14 ފެބުރުއަރީ 2020 - 08:27
މިހާތަނަށް އެކީގައި ދެ ފިލްމު ކުޅެފައިވާ ޝާހިދު ކަޕޫރާއި އާލިއާ ބަޓް އިތުރު ފިލްމަކަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ "އުޅުތާ ޕަންޖާބު" އާއި "ޝާންދާރު" ގައި އެކީގައި މަސައްކަތްކުރި ދެ ތަރިން ފެނިގެންދާނެ ތިން ވަނަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. އަދި މިއީ އަލަށް ޑައިރެކްޝަނަށް ނުކުންނަ މީހަކު ހަދާ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށް ބުންޏެވެ.
ބައެއް ނޫސްތަކުން ބުނިގޮތުގައި މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޝާހިދު މި ވަގުތު ކުޅެމުން އަންނަ ފިލްމު "ޖާޒީ" ގެ ޝޫޓިން ނިމުމާ އެކު، ހަށިގަނޑު ވަރުގަދަކޮށް، ބިޔަކުރުމުގެ މަސައްކަތް ފަށާނެ އެވެ.
މުމްބާއީ މިރާ އިން ބުނިގޮތުގައި ޝާހިދާއި އާލިއާގެ އާ ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ. އަދި އޭގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ ކަމަށް ބުންޏެވެ.
އާލިއާ މި ވަގުތު ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ" ގެ މަސައްކަތްކުރަމުން އަންނަ އިރު، އަންނަ މަހު އޭނާ ކަރަން ޖޯހަރުގެ "ތަޚުތު" ގެ ޝޫޓިން ވެސް ފަށާނެ އެވެ. ހުނަރުވެރި ބަތަލާ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ގަންގްބާއީ" ގެ އިތުރުން ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އާއި އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ.
މި ފިލްމުތަކުގެ ތެރެއިން މި އަހަރު ސިނަމާތަކަށް އަންނާނެ ފުރަތަމަ ފިލްމަކީ ޖުލައި 10 ގައި ރިލީޒްކުރާ "ސަޅަކް 2" އެވެ.
ޝާހިދުގެ "ޖާޒީ" އަކީ މި އަހަރުގެ އޮގަސްޓް 28 އަށް ތާވަލުކޮށްފައި އޮތް ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy