ރަޝްމީ.
08 މާޗް 2020 - 07:18
ކަލާޒް ޗެނެލުން ދައްކަމުން އަންނަ އެކްތާ ކަޕޫރްގެ ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަންގެ ރޯލެއް، ދާދި ފަހުން ނިންމައިލި "ބިގް ބޮސް" ސީޒަން 13 ގައި ވާދަކުރި ބަތަލާ ރަޝްމީ ދެސާއީ އަށް ހުށަހަޅައިފި އެވެ.
މުނިފޫހި ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނިގޮތުގައި "ބިގް ބޮސް 13" ގެ ހަތަރު ވަނަ އަށް ދިޔަ ރަޝްމީ އަށް "ނާގިން 4" އިން ހުށަހަޅާފައި ވަނީ ކުރިން ޖޭސްމިން ބާސިން ކުޅުނު ނަޔަންތަރާގެ ކެރެކްޓާ އެވެ. އެ ކެރެކްޓާ ދާދި ފަހުން ވަނީ މަރުވެފަ އެވެ. އެހެންވެ އަލުން އެނބުރި އަންނަ އިރު ނަޔަންތަރާ ފެނިގެންދާނީ ރަޝްމީގެ ސިފައިގައި ކަމަށްވެ އެވެ.
ރަޝްމީ އާއި ޖޭސްމިން އަކީ ކުރިން އެކީގައި ސިލްސިލާއެއް ވެސް ކުޅެފައިވާ ދެ ތަރިންނެވެ. އެއީ "ބިގް ބޮސް 13" ކާމިޔާބުކުރި ސިދާތު ޝުކްލާ ބަތަލުގެ ރޯލް ކުޅުނު 2018 ގެ "ދިލް ސޭ ދިލް ތަކް" އެވެ. އެ ސިލްސިލާ އަކީ އޭރު ރަޝްމީ އާއި ސިދާތުގެ މެދުގައި ބޮޑެތި ކޯޅުންތަކެއް ހިނގައި، ކުރިއަށް ނުގެންދެވިގެން ހުއްޓައިލަން ޖެހުނު ސިލްސިލާއެކެވެ.
ޖޭސްމިން (ކ) "ނާގިން 4" ގެ އަނެއް ދެ ލީޑް ތަރިންނާ އެކު.
އެހެންވެ "ނާގިން 4" އިން ރަޝްމީ ފެނުންވެގެން ދާނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ ސިލްސިލާއަކުން ފެންނަ ފުރަތަމަ ފަހަރަށެވެ
"ނާގިން 4" ގެ ކާސްޓުންގެ ތެރޭގައި ނިއާ ޝަރުމާ އާއި މި ސިލްސިލާގެ ތިން ވަނަ ސީޒަނުން ވެސް ފެނުނު އަނީތާ ހަސަނަންދާނީގެ އިތުރުން ވިޖެޔަންދަރު ކުމާރު ހިމެނެ އެވެ.
"ނާގިން" އަކީ އެކްތާ 2015 ގައި ގެނެސްދޭން ފެށި ސިލްސިލާއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy