަތު ލިބުނު އިރު، އޭނާ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވީ ވެސް ކަރަން ޕްރޮޑިއުސްކޮށް، ޝިޝާންކް ޑައިރެކްޓްކުރި "ދަޅަކް" އިންނެވެ. އަދި "މިސްޓަ ލޭލޭ" ވާނީ ވަރުންއާ އެކު ޖާންވީ ކުޅޭ ފުރަތަމަ ފިލްމަށެވެ.
ޖާންވީގެ އަތުގައި ހުރި ކަރަންގެ ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒްކުރާ "ގުންޖަން ސަކްސޭނާ: ދަ ކަރުގިލް ގާލް" އާއި "ދޯސްތާނާ 2" ގެ އިތުރުން "ތަޚުތު" ހިމެނެ އެވެ.
ބޫމީގެ އަތުގައި ވެސް ކަރަންގެ ދެ ފިލްމެއް އެބައޮތެވެ. އެއީ "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ އިތުރުން "ތަޚުތު" އެވެ. އަދި "މިސްޓަ ލޭލޭ" ވެގެން ދާނީ ބޫމީ ވެސް ވަރުންއާ އެކު ކުޅޭ އަލަތު ފިލްމަށެވެ.
"މިސްޓަ ލޭލޭ" އަކީ ވަރުންއާ އެކު ޝިޝާންކް ހަދާ ތިން ވަނަ ފިލްމެވެ. އެ ދެ މީހުން ކުރިން ގެނެސްދިން ދެ ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy