24 ޖެނުއަރީ 2020 - 08:35
މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު އެކްޓަރަކީ ފުލުފުލުގައި ހިޓް ފިލްމުތައް ގެނެސްދެމުން އަންނަ އަކްޝޭ ކުމާރު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 52 އަހަރުގެ އެކްޓަރު މިހާރު ވަނީ އޭނާ މިހާތަނަށް އެންމެ ބޮޑު އަގެއް ނަގާ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެއީ 120 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) އަށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމަކީ 2018 ގައި ޝާހްރުކް ޚާންގެ "ޒީރޯ" ގެނެސްދިން ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު އެލް ރާއީގެ ފިލްމެކެވެ. އެކަމަކު އޭގެ ނަމެއް ހާމައެއްނުކުރެ އެވެ.
ބައެއް މީޑިއާތަކުން ބުނިގޮތުގައި އަކްޝޭ ސޮއިކުރި ފިލްމަކީ، ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާނާއި އިންޑިއާގެ ދެކުނުގެ މަޝްހޫރު ސުޕަސްޓާ ރަޖްނީކާންތުގެ ދަނބިދަރިފުޅު ދަނޫޝް (ކޮލަވަރީ ޑީ) ވެސް މުހިއްމު ރޯލަކުން ފެންނާނެ ފިލްމެކެވެ. މި ފިލްމު ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ހަންގާމާ އިން ބުނެ އެވެ.
ކުރިން ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ރޯލެއް ރިތިކް ރޯޝަނާއި އަޖޭ ދޭވްގަން އަށް ހުށަހެޅި ނަމަވެސް އެ މީހުން ވަނީ ފިލްމު ގަބޫލުނުކޮށްފަ އެވެ.
މިދިޔަ އަހަރު ހިޓް ހަތަރު ފިލްމެއް ގެނެސްދިން އަކްޝޭ އަކީ ދުނިޔޭގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އަހަރު ލިބުނު 100 އެކްޓަރުންގެ ތެރެއިން ފޯބްސް އެކުލަވައިލި ލިސްޓްގައި ހިމެނޭ ހަމައެކަނި ބޮލީވުޑްގެ ތަރި ވެސް މެ އެވެ. އެ ލިސްޓްގެ 33 ވަނައިގައި އޭނާ ހިމެނުނީ 65 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކީގަ އެވެ.
މިދިޔަ އަހަރު އަކްޝޭ ފެނިގެން ދިޔަ ފިލްމުތަކަކީ "ކޭސަރީ"، "މިޝަން މަންގަލް"، "ހައުސްފުލް 4" އަދި "ގުޑް ނިއުޒް" އެވެ.
މި އަހަރު އޭނާ ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ސޫރިޔާވަންޝީ"، "ލަކްޝްމީ ބޮމްބް"، "ޕްރިތުވީރާޖް" އަދި "ބައްޗަން ޕާންޑޭ" އެވެ.
މީގެ އިތުރުން އަކްޝޭ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ބެލް ބޮޓަމް" ހިމެނެ އެވެ.
ފިލްމުތަކުގެ އިތުރުން އަކްޝޭ އަކީ އެތައް ޕްރޮޑަކްޓެއް އިޝްތިހާރުކޮށްދީގެން ވެސް ބޮޑު އާމްދަނީއެއް ލިބޭ މީހެކެވެ. ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ އަދި ދެ ކުދިންގެ ބައްޕަ އިޝްތިހާރުކޮށްދޭ އުފެއްދުންތަކުގެ އަދަދު 20 އަށް ވުރެ ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy