"އޭކް ވިލަން 2" ގެ ކާސްޓް.
13 މާޗް 2020 - 07:23
ޑަބަލް ރޯލެއް ކުޅެން ސިދާތު މަލްއުތުރާ ދާދި ފަހުން ސޮއިކުރި ފިލްމުގެ ބަތަލާގެ ރޯލަށް މުރްނާލް ތާކޫރް ސޮއިކޮށްފި އެވެ.
މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ އެކްޝަން ތުރިލާ "ތަޅަމް" ގެ ހިންދީ ރިމެކެވެ. ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. މީގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ވަރުދާން ކެތުކަރެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޓީ ސީރީޒްގެ ބުޝަން ކުމާރާއި މުރާދު ކެތާނީ އެވެ.
ބޮލީވުޑް ހަންގާމާ އޮން ބުނިގޮތުގައި "ތަޅަމް" ގެ ހިންދީ ފިލްމުގައި މުރްނާލް ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. މިދިޔަ އަހަރު "ސުޕަ 30" އާއި "ބަތުލާ ހައުސް" ކުޅުނު ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ އޮކްޓޯބަރު 2 ގައި ރިލީޒްކުރާ ފަރުހާން އަޚްތަރުގެ "ތޫފާން" އެވެ.
"ތަޅަމް" ގެ ރިމެކަށް މުރުނާލް ސޮއިކުރި އިރު، އޭނާ ވަނީ ޑައިރެކްޓަރު އުމޭޝް ޝުކްލާގެ "އާނކް މިޗޯލީ" ގެ ޝޫޓިން ވެސް ނިންމާލައިފަ އެވެ.
އަންނަ މެއި ނުވަތަ ޖޫންގައި ޝޫޓިން ފަށާ "ތަޅަމް" ގެ ހިންދީ ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުތެރޭގަ އެވެ.
މިދިޔަ މަހު ގެނެސްދިން "މަލަންގް" އަށް ފަހު މޯހިތު ސޫރީ ޑައިރެކްޓްކުރާ "އޭކް ވިލަން 2" ގެ ކާސްޓުން ފައިނަލްވެއްޖެ އެވެ.
ފިލްމުގެ ބަތަލުންނަކީ ޖޯން އަބްރަހަމާއި އަދިތިޔާ ރޯއި ކަޕޫރެވެ. ބަތަލާއިންނަކީ ޑިޝާ ޕަޓާނީ އާއި ތާރާ ސުތާރިއާ އެވެ. ކުރިން އަޑު އަރާފައިވާ ގޮތަށް ފިލްމުގެ ކާސްޓަކު ކިއާރާ އަދުވާނީއެއް ނުހިމެނެ އެވެ. ތާރާ އަކީ މިދިޔަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވި ބަތަލާއެކެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ "މަރުޖާވާ" އިންނެވެ.
"އޭކް ވިލަން 2" އަކީ ބުޝަން ކުމާރާއި އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 8 އެވެ.
"އޭކް ވިލަން 2" އަކީ ސިދާތާއި ޝްރަދާ އަދި ރިތޭޝް ދޭޝްމުކް 2014 ގައި ކުޅުނު "އޭކް ވިލަން" ގެ ދެވަނަ ބައެވެ.
ދާދ ފަހުން ޒީ ނެޓްވޯކްގެ ޑިޖިޓަލް ޕްލެޓްފޯމް ޒީ5 ގެ ވެބް ސީރީޒަކަށް ސޮއިކުރި ސަނީ ޑިއޯލް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ މެމްބަރުކަން ވެސް ކުރަމުން އަންނަ އެކްޓަރު ސޮއިކުރި އާ ފިލްމަކީ ދެކުނުގެ ޑައިރެކްޓަރު ހަނޫ ރަގަވްޕުޅީ ޑައިރެކްޓްކުރާ ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ނަމަވެސް އޭގެ ނަމާއި ކާސްޓުންނާއި މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
މި ފިލްމުގެ ޕްރޮޑިއުސަރަކީ ސަނީގެ "އަޕްނޭ" އާއި "ސިންގް ސާބް ދަ ގްރޭޓް" ގެ ޕްރޮޑިއުސަރު އަނުޖް ޝަރުމާ އެވެ.
ސަނީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ބްލޭންކް" އިންނެވެ.
ކަލާޒުން މިދިޔަ މަހު ނިންމައިލި "ބިގް ބޮސް 13" ގެ ތެރެއިން ވަރުގަދަ ގުޅުމެއް އުފެދުނު ޕާރަސް ޗާބްޅާ އާއި މާހިރާ ޝަރުމާ އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ދައްކާލައިފި އެވެ.
The most anticipated love song of the season #Baarish featuring Abracadabra @paras_chhabra
— Paras Chhabra Army (@paras_army) March 10, 2020
and @MahiraSharma_ is out! You got to listen to this masterpiece. ❤#ParasChhabra #MahiraSharma #Pahira https://t.co/lEV8txVOQd
"ބާރިޝް" ގެ ނަން ދީފައިވާ މި ލަވަ އަކީ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރްގެ ބޭބެ ޓޯނީ ކައްކަރާއި ނިކިލް ޑި ސޫޒާ ކިޔާފައިވާ ލަވައެކެވެ. މީގެ މިއުޒިކާއި ޅެން ވެސް ހެދީ ޓޯނީ އެވެ.
ޕާރަހާއި މާހިރާގެ ލަވައެއް ދައްކައިލި އިރު "ބިގް ބޮސް 13" ގެ ދެވަނަ އަށް ދިޔަ އާސިމް ރިއާޒާއި ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒް ކުޅުނު ވީޑިއޯ ލަވަ ވެސް މި ހަފުތާގައި ވަނީ ދައްކާލައިފަ އެވެ. އަދި މި މަހުގެ 18 ގައި އާސިމާއި ހިމާންޝީ ކްރާނާގެ ލަވައެއް ވެސް ދައްކައިލަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ލަވަ ކިޔާފައި ވަނީ ނޭހާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy