ސަންޖޭ.
16 ޖެނުއަރީ 2020 - 06:31
މި އަހަރު ސިނަމާތަކަށް ގެންނަ މަހޭޝް ބަޓްގެ "ސަޅަކް 2" އަށް އެއްބަސްވީ ޝަރުތަކާ އެކު ކަމަށް އެކްޓަރު ސަންޖޭ ދަތު ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ދެވަނަ ބަޔަށް އެއްބަސްވީ މަހޭޝް ފިލްމު ޑައިރެކްޓްކުރަން އެއްބަސްވާ ނަމަ ކަމަށެވެ. ސަންޖޭ ބުނިގޮތުގައި "ސަޅަކް 2" ލިޔަން މަހޭޝް ނިންމި ހިސާބުން ވެސް ބޭނުންވީ އެ ފިލްމު އޭނާ ޑައިރެކްޓް ވެސް ކުރާށެވެ.
"އެ ނޫން ކަމަށް ވަންޏާ ފިލްމަށް އެއްބަސްނުވާނެ ވާހަކަ އަހަރެން ބުނިން،" ސަންޖޭ ބުންޏެވެ.
"ސަޅަކް 2" އާ މަހޭޝް 20 އަހަރު ފަހުން ޑައިރެކްޝަނަށް ނުކުތް ނަމަވެސް އޭގެ މަސައްކަތުގެ ވައްޓަފާޅި އާއި މަސައްކަތްތަކަށް ބަހައްޓާ ފަރުވާތެރިކަމާއި މިހާރުގެ ޒުވާން ޓެކްނިކަލް މީހުންނާ އެކު މަސައްކަތްކުރަން ވަރަށް ބަރާބަރު ކަމަށް ސަންޖޭ ބުންޏެވެ. އޭނާ ބުނިގޮތުގައި މަހޭޝްގެ ފަރާތުން އަދިވެސް އެންމެ ފާހަގަކުރެވޭ ކަމަކީ އޭނާގެ އެންމެ ރަން ޒަމާނުގައި މަސައްކަތްކުރި ފޯރި އާއި ޖޯޝްގައި މަސައްކަތްކުރުމެވެ.
"އެހެންވެ އަހަރެން ބުނާނީ ތަފާތެއް ފެންނާކަށް ނެތޭ. ވަރަށް ފުރިހަމަ މަހޭޝްގެ މަސައްކަތް،" ސަންޖޭ ބުންޏެވެ.
އޭނާ އެންމެ ފުރަތަމަ މަހޭޝްއާ އެކުޔ މަސައްކަތްކުރީ 1986 ގެ "ނާމް" ގަ އެވެ. އެއީ ސަންޖޭގެ ކެރިއަރުފެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ. އޭގެ ފަހުން 1988 ގެ "ކަބްޒާ"، 1993 ގެ "ގުމްރާހް" އަދި 1999 ގެ "ކާޓޫސް" ކުޅުނެވެ.
މަހޭޝްގެ ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ސަންޖޭއާ އެކު "ސަޅަކް" ގެނެސްދިންތާ 29 އަހަރު ފަހުން މީގެ ދެ ވަނަ ބައި ގެނެސްދޭ އިރު، ޕޫޖާގެ އިތުރުން މަހޭޝްގެ ހަގު އަންހެން ދަރިފުޅު އާލިއާ ބަޓް ވެސް ފިލްމުގައި ހިމެނެ އެވެ. އަދި މި ފިލްމުން އަދިތިޔާ ރޯއި ކަޕޫރް ވެސް ފެންނާނެ އެވެ.
"ސަޅަކް 2" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޖުލައި 10 ގަ އެވެ.
މިދިޔަ އަހަރު "ކަލަންކް" އާއި "ޕްރަސްތާނަމް" އަދި "ޕާނިޕަތު" އިން ފެނިގެން ދިޔަ ސަންޖޭ، 60، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެެރޭގައި "ކޭޖީއެފް: ޗެޕްޓާ 2" އާއި "ޝަމްޝޭރާ"، "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އަދި "ތޯރްބާޒް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy