ކްރިތީ.
26 މާޗް 2020 - 07:34
އެކްޓަރު ރިތިކް ރޯޝަނަކީ ވަރަށް ޕްރޮފެޝަނަލް އަދި އިންސްޕިރޭޝަނެއްގެ ގޮތުގައި އަބަދު ވެސް ދެކޭ އެކްޓަރެއް ކަމަށާއި އޭނާއާ އެކު ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ކަމަށް ޒުވާން ބަތަލާ ކްރިތީ ސެނަން ބުނެފި އެވެ.
ބޮލީވުޑްގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކްރިތީ ބުނީ އޭނާ އަކީ ރިތިކްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އަދި ރިތިކް 2000 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ފިލްމު "ކަހޯ ނާ ޕިޔާރު ހޭ" އަކީ ވަރަށްް ބޮޑު ފެވަރިޓެއް ކަމަށް ބުންޏެވެ.
"އޭނަގެ ޕޯސްޓަރުތައް ވެސް އަހަރެންގެ ކޮޓަރީގެ ފާރުތަކުގައި ކުރިން ވަރަށް ގިނައިން ހުންނާނެ. އަހަރެން މިހާރު މި އިންތިޒާރުކުރަމުން އަންނަނީ ރިތިކާ އެކު ފިލްމެއް ކުޅެން ލިބޭނެ ދުވަހަކަށް." ޕާނިޕަތާއި ހީރޯޕަންތީ އަދި ލުކާ ޗުއްޕީ ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބުންޏެވެ. "ވަރަށް ގިނަ އިންޓަވިއުތަކުގައި ކުރިން ވެސް އަހަރެން ހަމަ މި ވާހަކަ ދައްކާފައި ހުންނާނެ."
ކްރިތީ ބުނީ އޭނާއާ ރިތިކާ ބައްދަލުވެ ވާހަކަ ވެސް ދެކެވިފައިވާ ކަމަށާއި އެއީ ވަރަށް ހިތްހެޔޮ ވެސް މީހެއް ކަމަށެވެ.
"އޭނާގެ ފަރާތުން އަހަންނަށް ފާހަގަކުރެވޭ އެންމެ ހާއްސަ އެއް ސިފަ އަކީ ކުރާ ކޮންމެ ކަމެއް ވަރަށް މޮޅަށް އަދި އެހާމެ ފުރިހަމަ އަށް ކުރާ މީހެއްކަން. އެހެންވެ ރިތިކަކީ އިންސްޕިރޭޝަނެކޭ ބުނާ ހިތްވަނީ،" އޭނާ ބުންޏެވެ. "ރިތިކާ އެކު މަސައްކަތްކޮށްލަން ލިބޭނީ ކޮން އިރަކު، ކޮން ކަހަލަ ފިލްމަކުން ކަމެއް ނޭނގުނަސް، އެފަދަ ފުރުސަަތަކަށް އަހަރެން ކުރާ އުންމީދު އަބަދު ވެސް އޮންނާނެ."
މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިތިކްގެ ސުޕަހީރޯ ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު "ކްރިޝް 4" ގެ އިން ކްރިތީ ފެނުމުގެ ފުރުސަތު ބޮޑެވެ. އެ ފިލްމަކީ ކުރިން މި އަހަރު ގެނެސްދޭން ރޭވި ފިލްމެއް ނަމަވެސް، ރިތިކްގެ ބައްޕަ އަދި ޑައިރެކްޓަރު ރާކޭޝް ރޯޝަން ސިއްހީ މައްސަލަތަކެއްގެ ތެރޭގައި އުޅޭތީ ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.
މީގެ އިތުރުން ރޯހިތު ޝެޓީއާ ގުޅިގެން ފަރާ ޚާން ހަދާ ފިލްމުން ވެސް ރިތިކާއި ކްރިތީ އަށް ފުރުސަތު ލިބިފައިވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
ކްރިތީގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޖުލައިގައި ގެނެސްދޭ "މިމީ" އެވެ. އެ ފިލްމުގައި ރަހިމު ވިއްކައިގެން އާމްދަނީ ހޯދާ މައެއްގެ ރޯލް ކުޅެން ވަރަށް ބޮޑަށް ފަލަވުމަށް ފަހު އޭނާ މިހާރު އަންނަނީ ހިކެން މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy