23 ޖެނުއަރީ 2020 - 07:21
މި މަހުގެ 10 ގައި ރިލީޒްކުރި ފިލްމު "ޗަޕާކް" ގައި ކުޅުނު، އެސިޑް ހަމަލާއަކުން މޫނުމަތީގެ ސިފަ ގެއްލުނު މީހެއްގެ ކެރެކްޓާ އަކީ މިހާތަނަށް ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދާ އެއް ލުކް ފެންނަ ފިލްމު ކަމަށް ބުނެ އެ ލުކް ޓިކްޓޮކް ޗެލެންޖަކަށް ދީޕިކާ ހުޅުވައިލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ދީޕިކާ ޓިކްޓޮކަށް ހުޅުވައިލި ޗެލެންޖްގައި އެދިފައި ވަނީ އޭނާގެ ފުރަތަމަ ފިލްމު "އޯމް ޝާންތީ އޯމް" އާއި "ޕީކޫ" ގެ އިތުރުން "ޗަޕާކް" ގައި ފެންނަ ގޮތަަށް ފޭނުން މޭކަޕްކޮށްފައި ވީޑިއޯތައް ހަދާށެވެ. ދީޕިކާ ބުނިގޮތުގައި އެ ތިން ފިލްމުގައި އޭނާ ފެންނަ ލުކަކަކީ އެންމެ ގަޔާވާ ލުކްތަކެވެ.
Acid attack Make-up ?? How low it can get ??
— Srikanth (@srikanthbjp_) January 18, 2020
Shame on you !! @deepikapadukone
pic.twitter.com/gGIM7I1CZR
"ޗަޕާކް" ގައި ދީޕިކާ ކުޅުނީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ރޯލެވެ. އެހެންވެ މީހަކަށް ދިމާވި ހަގީގީ ހާދިސާއެއްގައި ސިފަ ގެއްލިފައި ވަނިކޮށް، އެކަމަށް ޖޯކް ޖަހާ ގޮތަށް މޭކަޕްކޮށް، ޓިކްޓޮކް ފަދަ ފްލެޓްފޯމެއްގައި ޗެލެންޖެއް ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ޓްވިޓާގައި ދީޕިކާ އަށް ރައްދު ދީފައިވެ އެވެ.
މި މައްސަލާގައި ބައެއް މީހުން ވަނީ "ޗަޕާކް" ބޮއިކޮޓް ކޮށް، އެ ފިލްމު ބަލަން އެއްވެސް ބަޔަކު ހަރަދު ނުކުރުމަށް ގޮވާލައިފަ އެވެ.
ދީޕިކާ އަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި އޭނާގެ މި އަމަލުން ސާބިތުކޮށް ދިނީ އެސިޑް ހަމަލާގެ ޝިކާރައަކަށްވި މީހުންނަށް ހިތްވަރެއްދީ، އެފަދަ ހަމަލާތަކަށް މީހުން ހޭލުންތެރިކުރުވުމުގެ ބަދަލުގައި އަމިއްލަ މަންފާ އަށް ޖެއްސި ޕަބްލިސިޓީ ސްޓަންޓެއްގެ ގޮތުގަ އެވެ. އަދި ލަކްޝްމީގެ ރޯލް އޭނާ ކުޅުނީ އިހުލާސްތެރި ހިތަކާ އެކު ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަނޑުގެ ދިލައިގެ ތެރޭގައި ބަތަލާ ކަންގަނާ ރަނާވަތު ވެސް ވަނީ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ޓިކްޓޮކް ޗެލެންޖަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އޭނާ މާފަށް އެދެން ޖެހޭ ކަމަށް ބުންޏެވެ.
ކަންގަނާ ބުނީ އޭނާގެ އާއިލާގައި ވެސް އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި އަންހެނަކު އެބަހުރި ކަމަށާއި އެފަދަ މީހުންގެ އިހުސާސްތައް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ކަންގަނާގެ ދައްތަ ރަންގޯލީ އަކީ އެސިޑް ހަމަލާއެއްގެ ޝިކާރައެކެވެ. ލޯބީގެ މައްސަލައެއްގައި އޭނާގެ މޫނަށް އެސިޑް ޖެހުމުން، މީހާގެ ސިފަ އަލުން ރުޖޫއަކުރެވުނީ އެތަކެއް ސާޖަރީއެއް ހަދައިގެންނެވެ. އެކަމަކު އަދި ވެސް ރަންގޯލީގެ މޫނުމަތިން އެ ހަމަލާ އިން ލިބުނު އައިބުކަން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy