ހީނާ ޚާން ކުޅުނު ފުރަތަމަ ފިލްމަށް ބޭރުގެ އެވޯޑެއް

އިންޑިއާގެ ބަތަލާ ހީނާ ޚާން ކުޅުނު ފުރަތަމަ ބޮލީވުޑް ފިލްމު "ލައިންސް" އަށް ބޭރުގެ އެވޯޑެއް ލިބިއްޖެ އެވެ.


ސިނަމާތަކަށް އަދި ރަސްމީކޮށް ނުގެންނަ މި ފިލްމަށް ލިބިފައި ވަނީ ދާދި ފަހުން އެމެރިކާގައި ބޭއްވި ނިއު ޔޯކް ސިނަމޮޓޯގްފަރީ އެވޯޑްސްގެ ބެސްޓް ފީޗާ ފިލްމު އެވޯޑެވެ. އެ އެވޯޑް ލިބުނު ވާހަކަ ހީނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެެ. އޭނާ ބުނީ "ލައިންސް" އަށް އެފަދަ އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އަހަރުގެ ފަހުކޮޅު ރަޝިއާގައި ބާއްވާ ގޯލްޑެން އީގަލް އެވޯޑަށް ވެސް ފިލްމު ކޮލިފައިވެފައިވާ ކަމަށެވެ.

"ލައިންސް" އަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ" ގެ ނެގަޓިވް ރޯލް ކޮމަލިކާގެ ކެރެކްޓާ ދޫކޮށްލުމަށް ފަހު، ހީނާ ކުޅުނު ފުރަތަމަ ފިލްމެވެ. އެކަމަކު ސިނަމާތަކަށް އައި އޭނާގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ވިކްރަމް ބަޓްގެ ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.

ކަޝްމީރުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ "ލައިންސް" އަކީ ހުސައިން ޚާން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ޕްރޮޑިއުސަރުންނަކީ ރާހަތު ކަޒްމީ އާއި ތާރިގް ޚާނާއި ޒޭބާ ސާޖިދެވެ.

ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ "ލައިންސް" ގެ ފަސްޓްލުކް ދައްކާލީ މިދިޔަ އަހަރު ބޭއްވި 72 ވަނަ ކާންސް ފިލްމު ފެސްޓިވަލްގަ އެވެ.

ހީނާ ބުނީ އޭނާ ކުޅުނު ފުރަތަމަ ފިލްމު އަބަދު ވެސް ވަރަށް ހާއްސަ ކަމަށާއި "ލައިންސް" އަކީ އޭނާގެ ހިތާ ވަރަށް ގާތް ކެރެކްޓާއެއް ކުޅުނު ފިލްމެއް ކަމަށެވެ. މީގެ ކާސްޓުންގެ ތެރޭގައި ފަރީދާ ޖަލާލާއި ރިޝީ ބުޓާނީ ހިމެނެ އެވެ.