ސަރޮގޭޓްކޮށްގެން ޝިލްޕާ ޝެޓީ އަށް އަންހެން ދަރިއަކު ލިބިއްޖެ

މިހާރު ހަތް އަހަރުގެ ފިރިހެން ދަރިއަކު ހުރި، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ އަށް ސަރޮގޭޓްކޮށްގެން އަންހެން ދަރިއަކު ލިބިއްޖެ އެވެ.


ޝިލްޕާ އާއި ފިރިމީހާ ރާޖް ކުންދުރާ އަށް ލިބުނު މި ކުއްޖާ އުފަންވީ މި މަހުގެ 15 ދުވަހު އެވެ. އަދި ނަމަކީ ސަމީޝާ ޝެޓީ ކުންދުރާ އެވެ. މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޝިލްޕާ ބުނީ އިތުރު ދަރިއަކު ލިބުމަކީ އޭނާ އާއި މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޝިލްޕާ އާއި ރާޖް 2009 ގައި ކުރި ކައިވެންޏަށް ލިބުނު އަލަތު ދަރުފުޅަކީ ވިއާން ރާޖް ކުންދުރާ އެވެ.

ދެވަނަ ދަރިއަކު ހޯދި އިރު އޭނާ މިހާރު އަންނަނީ 13 އަހަރުގެ މެދުކެނޑުމަކަށް ފަހު، މި އަހަރު ބޮޑު ސްކްރީނަށް އަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ދެ ފިލްމެއްގެ މަސައްކަތް ޝިލްޕާ އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން ފުރަތަމަ ފިލްމު "ނިކައްމާ" ސިނަމާތަކަށް އަންނާނީ ޖޫން 5 ގަ އެވެ. އަދި "ހަންގާމާ 2" ރިލީޒްކުރާނީ އޮގަސްޓް 14 ގަ އެވެ.

ސަރޮގޭޓްކޮށްގެން ޝިލްޕާގެ ދެމަފިރިން ދަރިއަކު ހޯދި އިރު، ކައިވެނިކޮށްގެން އުޅުނު ނަމަވެސް ސަރޮގޭޓް ހަދައިގެން ދަރިން ހޯދި ބޮލީވުޑްގެ ތަރިންގެ ތެރޭގައި ޝާހްރުކް ޚާނާއި އާމިރު ޚާން ހިމެނެ އެވެ. އަދި ކައިވެންޏެއް ނުކޮށް ސަރޮގެސީ މެދުވެރިކޮށް ދަރިން ހޯދި މަޝްހޫރު ފަންނާނުންގެ ތެރޭގައި ޑައިރެކްޓަރު ކަރަން ޖޯހަރާއި ޕްރޮޑިއުސަރު އެކްތާ ކަޕޫރާއި އޭނާގެ ކޮއްކޮ ތުޝާރު ކަޕޫރާއި ބަތަލާ ސަނީ ލިއޯނީ ފަދަ ތަރިން ހިމެނެ އެވެ.