15 މާޗް 2020 - 07:31
އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ސަލްމާން ޚާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގެ ރޯލަކަށް "ބިގް ބޮސް 13" އިން ވިދައިލި އާސިމް ރިއާޒް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި ސަލްމާން ހޯސްޓްކުރި ޝޯގެ ދެވަނަ އަށް ދިޔަ އާސިމް "ކަބީ އީދު ކަބީ ދިވާލީ" ގައި ފެނިގެން ދާނީ ސަލްމާންގެ ކޮއްކޮއެއްގެ ރޯލުންނެވެ. މި ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.
މީގެ ރޯލަކަށް އާސިމް ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ދާދި ފަހުން އާސިމް ވަނީ ސަލްމާންގެ ފަރާތުން ފުރުސަތެއް ލިބިފައިވާ ކަމަށް ބުނެ، އޭނާ ވާހަކަ ދައްކާ އިރު ހުންނަ އެކްސެންޓަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ބުނެފަ އެވެ.
އާސިމް "ބިގް ބޮސް 13" ގައި މާ ބޮޑަށް ހުޅަނގުގެ ސްޓައިލަކަށް އިނގިރޭސީން ވާހަކަ ދައްކާ ކަމަށް ބުނެ އެ ޝޯ ފެށުނީއްސުރެ ނިމެންދެން ސަލްމާން އެންމެ ބޮޑަށް އާސިމާ ދިމާކޮށްފައި ވަނީ އެކްސެންޓާ ގުޅުވައިގެންނެވެ.
"ކަބީ އީދު ކަބީ ދިވާލީ" އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ތާވަލުކޮށްފައިވާ އިރު، މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނެފައިވާ ގޮތުގައި މީގެ ރޯލަކަށް ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާ ވެސް ސޮއިކޮށްފައިވެ އެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން މީގެ ރޯލަކުން ސަލްމާން މިދިޔަ އަހަރު ޕްރޮޑިއުސްކުރި ފިލްމު "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރު ޒަހީރު އިގްބާލް ވެސް ފެންނާނެ އެވެ.
"ކަބީ އީދު ކަބީ ދިވާލީ" ގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.
"ބިގް ބޮސް 13" އިން ލިބުނު މަޝްހޫރުކަމާ އެކު އާސިމް ދާދި ފަހުން، ބޮލީވުޑްގެ ބަތަލާ ޖެކްލިން ފެނަންޑޭޒާ އެކު ކުޅުނު ވީޑިއޯ ލަވަ "މެރޭ އަގްނޭ މޭ" ދައްކާލާފައިވާ އިރު، އޭނާ އާއި ލޯބިވެރިޔާ ހިމާންޝީ ކުރާނާ ކުޅެފައިވާ ވީޑިއޯ ލަވަ "ކައްލާ ސޯނާ ނައި" މި މަހުގެ 19 ގައި އާންމުންނަށް ދޫކޮށްލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޢިމް
15 March 2020
ދެން ސަލްމާން ފެންނަންޏާ ހެޔޮ!
ހަރީ
15 March 2020
ތި އާސިމެއް ދެކެ ވާ ފޫހި ނޭނގެ ބުނަންވެސް