07 ފެބުރުއަރީ 2020 - 07:33
ދާދި ފަހުން ދީޕިކާ ޕަދްކޯން އާއި ކާތިކް އާރިޔަންގެ ވާހަކަ އެންމެ ބޮޑަށް މީޑިއާތަކުގައި ދެކެވުނީ ދެ ތަރިން މުމްބާއީ އިންޓަނެޝަނަލް އެއާޕޯޓްގެ ބޭރުގައި ނެށުމުގެ ސްޓެޕެއް ޖެއްސި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އޭގައި ފެންނަނީ މިދިޔަ އަހަރު ރިލީޒްކުރި ކާތިކްގެ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ލަވަ "ދީމީ ދީމީ" ގެ ސްޓެޕެއް ކާތިކް، ދީޕިކާ އަށް ދަސްކޮށްދޭ ތަނެވެ.
މި ވީޑިއޯ ވައިރަލްވުމާ އެކު ގިނަ ބަޔަކު ވަނީ ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ނަމައޭ ބުނެފަ އެވެ. އަދި ބައެއް މީޑިއާތަކުން ވަނީ ޑައިރެކްޓަރު އިމްތިއާޒް އަލީ، ކާތިކާއި ދީޕިކާ އަށް ފިލްމަށް ހުށަހެޅި ވާހަކަ ވެސް ރިޕޯޓްކޮށްފަ އެވެ.
ކާތިކާއި ސާރާ އަލީ ޚާނާ އެކު އެކު މި މަހުގެ 14 ގައި އިމްތިއާޒް ގެނެސްދޭ "ލަވް އާޖް ކަލް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިން އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ވަނީ އެކަހަލަ ވާހަކަތަކެއް އަޑުއެހި ކަމަށް ބުނެފަ އެވެ.
"މިހާތަނަކަށް ރަސްމީކޮށް ފިލްމެއްގެ ވާހަކަ ދެކެވިފައެއް ނެތް. އެކަމަކު އެއީ ހަމަ ވެދާނެ ކަމެއް. އަހަރެން އަލުން ބޭނުން ދީޕިއާ އެކު މަސައްކަތްކުރަން ވެސް،" އިމްތިއާޒް ބުންޏެވެ.
އޭނާގެ ދެ ފިލްމެއް ދީޕިކާ ކުޅެފައިވެ އެވެ. އެއީ 2009 ގެ "ލަވް އާޖް ކަލް" އާއި 2015 ގެ "ތަމާޝާ" އެވެ. ސައިފް އަލީ ޚާނާ އެކު ދީޕިކާ ކުޅުނު "ލަވް އާޖް ކަލް" އަކީ ވަރަށް ކާމިޔާބު ފިލްމެއް ނަމަވެސް ރަންބީރު ކަޕޫރާ އެކު ކުޅުނު "ތަމާޝާ" އަކީ ބެލުންތެރިންނަށް އެހާ ކަމުދިޔަ ފިލްމެއް ނޫނެވެ.
"ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒް ބުނީ ދީޕިކާ އަކީ އޭނާ އެންމެ ގަޔާވާ ބަތަލާއިންގެ ތެރެއިން އެކަކު ކަމަށާއި އަބަދު ވެސް ހުނަރުވެރި ބަތަލާއާ އެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ.
އިމްތިއާޒް.
މިދިޔަ މަހު ރިލީޒްކުރި "ޗަޕާކް" ގެ ބަތަލާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "މަހާބާރާތު" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ފިލްމަކާއި ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ރިމެކް ހިމެނެ އެވެ. މި ތިން ފިލްމުގައި ވެސް އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy