މި މަހުގެ އަށް ވަނަ ދުވަހު އިއުލާންކުރި ފިލްމު "ހެހެސް" ގެ ޝޫޓިން ފަށައިފި އެވެ.
އަހުމަދު ނިމާލު ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މި ވަގުތު ކުރިއަށް ދަނީ ބ. ގޮއިދޫގަ އެވެ. ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ އެ ރަށާއި މާލޭގަ އެވެ.
މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަށް ހަދާ ސަންސްޕެންސް ތުރިލާއެކެވެ. "ހެހެސް" ގެ ބަތަކުންނަކީ ޔޫއްޕެ އާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ. މީގެ ބަތަލާއިންނަކީ ފިލްމަކުން އަލަށް ފެންނަ ޝިޔާޒާ މުހައްމަދުގެ އިތުރުން މަރިޔަމް ޝިފާ، އިރުފާނާ އިބްރާހީމް، ވަޝިއްޔާ މުހައްމަދު (ޝިޔާ) ގެ އިތުރުން އައިޝަތު ލަހުފާ އެވެ.
"ހެހެސް" އަކީ 2016 ގައި ގެނެސްދިން ބިރުވެރި ފިލްމު "އެ ރެއަށް ފަހު" ނިމާލު ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ފީޗާ ފިލްމެވެ. އޭނާ އަކީ ދިވެހި ސިނަމާގެ އެންމެ ތަޖުރިބާކާރު އެއް ޑައިރެކްޓަރެވެ. ނިމާލު ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސިޓީ" އާއި "ޒަލްޒަލާ އެނބުރި އައުން" އާއި "އަނިޔާ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ޓެގް ލައިނަކަށް "އިން ފަހަނައެޅި އިޝްގް" ހިމަނާފައިވާ މި ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
އިބްރާހީމް މޫސަ (ދަނބަ) ކެމެރާކުރާ މި ފިލްމަކީ ޔޫއްޕެގެ ފިލްމު ކުންފުނި ޔޫއްޕެ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ޝައި ޕްރޮޑަކްޝަނުން ހަދާ ފިލްމެކެވެ. އެ ދެ މީހުން ގުޅިގެން ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި "ބައިވެރިޔާ" އާއި "ނޯޓީ 40" އާއި "+40" ފާހަގަކޮށްލެވެ އެވެ.